އައްޑޫ ކަރަންޓުގެ މައްސަލައަށް ސަރުކާރުން އަވަސް ހައްލެއް ހޯދައިދޭން ޖެހޭ: ޝާހިދު

މާލެ ފިޔަވައި، ރާއްޖޭގެ އެންމެ އާބާދީ ބޮޑު އައްޑޫ ސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ޚާއްސަ ޕްލޭންތަކެއް އެކުލަވާލައި، މި މައްސަލައަށް އަވަސް ހައްލެއް ހޯދަން ޖެހޭ ކަމަށް އިދިކޮޅު އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެއެވެ. އައްޑޫސިޓީގެ ގުޅިފައިވާ ރަށްތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑޭތާ ދުވަސްތަކެއް ވަނީ ވެފައެވެ. އެހެންވެ، އެކަމާ ގުޅުވައި ކަންބޮޑުވުން ފާޅުކުރައްވައި، ޝާހިދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، އެ ސިޓީގެ ކަރަންޓާއި ފެނާއި ނަރުދަމާގެ ހާލަތު އޮތީ ވަރަށް 'ނާޒުކު' ފައްތަރެއްގައި ކަމަށެވެ. https://x.com/abdulla_shahid/status/1889930699798646841 އޭގެތެރެއިން، ޚާއްސަކޮށް، ކަރަންޓުގެ ހާލަތު ގޯސްވުމުގެ ސަބަބުން އާންމު ރައްޔިތުންގެ މުދަލާއި ވިޔަފާރިތަކަށް ގިނަ ގެއްލުންތަކެއް ލިބެމުންދާ ކަމަށް ޝާހިދު ވިދާޅުވިއެވެ. ޝާހިދު ވަނީ މައްސަލަ ހައްލުކުރުމަށް ސަރުކާރުން އެކަށީގެންވާ ފިޔަވަޅުތަކެއް އަޅާތަނެއް ނުފެންނަ ކަމަށް ތުހުމަތުކުރައްވާފައެވެ. "އައްޑޫއަކީ މާލެ ފިޔަވައި ރާއްޖޭގެ އެންމެ ބޮޑު އާބާދީ އޮތް ސިޓީ ކަމަށްވާއިރު، މިކަން ހައްލުކުރުމަށް ސަރުކާރުން ހާއްސަ ޕްލޭންތަކެއް އެކުލަވާލައި، އަވަސް ހައްލެއް ހޯދައިދޭން އެބަޖެހޭ." އޭނާ ވިދާޅުވިއެވެ. އިތުރަށް އޭނާ ވިދާޅުވީ، އައްޑޫގެ ކަރަންޓު މައްސަލައަށް ހައްލެއް ނުލިބި 'ދިގުލައިގެން' ދިޔުމުން ސަރުކާރުން އެކަން ހައްލުކުރުމަށް ދޭންޖެހޭ މިންވަރަށް ސަމާލުކަން ދޭކަމަށް ގަބޫލެއް ނުކުރެވޭ ކަމަށެވެ. އެހެންވެ، ޝާހިދު ވަނީ، އަންނަ މާޗު މަހު ފެށޭ ރޯދަ މަހު ކަރަންޓުގެ ޚިދުމަތުން އައްޑޫ ރައްޔިތުން މަހުރޫމު ނުކުރުމަށާއި އެކަމަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ސަރުކާރަށް ގޮވާލާފައެވެ. މީގެކުރިން އައްޑޫ ސިޓީ ކައުންސިލުން ވަނީ އެ ސިޓީގައި ކަރަންޓު ބޭނުންކުރާ ނިސްބަތް އިތުރުވަމުން އަންނައިރު، ކަރަންޓު ކެނޑުމުގެ މައްސަލަ ހައްލުކުރަން ކުރެވުނު މާބޮޑު ކަމެއް ނެތްކަމަށާއި މިކަމުގައި، ސަރުކާރުން ހަނުހުރުމަކީ ހިތާމަކުރާ ކަމެއް ކަމައް ވަނީ ބުނެފައެވެ. އައްޑޫއަށް ކުރިމަތިވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުނުވާތީ އެސިޓީއަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭ ފެނަކައިގެ އިސްވެރިން މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީ (އެސްއޯއީ) ކޮމިޓީއަށް ހާޒިރު ކުރަން މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން ވެސް ވަނީ އެދިވަޑައިގެންފައެވެ. https://sun.mv/201862 މަޖިލީހުގެ ރައީސަށް ފޮނުއްވި ސިޓީއެއްގައި އަޒާން ލިޔުއްވާފައި ވަނީ، އައްޑޫ ސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުނުވެ ދިގުލައިގެން ދިޔުމުގައި ފެނަކައިގެ އިހުމާލު އޮތް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ