ރައީސް ދ. އަތޮޅުގެ ކައުންސިލްތަކާ ބައްދަލުކުރައްވަން ފުރާވަޑައިގެންފި
ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ދ. އަތޮޅު މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގެންފިއެވެ. ރައީސް އޮފީހުން ބުނީ، އެ މަނިކުފާނުގެ ދަތުރުފުޅުގައި ދ. އަތޮޅުގެ ހުރިހާ ކައުންސިލްތަކާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި، އެ ރަށްރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލު ކުރައްވާނެ ކަމަށެވެ. ތިން ދުވަހުގެ އެ ދަތުރުފުޅުގައި ރައީސް، ރަށްރަށުގެ ތަރައްގީއަށް ޓަކައި ކުރިއަށްގެންދިއުމަށް ނިންމަވާފައިވާ ބައެއް މަޝްރޫއުތައް ފަށްޓަވައިދެއްވުމާއި، ނިމިފައިވާ ބައެއް މަޝްރޫޢުތައް އިފުތިތާހުކޮށްދެއްވުމަށް ވެސް ހަމަޖެހިފައިވާ ކަމަށް އެ އޮފީހުން ބުންޏެވެ. ރައީސް އޮފީހުން ބުނީ އެ ދަތުރުފުޅަކީ، އެ މަނިކުފާނުގެ ވައުދާ އެއްގޮތަށް ރައްޔިތުންގެ ގާތަށް ވަޑައިގެން ރައްޔިތުންގެ ހާލަތުބެއްލެވުމަށާއި މި ހިނގާ ރިޔާސީ ދައުރުގެ ތެރޭގައި ދެ ފަހަރު މީހުން ދިރިއުޅޭ ކޮންމެ ރަށަކަށް ޒިޔާރަތް ކުރެއްވުމަށް ވެވަޑައިގެންފައިވާ ވައުދާ އެއްގޮތަށް ސިލްސިލާކޮށް ކުރިއަށްގެންދަވާ ދަތުރުފުޅެއް ކަމަށެވެ. އެ ދައުރުފުޅުތަކުގެ ތެރޭގައި މިހާތަނަށް އެ މަނިކުފާނު ވަނީ އެންމެ ރަށެއްގެ ކައުންސިލް ފިޔަވައި އެހެން ހުރިހާ ރަށެއްގެ ކައުންސިލްތަކާވެސް ބައްދަލުކުރައްވައި ރަށުގެ ތަރައްގީއާ ގުޅޭގޮތުން މަޝްވަރާކުރައްވާފައި ކަމަށް ރައީސް އޮފީހުން ފާހަގަކުރިއެވެ. ރައީސް އެ ދަތުރުފުޅަށްފަހު މާލެ ވަޑައިގަންނަވާނީ އަންގާރަ ދުވަހެވެ. ރައީސް އެންމެ ފަހުން ވަޑައިގަތީ، ހއ. އަތޮޅުގެ ރަށްތަކަށް މިދިޔަ މަހެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ