ރަމަޟާން މަހު ސޫދާނުގައި ޙަމަލާތައް ހުއްޓައިލަން އަސްކަރިއްޔާއިން އެއްބަހެއް ނުވި

ސޫދާނުގައި ކުރަމުންދާ ދާޚިލީ ހަނގުރާމާގައި، ކުރިއަށް އޮތް ރަމަޟާން މަހު ޙަމަލާތައް ހުއްޓައިލަން އެކުވެރި އަރަބި އިމާރާތް (ޔޫއޭއޭއީ)ން ހުށަހެޅި ހުށަހެޅުން ބަލައިގަންނަން ސޫދާނުގެ އަސްކަރިއްޔާއިން ދެކޮޅު ހަދާފައިވާ ކަމަށް ޔޫއޭއީގެ އޮފިޝަލަކު ވިދާޅުވެއްޖެއެވެ.
ސޫދާނުގެ ރެޕިޑް ސަޕޯޓް ފޯސަސް (އާރުއެސްއެފް)ގެ ހަނގުރާމެރިންނަށް ޔޫއޭއީން ހަތިޔާރު ފޯރުކޮށްދޭ ކަމަށް ސޫދާނުގެ އަސްކަރިއްޔާއިން ދަނީ ތަކުރާރުކޮށް ތުހުމަތުކުރަމުންނެވެ.
އެ ތުހުމަތުތަކުގައި ބުރަދަން ހުރި ކަމަށް އދ.ގެ ކަމާ ގުޅޭ މާހިރުންނާއި އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުގެ ބައެއް މެމްބަރުން ވިދާޅުވަމުންދިޔަނަމަވެސް، އެ ތުހުމަތުތައް ޔޫއޭއީން ވަނީ ދޮގުކޮށްފައެވެ.
ސޫދާންގައި ދާޚިލީ ހަނގުރާމަ ފަށާފައި ވަނީ, ރެޕިޑް ސަޕޯޓް ފޯސަސް (އާރުއެސްއެފް)ގެ ސިފައިން 2023ވަނަ އަހަރުގެ އޭޕްރިލް މަހު ވެރިރަށް ޚަރްތޫމަށް އަރައި, އެ ރަށް ހިފުމަށް ޙަމަލާ ދިނުމުންނެވެ. އެ ޤައުމުގެ އަސްކަރިއްޔާއާ ބަދަލުކުރަމުން ދާ ޙަމަލާތައް ހުއްޓުމަކަށް ގެނައުމަށް އެއްބަސްވުމެއް ޤާއިމުކުރުމުގެ މަސައްކަތްތައް މިހާތަނަށް ކާމިޔާބު ނުވެ ލޭއޮހޮރުވުންތައް ދަނީ އިތުރުވަމުންނެވެ.
މި ހަނގުރާމާފައި، ސޫދާނުގައި 12 މިލިއަނަށް ވުރެ ގިނަ މީހުންގެ ގެދޮރު ގެއްލި، އާބާދީގެ ދެ ބައި ކުޅަ އެއް ބައި ވަނީ ބަނޑަށްޖެހިފައެވެ.
"ރަޙުމަތާއި އޯގާތެރިކަމުގެ މައްސަރު ކަމަށްވާ މާތް ރަމަޟާން މަހާ ކައިރިވަމުން އަންނައިރު، އިންސާނިއްޔަތަށްޓަކައި ޙަމަލާތައް ހުއްޓައިލުމަށް ޔޫއޭއީން މި ގޮވާލަނީ،" އެ އޮފިޝަލް ވިދާޅުވިއެވެ.
ނަމަވެސް، ސޫދާނުގެ ގިނަ ސިޓީތަކަށް ހަނގުރާމަވެރިން ދެމުންދާ ޢުދުވާނުތަކާއި ހިފާފައިވާ ސަރަޙައްދުތަކުން ފޭބުމުގެ ކުރިން، ރަމަޟާން މަހު ޙަމަލާތައް ހުއްޓައިލަން އެއްބަސްނުވާނެ ކަމަށް، ސޫދާނުގެ އަސްކަރިއްޔާގެ އިސް ވެރިޔަކު 'ރޮއިޓަރސް' ނޫހަށް ވިދާޅުވިއެވެ.
ޙަމަލާތައް ހުއްޓައިލުމުގެ އެއްބަސްވުމެއްގެ އިތުރުން، ސޫދާނަށް ބޭނުންވާ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި އަންނަ ހުކުރު ދުވަހު ސަމިޓެއް ބާއްވަން ވެސް ޔޫއޭއީން ވަނީ ތައްޔާރުވެފައެވެ.
އެ ސަމިޓުގެ ތެރެއިން 200 މިލިއަން ޑޮލަރުގެ އެހީ ޔޫއޭއީން އިޢުލާނުކުރާނެ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
ނަމަވެސް، ސޫދާނުގެ ސިޔާދަތާއި މިނިވަންކަން ހިމާޔަތްކުރަން ކުރާ މަސައްކަތަށް ހުރަސްއެޅޭ ގޮތަށް ބާއްވަން އުޅޭ އެ ސަމިޓާ ދެކޮޅަށް ވެސް ސޫދާނުގެ ސަރުކާރުން ވަނީ ތެދުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ