އިންޓަސްކޫލް ޓީޓީ މުބާރާތް: އެންމެ ކާމިޔާބު ސްކޫލަކަށް އިސްކަންދަރާއި ގިޔާސުއްދީން
ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ބޭއްވި މިއަހަރުގެ އިންޓަސްކޫލް ޓޭބަލް ޓެނިސް މުބާރާތުގެ އެންމެ ކާމިޔާބު ސްކޫލަކަށް އިސްކަންދަރު ސްކޫލް ވެއްޖެއެވެ. މި މަހުގެ 14-22 އަށް ހެންވޭރު މުނިއުފާގައި ހުންނަ މާލޭ ޓީޓީ ހޯލްގައި ކުރިއަށްދިޔަ މި މުބާރާތުގައި ހަތަރު އުމުރުފުރާއަކުން ކުޅުންތެރިން ވާދަކުރިއެވެ. އެއީ 13 އަހަރުން ދަށާއި، 16 އަހަރުން ދަށާއި، 17 އަހަރުން ދަށް އަދި 19 އަހަރުން ދަށުގެ އުމުރުފުރާއެވެ. ޖުމްލަ 143 ބައިވެރިންނާއެކު ބޭއްވި މިއަހަރުގެ މުބާރާތުގައި މާލެ ސަހަރައްދުގެ 16 ސުކޫލަކުން ބައިވެރިވެފައިވާއިރު، އިސްކަންދަރު ސްކޫލު ވަނީ ދެ ކެޓަގަރީއަކުން ޗެމްޕިއަންކަން ހޯދާފައެވެ. އެއީ 17 އަހަރުން ދަށުގެ ފިރިހެން ބައިގެ ޓީމު އިވެންޓާއި 15 އަހަރުން ފިރިހެން ބައިގެ ޓީމު އިވެންޓުންނެވެ. އިންޓަސްކޫލް ޓީޓީ މުބާރާތް 2025 ގެ ތެރެއިން-- ފޮޓޯ: ޓީޓީ އެސޯސިއޭޝަން މި މުބާރާތުގެ 19 އަހަރުން ދަށުގެ ފިރިހެން ބައިގެ ޓީމު އިވެންޓުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުންނެވެ. އަދި 17 އަހަރުން ދަށުގެ އަންހެން ބައިގެ ޗެމްޕިއަންކަން ހޯދާފައިވަނީ އަމީނިއްޔާ ސްކޫލުންނެވެ. މުބާރާތުގެ 15 އަހަރުން ދަށުގެ އަންހެން ބައިގެ ޗެމްޕިއަންކަން ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލު ހޯދިއިރު، 13 އަހަރުން ފިރިހެން ބައިގެ ޓީމު އިވެންޓުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ޣިޔާސުއްދީން ސްކޫލުންނެވެ. މި އުމުރުފުރާގެ އަންހެން ބައިގެ ޗެމްޕިއަންކަން ހޯދާފައިވަނީ ހުރަވީ ސްކޫލުންނެވެ. ސްކޫލް ޓީޓީ މުބާރާތް 2025 ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: ޓީޓީ އެސޯސިއޭޝަން މިއަހަރުގެ މުބާރާތުގައި 65 އަންހެން ކުދިންނާއި، 78 ފިރިހެން ކުދިން ވާދަކުރިއިރު، ޖުމްލަ 685 މެޗު ކުޅެފައިވާ ކަމަށް ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން މައުލޫމާތުދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ