އަހުމަދުއާބާދު، އިންޑިއާ (ޖޫން 2) - ކޮލިފަޔާ ދޭއްގައި މުމްބައި އިންޑިއަންސް ފަސް ވިކެޓުން ބަލިކޮށް، އެ ޓީމު ކަޓުވާލުމަށް ފަހު، ޕަންޖާބު ކިންގްސް އިން އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް)ގެ ފައިނަލްގެ ފަހު ޖާގަ ހޯދައިފި އެވެ.
އަންނަ އަންގާރަ ދުވަހުގެރޭ ކުޅޭ ފައިނަލުގައި، ޕަންޖާބުން ކުޅޭނީ ކޮލިފަޔާ އެކެއްގައި އެ ޓީމު އަތުން މޮޅުވި، ރޯޔަލް ޗެލެންޖާސް ބެންގަލޫރުއާ ދެކޮޅަށެވެ. މިއީ، 11 އަހަރު ތެރޭ ޕަންޖާބުން އައިޕީއެލް ފައިނަލުގައި ކުޅޭ ފުރަތަމަ ފަަހަރެވެ. ޕަންޖާބުން މިހާތަނަށް ކުޅުނު ހަމައެކަނި ފައިނަލުގައި، 2014 ވަނަ އަހަރު ކަލްކަތާ ނައިޓް ރައިޑާސް އަތުން ވީ ބައްޔެވެ. ބެންގަލޫރުން ނުވަ އަހަރަށް ފަހު ފައިނަލުގައި ކުޅޭއިރު، މި ފަހަރު އައިޕީއެލްގައި ކަނޑައެޅޭނީ މުޅިން އާ ޗެމްޕިއަނެކެވެ.
އަހުމަދުއާބާދުގެ ނަރެންދުރަ މޯދީ ސްޓޭޑިއަމްގައި ރޭ ކުޅުނު ކޮލިފަޔާ ދޭއްގެ މެޗު ފެށީ ތާވަލުކުރި ވަގުތަށް ވުރެ ދެ ގަޑިއިރު ފަހުންނެވެ. ވިއްސާރައިގެ ސަބަބުން މެޗު ޖެހުނީ ފަސް ކުރާށެވެ. ޕަންޖާބުން ޓޮސް ދިމާވުމުން ނިންމީ ފީލްޑް ކުރުމަށެވެ.
މުމްބައި އިން ކުޅެން އަރައި، 20 އޯވަރުގެ ތެރޭގައި ހަ ކުޅުންތެރިން ނުބައިވެގެން 203 ލަނޑު ހެދިިއިރު، އެ ޓީމަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ، 26 ބޯޅައިން 44 ލަނޑު ހެދި ސޫރްޔަކުމާރު ޔާދަވް އާއި 29 ބޯޅައިން 44 ލަނޑު ހެދި ތިލަކް ވަރުމާ އެވެ. އެ ޓީމުގެ ތަރި، ރޯހިތު ޝަރްމާ އަށް ހެދުނީ، ހަތް ބޯޅައިން އަށް ލަނޑެވެ. މި މެޗުގައި ސޫރްޔަކުމާރު ވަނީ، އައިޕީއެލްގައި އޯޕަނިން ބެޓްސްމަނެއްގެ ގޮތުގައި ކުޅެން ނާރައި، އެއް ސީޒަނެއްގައި އެންމެ ގިނަ ލަނޑު ހެދުމުގެ ރެކޯޑް ހަދައިފަ އެވެ. އޭނާ ވަނީ، މި ސީޒަނުގައި، ޖުމްލަ އެކު، 700 އަށް ވުރެ ގިނަ ލަނޑު ހަދައިފަ އެވެ.
މި އިނިންގްސްގައި، ޕަންޖާބުގެ އަޒުމަތުﷲ އޮމަރުޒާއި ވަނީ ދެ ވިކެޓް ނަގައިފަ އެވެ.
ޖަވާބުގައި ކުޅެން އަރައި، ޕަންޖާބު މެޗުން މޮޅުވީ، 19 އޯވަރުގެ ތެރޭގައި، ފަސް ކުޅުންތެރިން ނުބައިވެގެން 205 ލަނޑު ހަދައިގެންނެވެ. އެ ޓީމުން އެންމެ ރަނގަޅު ކުޅުމެއް ދެއްކީ، އެ ޓީމުގެ ކެޕްޓަން، ޝްރޭޔަސް އަޔަރު އެވެ. އޭނާ ވަނީ ނުބައިނުވެ، 41 ބޯޅައިން 87 ލަނޑު ހަދައިފަ އެވެ. މިދިޔަ ސީޒަނުގައި، ކަލްކަތާއާ އެކު، އައިޕީއެލް ކާމިޔާބުކުރި، ޝްރޭޔަސް އަންނަނީ ޕަންޖާބުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ.
މުމްބައިގެ އަޝްވަނީ ކުމާރު ވަނީ މި އިނިންގްސްގައި ދެ ވިކެޓް ނަގައިފަ އެވެ.
މުމްބައި ކަޓުވާލައި ޕަންޖާބް 11 އަހަރަށް ފަހު އައިޕީއެލް ފައިނަލަށް މުމްބައި ކަޓުވާލައި ޕަންޖާބް 11 އަހަރަށް ފަހު އައިޕީއެލް ފައިނަލަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ