އެމެރިކާގެ ހާވާޑް ޔުނިވާސިޓީއަށް ބައިނަލްއަގްވާމީ ދަރިވަރުން ވެއްދުން މަނާކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ނިންމި ނިންމުން ފެޑެރަލް ފަނޑިޔާރަކު ހުއްޓުވައިފި އެވެ.
ވަގުތީ ގޮތުން މަނާކުރުމުގެ މި އަމުރަކީ އެމެރިކާގައި ކިޔެވުމަށް ވިސާއާ އެކު ބައިނަލްއަގުވާމީ ދަރިވަރުން ހޯސްޓް ކުރުމުގެ ހުއްދަދޭ ދަރިވަރުން އަދި އެކްސްޗޭންޖު ވިޒިޓާ ޕްރޮގްރާމްގައި ހާވާޑްގެ ސެޓްފިކެޓް ބާތިލުކުރުމަށް ސަރުކާރަށް ހުރަސް އެޅުމެވެ.
ހާވާޑުން އެ މައްސަލަ ހުށަހެޅީ މެސަޗޫސެޓްސްގެ ޑިސްޓްރިކްޓް ކޯޓަށް މިދިޔަ ހުކުރު ދުވަހު އެވެ.
އައިވީ ލީގުގެ އިންސްޓިޓިއުޝަނުން ބައިނަލްއަގުވާމީ ދަރިވަރުން ނުވައްދަން ޓްރަމްޕްގެ ސަރުކާރުން ނިންމި ނިންމުމާ ހާވާޑް ޔުނިވާސިޓީން ވަނީ ދެކޮޅުހަދައިފަ އެވެ. އެ ޔުނިވަސިޓީން ދެކޭ ގޮތުގައި އެއީ ގާނޫނުއަަސާސީއާ ފުށުއަރާ ކަމެކެވެ.
ބޮސްޓަންގެ ފެޑެރަލް ކޯޓަށް މިދިޔަ ހުކުރު ދުވަހު ހާވާޑުން ހުށަހެޅި ގާނޫނީ މައްސަލައެއްގައި ބުނެފައި ވަނީ ސަރުކާރުގެ މި އަމަލަކީ ގާނޫނުއަސާސީގެ ފުރަތަމަ އިސްލާހާ ހިލާފު އަމަލެއް ކަމަށާއި އެކަމުގެ ސަބަބުން ހާވާޑާއި 7،000އަށް ވުރެ ގިނަ ވިސާ ހޯލްޑަރުންނަށް ވަގުތުން އަދި ނުރައްކާތެރި އަސަރުތަކެއް ކުރާނެ ކަމަށެވެ.
"ހާވާޑްގެ ދަރިވަރުންގެ އާބާދީގެ ހަތަރު ބައިކުޅަ އެއް ބައި، ހާއްސަކޮށް ބައިނަލްއަގްވާމީ ދަރިވަރުން، ޔުނިވާސިޓީ އާއި އެ ޔުނިވާސިޓީގެ މަގްސަދުތަކުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ ދަރިވަރުން، އެންމެ ސޮޔަކާ އެކު ނައްތާލުމަށް ސަރުކާރުން ވަނީ މަސައްކަތްކޮށްފައި،" ހާވާޑުން ބުންޏެވެ.
ޑިޕާޓްމަންޓް އޮފް ހޯމްލޭންޑް ސެކިއުރިޓީއަށް ފިޔަވަޅު އެޅުން ވަގުތީ ގޮތުން ހުއްޓުވުމުގެ އަމުރަކަށް އެދުމުގެ ވިސްނުން ގެންގުޅޭ ކަމަށް އެ ސްކޫލުން ވަނީ އިއުލާނުކޮށްފަ އެވެ.
ހާވާޑްގެ މެސަޗޫސެޓްސްގެ ކެމްބްރިޖްގެ ކެމްޕަހުގައި ގާތްގަނޑަކަށް 6،800އެއްހާ ބައިނަލްއަގުވާމީ ދަރިވަރުން ތައުލީމް ހާސިލް ކުރަމުން އަންނަ އިރު، އޭގެ ތެރޭގައި ގިނައީ 100އަށް ވުރެ ގިނަ ގައުމުތަކުން އައިސް ތިބި ގްރެޖުއޭޓް ދަރިވަރުންނެވެ.
އިނގިރޭސި ސަރުކާރުން 2024 ވަނަ އަހަރު އެކުލަވާލި ރިޕޯޓެއްގައި ބުނެފައި ވަނީ ބައެއް ޔުނިވާސިޓީތައް ހުއްޓިދާނެތީ ބައިނަލްއަގުވާމީ ދަރިވަރުންގެ އަދަދު މަދުކުރުމަށް އިނގިރޭސިވިލާތުން ދުރުހެލިވާން ޖެހޭ ކަމަށެވެ.
ބޭރު ދަރިވަރުން ހާވާޑަށް ވެއްދުމަށް އެޅި ހުރަހަށް ފަޑިޔާރު ހުރަސް އަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ