70000 ރުފިޔާގެ އަގުހުރި ތިލަ އުތުރު ވޮލީ މުބާރާތް ފެށުން މިރޭ
ޗެމްޕިއަން ޓީމަށް 70000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާ "ތިލައުތުރު ވޮލީ މުބާރާތް 2025" މިރޭ ފެށުމަށް އެންމެ ފަހުގެ ތައްޔާރީތައް ވެ ނިމިއްޖެ އެވެ.ހޯރަފުށީ ވޮލީ ބޯޅަ ކޯޓުގައި ފަށާ މުބާރާތުގެ ހުޅުވުމުގެ ރަސްމިއްޔާތު އޮންނާނީ މިރޭ 20:15 ގައި އެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާނީ ހއ. އަތޮޅު ކައުންސިލްގެ ނައިބު ރައީސް އަހުމަދު ސޮބާހު އެވެ. މި ރަސްމިއްޔާތުގައި އަތޮޅުގެ ގިނަ ރައްތަކުން ބައިވެރިވެ އެވެ.ހުޅުވުމުގެ ރަސްމިއްޔާތައްފަހު މިރޭ ފަށާ މުބާރާތުގައި އެއް މެޗް ކުޅުމަށް ވަނީ ތާވަލް ކުރެވިފައި އެވެ. މި ރޭ ވާދަކުރާނީ ހޯރަފުށީ އަންހެން ވޮލީ ޓީމާއި މުރައިދޫ އަންހެން ވޮލީ ޓީމެވެ. "ތިލައުތުރު ވޮލީ މުބާރާތް 2025" މި އަހަރު ހއ.ގެ ފަސް ރަށަކުން ބައިވެރިވެ އެވެ. އެއީ ހޯރަފުށި، މުރައިދޫ، އިހަވަންދޫ، ދިއްދޫ އަދި މޮޅަދޫ އެވެ. މުބާރާތް ހޯސްޓް ކުރާ ރަށް - ހޯރަފުށީ ކައުންސިލުން ބުނީ މުބާރާތުގެ އެއް ވަނަ އަށް ހޮވޭ ޓީމަށް ހޯރަފުށީ ކައުންސިލާޢީ ޑަބްލިޔުޑީސީ އިން ހަދިޔާ ކުރާ 50000 ރުފިޔާ އަދި ހއ އަތޮޅު ކައުންސިލުން ހަދިޔާ ކުރާ 20000 ރުފިޔާ އެކު ޗެމްޕިއަން ޓީމަށް ޖުލްލަ 70000 ރުފިޔާގެ ލިބޭނެ ކަމަށެވެ.މީގެ އިތުރުން މުބާރާތުގެ ދެ ވަނަ އަށް ހޮވޭ ޓީމަށް 10000 ރުފިޔާ ދިނުމަށް ހަމަޖެހިފައި ވާ ކަމަށެވެ. ހޯރަފުށީ ކައުންސިލުން އިތުރަށް ބުނީ މި މުބާރާތުގެ ތެރެއިން ހޮވާ އިތުރު ވަނަ ތަކުގެ ތެރޭގައި އެންމެ މޮޅު ހަ ކުޅުން ތެރިން، އެންމެ މޮޅު ކޯޗް، ކްއީން އޮފް ދަ ޓޯނަމެންޓް އަދި މުބާރާތުގެ ފެއާ ޕްލޭ ޓީމް ވެސް ހޮވުން އޮންނާނެ ކަމަށެވެ.ހއ. ހޯރަފުށީގައި ހޯސްޓް ކުރާ މި މުބާރާތުގެ މަގްސަދާއި ގުޅޭ ގޮތުން ހޯރަފުށީ ކައުންސިލް ރައީސް މުހައްމަދު ވަހީދު "ހޯރަ" އަށް ވިދާޅުވީ މި މުބާރާތް ހޯރަފުށީގައި ބޭއްވުމުގެ އެންމެ ބޮޑު މަގުސަދަކީ ހޯރަފުއްޓަކީ ޒަމާނުންސުރެ ވޮލީއަށް ޝައުގުވެރިވާ ޒުވާނުންތަކެއް ދިރިއުޅޭ ރަށަކަށްވުުން ކަމަށެވެ. ހޯރަފުށީ ވޮލީ ބޯޅަ ކޯޓުގައި މި ރޭ ފަށާ މި މުބާރާތް ކުރިއަށް ދާނީ މި މަހުގެ 31 ގެ ނިޔަލަށެވެ. "ތިލައުތުރު ވޮލީ މުބާރާތް 2025"ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ހޯރަ އޮންލައިން" އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ