ޒަވާޖީ ޙަޔާތަކަށް ތައްޔާރުވުމަށްވެސް އަދި ދިރިއުޅުމަކަށް ފެށުމަށް ފަހުގައިވެސް ޢަމަލުކުރުމުން ފައިދާކުރާނެ އިމާމް މާލިކްގެ އަގުހުރި ނަޞޭޙަތެއް!

އިމާމް މާލިކް ވިދާޅުވެފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. "ތިއަބައިމީހުން ތަނަކަށް ދާން ކޮންމެހެން ޖެހިގެން ނޫނީ ދިރިއުޅޭގެއިން ބޭރަށް ގިނަގިނައިން ނުދާށެވެ! އަދި އެބައްދަލުވުމަކުން ކަމެއް ދަސްނުވާނެ ( ތިމާއަށް ފައިދާ ނުކުރާނެ) ބައްދަލުވުންތަކުގައި ބައިވެރިނުވާށެވެ!" 
ފުރަތަމަ ބަސްފުޅަށް ވިސްނާއިރު މާނަކުރަންވީ ހަމައެކަނި ގިނައިން ގެއިން ބޭރަށް ދިއުމަކަށް ނޫނެވެ. އެބަސްފުޅުގެ މާނައިގައި ގެއިން ބޭރުގައި ގިނަ ވަޤުތު ހޭދަކުރުންވެސް ހިމެނިގެންވެއެވެ. 
މިއަދު އަހުރެމެންގެ އާދަތައް މިހުރީ ކިހިނަކުން ހެއްޔެވެ؟ ގިނައީ ގޭގައި ވަޤުތު ހޭދަކުރަން ބޭނުން ނުވާ މީހުން ކަމަށް ބުނުމަކީ ދޮގަކަށްވާނެކަމަކަށް ޤަބޫލެއް ނުކުރެވެއެވެ. ވީމާ އަހުރެންގެ ނަޞީޙަތަކީ ކައިވެނިނުކޮށް ހުރިނަމަވެސް ގޭގައި ގިނަ ވަޤުތު ހޭދަކުރުމެވެ. ކައިވެނިކޮށް ޒަވާޖީ ޙަޔާތަކަށް ފެށުމުން ގޭގައި މަޑުކުރަން ފަސޭހަވަގެންދާނީ އެއިރުންނެވެ. 
ގޭގައި މަޑުކުރަން އާދަނުކުރެވޭނަމަ ދެމަފިރިން އެކުގައި ވަޤުތުހޭދަކުރުން ވާނީ ވަރަށް އުނދަގޫކަމަކަށެވެ. ދެމަފިރިން އެކުގައި ވަޤުތު ހޭދަނުކުރެވޭނަމަ ދިރިއުޅުމުގައި އުފާވެރިކަމެއް ނެތެވެ. މައްސލަތައް އުފެދި ދެބަސްވުންތައް ގިނަވާނެއެވެ. 
ދެން ބަލައިލަންވީ ފައިދާނުކުރާނެ ބައްދަލުވުންތަކަށެވެ. ރޭގަނޑުގެ ގިނަ ވަޤުތުތައް އެކުވެރިންނާއިއެކު ހޭދަކޮށްފައި އެނބުރި ގެއަށްދަނީ ހުސްއަތާއެވެ. ކުރި އެއްވެސް ފައިދާއެއް ނެތިއެވެ. މާނައަކީ އެކަމުން ތިމާއަށް ނުވަތަ ދިރިއުޅުމަށް ކުރި ފައިދާއަކާއި ނުލައެވެ. ލިބެނީ ވަޤުތީ ހިތްހަމަޖެހުމެކެވެ. އެކަމުން ކުރާނެ ޙަޤީޤީ އެއްވެސް ފައިދާއެއް ނެތިއެވެ. 
ވީމާ އަހުރެމެންގެ އިމާމުން އެވަނީ މިފަދަ މައްސަލަތައް މަދު ޒަމާނުގައިވެސް މިއަދަށް ފައިދާކުރާނެ އަގުހުރި ނަޞޭޙަތްތައް ދެއްވަވައިފައެވެ. ވިސްނައި ޢަމަލުކުރި މީހަކަށް ފައިދާކުރާނެއެވެ! އިން ޝާ ﷲ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ