ފޮރިން މިނިސްޓްރީގެ ސިޔާސީ މުވައްޒަފުންގެ އަދަދު ގާނޫނު ހުއްދަކުރާ ވަރަށް ވުރެ އިތުރު

ފޮރިން ސާވިސް ގާނޫނު ހުއްދަކުރާ ވަރަށް ވުރެ، ފޮރިން މިނިސްޓްރީގެ ސިޔާސީ މުވައްޒަފުންގެ އަދަދު މިދިޔަ ސަރުކާރާއި މި ސަރުކާރުގައި ވެސް އިތުރުކަން ހާމަވެއްޖެއެވެ. އެކަން ހާމަވީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު އިބްރާހިމް، ފޮނުއްވި ސުވާލަށް ފޮރިން މިނިސްޓަރު އަބްދުﷲ ޚަލީލް ލިޔުމުން ދެއްވި ޖަވާބުގައެވެ. ދިވެހިރާއްޖޭގެ ފޮރިން ސާވިސް ގާނޫނުގައި ބަޔާން ކޮށްފައި އޮންނަ ގޮތުން ފޮރިން މިނިސްޓްރީއަށް ސިޔާސީ މުވައްޒަފުން އައްޔަނު ކުރެވޭނީ ފޮރިން ސާވިސް މުވައްޒަފުންގެ ޖުމުލަ އަދަދުގެ 20 ޕަސެންޓަށްވުރެ މަދުންނެވެ. ނަމަވެސް މިދިޔަ ސަރުކާރާއި މި ސަރުކާރުގައި ވެސް އެ މިނިސްޓްރީގެ ސިޔާސީ މުވައްޒަފުން އިތުރެވެ. އެގޮތުން މިދިޔަ ސަރުކާރުގައި އޮކްޓޯބަރު 2023ގެ ނިޔަލަށް އެ މިނިސްޓްރީގައި 137 ފޮރިން ސާވިސް މުވައްޒަފުން ތިބިއިރު، 116 ސިޔާސީ މުވައްޒަފުން ތިއްބެވެ. އޭގެފަހުން މި ސަރުކާރު އައުމަށްފަހު މިއަހަރުގެ ޖެނުއަރީ 2025ގެ ނިޔަލަށް އެ މިނިސްޓްރީގައި 139 ފޮރިން ސާވިސް މުވައްޒަފުން ތިބިއިރު، 132 ސިޔާސީ މުވައްޒަފުން ތިއްބެވެ. އަދި މިދިޔަ ސަރުކާރާ އަޅާބަލާއިރު މި ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ ނިސްބަތް އެ މިނިސްޓްރީގައި އިތުރެވެ. ފާހަގަކޮށްލެވޭ ގޮތުގައި މި ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ އަދަދު އިންތިހާއަށް އިތުރު ކަމަށް ބުނެ އިދިކޮޅުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން މި ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ އަދަދު 2،000ހަށްވުރެ އިތުރު ކަމަށް ވަނީ ބުނެފައެވެ. https://sun.mv/203472 ސަރުކާރުން ވަނީ ޚަރަދު ކުޑަކުރަން 228 ސިޔާސީ މުވައްޒަފުން ވަކިކުރި ކަމަށް ބުނެފައެވެ. ސަރުކާރުން ވަކިކުރި ކަމަށް ރައީސް އޮފީހުން އިއުލާނުކުރި 228 ސިޔާސީ މުވައްޒަފުންގެ މައުލޫމާތު ހާމަކުރަން ބަންޑާރަނައިބުގެ އޮފީހުން ކުރިން ނިންމި ނަމަވެސް، ހަމަ އެ މައުލޫމާތު ނުދޭން އަނެއްކާ ވެސް ދައުލަތުން ހައިކޯޓަށް ވަނީ ހުށަހަޅައިފައެވެ. ސިޔާސީ މުވައްޒަފުންގެ މައުލޫމާތު ހޯދަން ފުރަތަމަ ހުށަހެޅީ އަފްރާހް އިސްމާއިލެވެ. އެކަމަކު، އެ މައުލޫމާތު ނުދޭން ހައިކޯޓަށް ހުށަހެޅުމުން ފާޑުކިޔުން އަމާޒުވުމުން ބަންޑާރަނައިބު އަހުމަދު އުޝާމް ވަނީ އެ މައުލޫމާތު ދޭނެ ކަމަށް ވިދާޅުވެ، އިސްތިއުނާފު އަނބުރާ ގެންގޮސްފައެވެ. ސިޔާސީ މުވައްޒަފުން 700 އަށް ވުރެ އިތުރު ނުކުރުމަކީ ރައީސުލްޖުމްޙޫރިއްޔާގެ ރިޔާސީ ވައުދުފުޅެކެވެ. ނަމަވެސް އަދި އަދަށް ވެސް މި ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ