މޮޑްރިޗާއި އަންޗެލޮޓީ އަށް ރެއާލުން އަލްވަދާއުކިޔައިފި މޮޑްރިޗާއި އަންޗެލޮޓީ އަށް ރެއާލުން އަލްވަދާއުކިޔައިފި

މެޑްރިޑް (މެއި 25) - ސްޕެނިޝް ލީގުގައި ރެއާލް މެޑްރިޑުން ކުޅުނު ފަހު މެޗުގައި ރެއާލް ސޮސިއެޑާޑް އަތުން 2-0 އިން މޮޅުވިއިރު، މި މެޗުގައި، ރެއާލުން އެ ޓީމު ދޫކޮށްލަން ނިންމާފައިވާ ކޯޗު ކާލޯ އަންޗެލޮޓީ އާއި މިޑްފީލްޑަރު ލޫކަ މޮޑްރިޗް އަށް އަލްވަދާއުކިޔައިފި އެވެ.
އަންޗެލޮޓީ، 65، ރެއާލް ދޫކޮށް ބްރެޒިލް ގައުމީ ޓީމާ ހަވާލުވާއިރު، ދެ ފަހަރެއްގެ މަތިން، ރެއާލަށް ކޯޗުކޮށްދޭން ލިބުނު ފުރުސަތުގައި އޭނާ ވަނީ ޖުމްލަ 15 ތަށި ހޯދައިފަ އެެވެ. މި ސީޒަނުގައި ރެއާލުން ވަނީ، ޔުއެފާ ސުޕަ ކަޕް އަދި އިންޓަކޮންޓިނެންޝިއަލް ކަޕް ކާމިޔާބުކޮށްފަ އެވެ. ރެއާލުން ރޭ ވަނީ އަންޗެލޮޓީގެ ހިދުމަތުގެ އަގުވަޒަންކޮށްފަ އެވެ.
މީގެ ދެ ދުވަސް ކުރިން، ސޯޝަލް މީޑިއާ މެދުވެރިކޮށް، މޮޑްރިޗް، 39، ވަނީ ރެއާލް ދޫކޮށްލާނެކަން އިއުލާނުކޮށްފަ އެވެ. ޖުމްލަ އެކު، 13 އަހަރު ރެއާލްގައި ހޭދަކުރި މޮޑްރިޗް ރޭ ކުޅުނީ ރެއާލް ދަނޑުގައި ފަހު މެޗެވެ.
އަންނަ މަހު އެމެރިކާގައި ބާއްވާ ފީފާ ކްލަބް ވޯލްޑް ކަޕްގައި ކުޅޭ ރެއާލް ޓީމުގައި މޮޑްރިޗް ވެސް ހިމެނޭނެ އެވެ. މޮޑްރިޗް ވަނީ ރެއާލާއެކު ޖުމްލަ 28 ތަށި ކާމިޔާބުކޮށްފަ އެވެ.
ސޮސިއެޑާޑް ކޮޅަށް އެމްބާޕޭ ރޭގެ މެޗުގައި ޖެހި ދެ ގޯލާ އެކު، އޭނާ ވަނީ ލީގުގައި 31 ގޯލު ޖަހައި، ސީޒަނުގެ ހުރިހާ މުބާރާތެއްގައި، ރެއާލަށް 43 ގޯލު ޖަހައިދީފަ އެވެ.
ޔޫރަޕްގެ ލީގުތަކުގައި އެންމެ ގިނަ ގޯލު ޖަހާ ކުޅުންތެރިޔާ އަށް ދޭ ރަން ބޫޓު ލިބޭ ކުޅުންތެރިއަކު ކަނޑައެޅުމުގައި، ޕޮއިންޓް ސިސްޓަމެއް އޮވެ އެވެ. އެ ގޮތުން، ޔޫރަޕްގެ ވަރުގަދަ ފަސް ލީގު (އިނގިރޭސި ޕްރިމިއާ ލީގު/ ޖަރުމަނު ލީގު/ އިޓާލިއަން ލީގު/ ސްޕެނިޝް ލީގު/ ފްރެންޗް ލީގު) ގެ ތެރެއިން ކޮންމެ ލީގެއްގައި ޖަހާ ގޯލަކަށް ދެ ޕޮއިންޓް ލިބޭ ގޮތަށް އޮންނައިރު، ގަދަ ފަސް ލީގުން ބޭރުގެ ކޮންމެ ކުޅުންތެރިއަކު ޖަހާ ގޯލަކަށް ލިބޭނީ 1.5 ޕޮއިންޓް އެވެ.
އެ ގޮތުން، ބަލާއިރު، ރޭންކިން ކުރީގައި އެމްބާޕޭ އޮތީ 62 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތީ ސްޕޯޓިން ލިޒްބަން އަށް ޕޯޗުގީސް ލީގުގައި 38 ގޯލު ޖަހައި، 57 ޕޮއިންޓް ހޯދާފައިވާ ވިކްޓަ ގްޔޯކެރޭސް އެވެ. ޕްރިމިއާ ލީގުގެ ޗެމްޕިއަން، ލިވަޕޫލަށް 28 ގޯލު ޖަހައި، 56 ޕޮއިންޓް ހޯދައިގެން މުހައްމަދު ސަލާހު އޮތީ ތިން ވަނައިގަ އެވެ. ގްޔޯކެރޭސް އަށް ބާކީ މެޗެއް ނެތްއިރު، ސަލާހަށް އޮތީ އެންމެ މެޗެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ