ގޭންގުތަކުން ހިންގާ ކުށްތަކާއި އެ ނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ބިލު، އިންތިޒާމުވެގެން ހިންގާ ކުށްތައް ހުއްޓުވުމުގެ ނަމަށް ބަދަލުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ލަފާދެއްވައިފިއެވެ. މެންބަރުން މިކަމަށް ލަފާދެއްވީ ގޭންގު ކުށްތައް ހުއްޓުވުމާއި، އިންތިޒާމުވެގެން ކުރާ ކުށްތައް ހުއްޓުވުން މާނަކުރެވޭގޮތް ތަފާތުވާތީކަމަށް މެންބަރުން ވަނީ ވިދާޅުވެފައެވެ.
ބިލަށް ވާހަކަފުޅު ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މަރުޒޫގު ވިދާޅުވީ ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ބިލަކީ އަމަންއަމާންކަން ގާއިމުކުރުމަށާއި، ގޭންގު ކުށްތަކުން ޒުވާނުން ދުރުހެލިކުރުމަށް ސަރުކާރުން އިސްކަންދޭ މިންވަރު ހާމަވެގެންދާ ބިލެއް ކަމަށެވެ. އަދި އެފަދަ ކުށްތަކެއް ހުއްޓުވެންޖެހޭކަމަށް އެއްވެސް މިހާކު ދެކޮޅު ނުހަދާނެ ކަމަށާއި ޒުވާނުން އެފަދަ ކުށްތަކަށް ހުށަހެޅޭ ސަބަބުތައް ދެނެގަންނަން ޖެހޭކަމަށް އަޒާން ވިދާޅުވިއެވެ.
"އެހެން ޤައުމުތަކުގައި ހެދި ދިރާސާތަކުގައި އިގްތިސާދީ ފުރުސަތުތައް މަދު ހިސާބުތަކުގައި ގޭންގު ކުށްތަކާއި އަދި އެހެނިހެން ކުށްތައްވެސް އާންމުވެ ގިނަވޭ. އެހެންވެ އަޅުގަނޑުމެން ހައްލު ހޯދަންވީ މިކަމަށް. އިޚުލާސްތެރިކަމާއެކު އަޅުގަނޑުމެން މަސައްކަތް ކުރަންވީ ގޭންގުކުށްތަކަށް މީހުން ބައިވެރިވާ ސަބަބުތައް ނައްތާލަން." ހިތަދޫ މެދު ދާއިރާގެ މެންބަރު އަޒާން ވިދާޅުވިއެވެ.
ބިލަށް މެންބަރުން ތާޢީދު ކުރިނަމަވެސް ބިލުގައި ގޭންގު ހިމަނާފައިވުމުން މެންބަރުން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެގޮތުން، ދުނިޔޭގެ އެހެން ޤައުމުތަކުގައި ގޭންގު އޮޕަރޭޓް ކުރާގޮތަށް ރާއްޖޭގައި ކުށްނުކުރާކަމަށާއި އެހެންކަމުން އެބަސް ބަދަލުކުރުމަށް މެންބަރުން ވަނީ ލަފާދެއްވާފައެވެ.
މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުޙައްމަދު މުސްތަފާ އިބްރާހީމް ވިދާޅުވީ މި ބިލަކީ ރާއްޖެއަށް މިވަގުތަށް މުހިންމު ބިލެއްކަމަށާއި މިއިން ހާމަވަނީ ރާއްޖެއަކީ އަމަން އަމާން ތަނަކަށް ހެދުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތައް ކަމަށެވެ. ނަމަވެސް ދުނިޔޭގައި ގޭންގުތައް މާނަކުރާ ގޮތައް ރާއްޖޭގައި ގޭންގުތައް އޮޕަރޭޓް ކުރާކަމަށް ގަބޫލުނުކުރެވޭ ކަމަށާއި އޭގެ ބަދަލުގައި ހިންގަނީ އިންތިޒާމްވެގެން ހިންގާ ކުށްތައްކަމަށް މެންބަރު ވިދާޅުވިއެވެ.
"މުޅި ޤާނޫނަށް ބަލާއިރު އަޅުގަނޑަށް ފާހަގަކުރެވެނީ އިންތިޒާމުވެގެން ހިންގާ ކުށްތަކެއް އެބަހުރިކަން. އެވާހަކަ ޤާނޫނުގެ އެކި މާއްދާތަކުގައި އެކި ފަހަރުމަތިން އައިސް މާނަކުރެވިގެން ގޮސްފައިވެސް އެބަހުރި. އެހެންވީމަ އަޅުގަނޑު ހުށަހަޅަން މި ޤާނޫނުގެ ނަން ގޭންގުތަކުން ހިންގާ ކުށްތަކުގެ ބަދަލުގައި އިންތިޒާމްވެގެން ހިންގާ ކުށްތަކާ، މިގޮތަށް އަންނަ އިސްލާހެއް މި ބިލަށް އައުމަށް." މެންބަރު މުޙައްމަދު މުސްތަފާ އިބްރާހީމް ވިދާޅުވިއެވެ.
ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރު ވިދާޅުވީ ކުށްތައް ހުއްޓުވުމަށް މިހާރުވެސް ފުރިހަމަ ޤާނޫނީ ނިޒާމެއް އެބައޮތް ކަމަށާއި ނަމަވެސް އެކަންކަން ބޮއްސުންލައިގެން ދަނީ ތަންފީޒީ އިދާރާތަކުން އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެވުމުގެ ސަބަބުން ކަމަށެވެ.
"މި ޤައުމުގެ މަޖިލީހުގައި ގޭންގު ކުށްތައް ހުއްޓުވުން އެންމެ ސީރިއަސް ކަމަކަށް ހަދައިގެން ބަހުސް ކުރެވުމުން ބޭރުގެ ފަރާތްތަކަށް ރާއްޖެއާދޭތެރޭ ދެކެމުންދާ ހާއްސަކޮށް ޓޫރިސްޓުންނަށް ފެނިގެން މިދަނީ ދިވެހިރާއްޖޭގައި ހާދަހާ ބޮޑު ގޭންގުތަކެއް އެބަ އޮޕަރޭޓް ކުރެއޭ. ގޭންގުތައް ބޭރު ޤައުމުތަކުގައި އަދި ރާއްޖޭގައިވެސް ސިފަކުރަނީ ކޮންގޮތަކަށްތޯ އަޅުގަނޑުމެން ބަލާލަން އެބަޖެހޭ،" ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވިއެވެ.
ބިލަށް ބަހުސް ކުރެއްވި ހުރިހާ މެންބަރުންވެސް ވަނީ ބިލު ދިރާސާކުރުމުގެ މަރުހަލާގައި އެކި އިސްލާހުތައް ގެންނަންޖެހޭކަން ފާހަގަކުރައްވާފައެވެ. އަދި ރާއްޖޭގައި އިންތިޒާމުވެގެން ހިންގާ ކުށްތަކުގައި މީހުން ބައިވެރިވާން މެދުވެރިވާ ސަބަބުތައް ދެނެގަނެ އެ ސަބަބުތައް ނައްތާލަން މަސައްކަތް ކުރަންޖެހޭ ކަމަށްވެސް މެންބަރުން ވަނީ ވިދާޅުވެފައެވެ.
ރައްޔިތުންގެ މަޖިލީހުގައި ބިލަށް ބަހުސް ކުރެއްވުމަށްފަހު ބިލު ދިރާސާ ކުރުމަށް ވަނީ ޖުޑީޝަރީ ކޮމިޓީއަށް ފޮނުއްވާފައެވެ.
މެންބަރުން ބޭނުންވަނީ އިންތިޒާމުވެގެން ހިންގާ ކުށްތައް ހުއްޓުވުމުގެ ނަމަށް ބިލު ބަދަލުކުރަން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ