އެކްސިޑެންޓުތައް އިތުރުވަނީ އެކަށީގެންނުވާ ވަރަށް ވެހިކަލްތައް އިތުރުވުމާއި، ފަރުވާކުޑަ އަމަލުގެ ސަބަބުން: ފުލުހުން
މާލެ ސަރަހައްދުގައި ޓްރެފިކް އެކްސިޑެންޓުތައް އިތުރުވާން މެދުވެރިވާ މައިގަނޑު ސަބަބުތަކަކީ، ސަރަހައްދަށް އެކަށީގެންނުވާ ވަރަށް ވެހިކަލްތަކުގެ އަދަދު ގިނަވުމާއި، އެ ވެހިކަލްތައް ދުއްވާ ފަރާތްތަކުގެ ފަރުވާކުޑަ އަމަލުތަކުގެ ސަބަބުން ކަމަށް ސަބް އިންސްޕެކްޓާ އޮފް ޕޮލިސް ހުސައިން އަސްލަހު ވިދާޅުވެއްޖެއެވެ. މާލެ ސަރަހައްދުގައި ޓްރެފިކް އެކްސިޑެންޓުތައް މިވަނީ ކަންބޮޑުވާ މިންވަރަށް އިތުރުވެފައެވެ. މި އެކްސިޑެންޓްތަކުގައި މީހުންގެ ފުރާނަ ގެއްލުމުގެ އިތުރުން ބޮޑެތި އަނިޔާތައް ލިބިފައި އެބަހުއްޓެވެ. އަބަދުވެސް އަޑުއިވޭނީ ކޮންމެވެސް ކަހަލަ އެކްސިޑެންޓެއް ވެގެން އުޅޭ ވާހަކައެވެ. ކޮންމެވެސް މީހަކަށް އަނިޔާވެގެން ފަރުވާ ދެމުންދާ ވާހަކައެވެ. ނުވަތަ އެކްސިޑެންޓުގައި މިވެނި އުމުރެއްގެ މިވެނި މީހެއްގެ ފުރާނަ ދިޔަ ވާހަކައެވެ. ޚާއްސަކޮށް ސިނަމާލެ ބުރިޖުމަތީގައާއި، ހައިވޭގައި ހިނގާ ނުރައްކާތެރި އެކްސިޑެންޓުތައް ފާހަގަކުރެވެއެވެ. 'ސަން އޮންލައިން' ގެ 'އެޑިޓަރުގެ ސުވާލު' ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އަސްލަހު ވިދާޅުވީ މާލެ ސަރަހައްދަށް ވެހިކަލް ރެޖިސްޓްރީކުރުން ނުވަތަ އެތެރެކުރުން ކޮންޓްރޯލްކުރެވޭ ތަނެއް އަދިވެސް ނުފެންނަ ކަމަށެވެ. ބިމުގެ ގޮތުން ބަލާނަމަ މާލެއަކީ ވަރަށް ކުޑަ ސަރަހައްދެއް ކަމަށާއި، މި ސަރަހައްދަށް ވެސް އެކަށީގެން ނުވާ ވަރަށް ވެހިކަލް ގިނަވެފަ އޮތުމަކީ ކަންބޮޑުވުމެއް ކަމަށް އޭނާ ވިދާޅުވިއެވެ. 'ސަން އޮންލައިން' ގެ 'އެޑިޓަރުގެ ސުވާލު' ޕްރޮގްރާމްގައި ސަބް އިންސްޕެކްޓާ އޮފް ޕޮލިސް ހުސައިން އަސްލަހު -- ސަން ފޮޓޯ އަނެއް ކަމަކީ ދުއްވާ ފަރާތުން ފަރުވާކުޑަކޮށްލުން ކަމަށާއި، އެއީ ވެސް އެކްސިޑެންޓު ހިނގަން މެދުވެރިވާ ސަބަބުތަކުގެ ތެރޭގަ ހިމެނޭ ކަމެއްކަމަށް އަސްލަހު ވިދާޅުވިއެވެ. ޚާއްސަގޮތެއްގައި ސިނަމާލެ ބުރިޖުގެ ހައިވޭގައި ދިމާވާ އެންމެ ބޮޑު މައްސަލައަކީ ދެ އުޅަނދު ދެމެދު ހުންނަންޖެހޭ ދުރުމިން ނުބަހައްޓާ ދުއްވުން ކަމަށް އަސްލަހު ވިދާޅުވިއެވެ. "އެކްސިޑެންޓެއް ވެއްޖިއްޔާ ދެން ހަމަ ފަހަތުން ބަރިއަކަށް އެބަދޭ. އެހެން އެ ވަނީ ގަވައިދުގަ އެ ބުނާ ދުރުމިން ނުބަހައްޓާ ދުއްވޭތީ. ދެ އުޅަނދު ވެސް މަގުގެ ކަނާތް ފަޅިއަށް ޖެހިގެން ސެންޓާއިން ދުއްވައިގެން ދެ އުޅަނދު ދެމެދު ޖެހިގެން މިކަހަލަ އެކްސިޑެންޓުތައް ވެސް ހިނގާފަ އެބަ ހުރޭ،" އަސްލަހު ވިދާޅުވިއެވެ. "އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މާލެ ސަރަހައްދުގަ އެކްސިޑެންޓުތައް އިތުރުވަނީ އަޅުގަނޑު މި ބުނިހެން އެކަށީގެންނުވާ އަދަދަކަށް ވެހިކަލްތައް ގިނަވުމާއި، މި ދުއްވާ ފަރާތްތަކުގެ ފަރުވާކުޑަ އަމަލުގެ ސަބަބުން،" މިދިޔަ ބުދަ ދުވަހުގެ ރޭ ވެސް ސިނަމާލެ ބުރިޖު މަތީގައި ދެ އެކްސިޑެންޓެއް ހިނގައި، ތިން މީހަކަށް އަނިޔާވިއިރު، އެކެއްގެ ފަލަމަސްގަނޑަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވެއެވެ. ޑިސެމްބަރު، 20، 2019: މާލޭ ކޮޅުން ބުރިޖު ލައިޓް ކައިރިން ހިނގި އެކްސިޑެންޓެއް -- ސަން ފޮޓޯ މި އެކްސިޑެންޓު ވެސް ހިނގީ ސައިކަލެއް މަޑުކުރުމުން، ފަހަތުން އައި އެހެން ސައިކަލެއް އެ ސައިކަލުގައި ޖެހިގެންނެވެ. އެއާއެކު ކުރީގައި ހަތަރު ސިގްނަލް ޖައްސައިގެން މަޑުކޮށްގެން އޮތް ކާރުގައި އެ ދެ ސައިކަލު ވެސް ޖެހުނީއެވެ. މި އެކްސިޑެންޓު ހިނގުމުން ޓްރެފިކް ފްލޯ ހުއްޓިފައި އޮތް ވަގުތު ކާރެއްގެ ފަހަތުގައި ސައިކަލެއް ޖެހި، އިތުރު އެކްސިޑެންޓެއް ވެސް ހިނގީއެވެ. ސިނަމާލެ ބުރިޖުމަތީގައި ނުރައްކާތެރި އެކްސިޑެންޓުތައް ހިނގުން ވަރަށް އާންމެވެ. މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެންމެ ގިނައިން ހުށަހަޅާފައިވަނީ ޓްރެފިކް އެކްސިޑެންޓުގެ މައްސަލަތައް ކަމަށް ފުލުހުންގެ ތަފާސްހިސާބުން ވެސް ވަނީ ދައްކައިފައެވެ. އެ ގޮތުން މިއަހަރުގެ ފުރަތަމަ ތިން މަސް ތެރޭ މާލެ ސަރަހައްދުގައި އެކްސިޑެންޓުގެ 762 މައްސަލައެއް ހުށަހަޅާފައިވެއެވެ. އެގޮތުން، އެފަދަ އެކްސިޑެންޓުތައް ހިނގުން މަދުކުރުމަށްޓަކައި، ބާރު ސްޕީޑުގައި ދުއްވުން ހުއްޓުވުމަށްޓަކައި އުސޫލުތައް މިހާރަށް ވުރެ ހަރުކަށިކުރުމަށް ގާނޫނާއި ގަވައިދުތައް އިސްލާހު ކުރަން މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް މިދިޔަ ސެޕްޓެމްބަރު ހައެއްގައި ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެފައިވެއެވެ. ނަމަވެސް އަދި އެފަދަ އިސްލާހެއް ހުށަހަޅުއްވާފައި ނެތުމުން މިމަހުގެ 14ގައި ސިނަމާލެ ބުރިޖުމަތީގައި ނުރައްކާތެރި އެކްސިޑެންޓުތައް ހިނގުން އާންމުވެފައިވާތީ، ހޯމް މިނިސްޓަރު އަލީ އިހުސާންއާ ސުވާލުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ވަނީ ހުށަހަޅައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ