ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑު ކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް އާދަމް ޝާމިލްކޮށް ސޮއިކޮށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ފޮނުވި ސިޓީއާ ގުޅިގެން ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާ ކަމަށް ތުހުމަތުކޮށް އޭނާއާ ދެކޮޅަށް ޖިނާއީ ތަހުގީގެއް ހިންގުމަށް އޭސީސީއަށް ހުށަހަޅައިފި އެވެ.
މި މައްސަލަ ހުށަހަޅާފައިވަނީ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ފަރާތުންނެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ މަގާމުން އަޒްމިރާލްދާ ސަސްޕެންޑު ކުރީ "ޖިނާއީ ތަހުގީގެއް" ހިންގަމުންދާ ކަމަށް ބުނެ ޝާމިލް ސޮއިކޮށް ފޮނުވި ސިޓީއަކަށް ބިނާކޮށެވެ.
ފަނޑިޔާރު އަޒްމިރާލްދާގެ ފަރާތުން މިއަދު ހުށަހެޅި މައްސަލާގައި ވަނީ އެ ސިޓީގައި ގިނަ މައްސަލަތަކެއް ހުރި ކަމަށާއި އެ ކޮމިޝަނުން އަމަލުކޮށްފައި ވަނީ އިޖުރާއަތްތަކާއި އުސޫލުތަކުގެ ބޭރުން ކަމަށް ވަނީ ފާހަގަކޮށްފަ އެެވެ.
ޝާމިލް ސޮއިކުރި ސިޓީގައި ސިޓީ ނަންބަރެއް ނެތް ކަމަށާއި ޖޭއެސްސީއަށް ޖިނާއީ ތަހުގީގެއް ހިންގާކަން އެންގިއިރު އެފަދަ ތަހުގީގެއް އޭނާގެ މައްޗަށް ކުރަން އޭސީސީން ނިންމާފައި ނުވާކަން އަޒްމިރާލްދާ ފާހަގަކުރެއްވި އެވެ.
ފަނޑިޔާރުން ސަސްޕެންޑު ކުރުމާ ހަމައަށް ވެސް މައްސަލަ އޮތީ ޕްރީ-އިންވެސްޓިގޭޝަން މަރުހަލާގައި ކަން ވަނީ ފާހަގަކޮށްފަ އެވެ. އެހެންކަމުން، ޝާމިލް ޖޭއެސްސީއަށް ދީފައިވަނީ ދޮގު މައުލޫމާތުކަން ހާމަވާ ކަމަށް ވެސް އެ މައްސަލާގައި ބަޔާންކޮށްފައިވެ އެވެ.
އެފަދަ ސިޓީއެއް ޝާމިލް ޖޭއެސްސީއަށް ފޮނުވީ ސުޕްރީމް ކޯޓުގައި ހިނގަމުންދިޔަ ދުސްތޫރީ މައްސަލައިގެ ޝަރީއަތް ހުއްޓުވާލައި ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމުގެ ގޮތުން ކަމަށް ވެސް އަޒްމިރާލްދާގެ މައްސަލާގައި ބަޔާންކޮށްފައިވެ އެވެ.
"ސުޕްރީމް ކޯޓުގެ ޝަރީއަތެއް ހުއްޓުވާލައި ފަނޑިޔާރުން ސަސްޕެންޑު ކުރުވުމަށް ސިޓީ ފޮނުވާފައި ވަނީ، ސުޕްރީމް ކޯޓުގައި އޮތް މައްސަލަ ކުރިއަށް ނުގެންދެވުމަށް މައްސަލަ ރައްދުވާ އެޓާނީ ޖެނެރަލްގެ ފަރާތުން ބޭނުންވާތީ އެ މަގުސަދު ހާސިލުކޮށްދިނުމަށާއި، އަދި އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރައީސަކީ ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރާ ފަރާތެއް ކަމަށް އެ ކޮމިޝަނުގެ ގާނޫނަށް ގެނެވުނު 3 ވަނަ އިސްލާހުގައި ކަނޑައަޅާފައިވާތީ އަމިއްލަ މަގާމު ދިފާއު ކުރުމުގެ މަސްލަހަތުގައި ކަމަށް ދެކެމެވެ،" ފަނޑިޔާރު ހުށަހެޅުއްވި މައްސަލާގައި ބަޔާންކޮށްފައިވެ އެވެ.
ޝާމިލްގެ އަމަލުތަކަކީ ރަސްމީ ހައިސިއްޔަތު ނުވަތަ އެ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުން ކުރުން ކަމަށާއި އެކަމުގައި މަންފާ ލިބެން ނުޖެހޭ ފަރާތަކަށް މަންފާ ހޯދައިދިނުމުގެ މަގްސަދުގައި ކޮށްފައިވާ އަމަލެއް ކަމަށް ވެސް ޝާމިލްއަށް އެޑްރެސްކޮށް ފޮނުވި މައްސަލައިގެ ލިޔުމުގައި ބަޔާންކޮށްފައިވެ އެވެ.
އޭސީސީން ފޮނުވި ސިޓީއާ ގުޅިގެން ބަލަމުންދާ މައްސަލައިގެ ތަހުގީގަށް ފަނޑިޔާރު އަޒްމިރާލްދާ ޖޭއެސްސީއަށް ހާޒިރުވެވަޑައިގަތުމަށް އަންގާފައި ވަނީ މާދަމާ ހެނދުނު 10:00 އަށްކަން އަދަދު ނޫހަށް ވަނީ ޔަގީން ކުރެވިފަ އެވެ.
އެ ތަހުގީގުގައި ބާއްވާ އަޑުއެހުންތައް އާންމުންނަށް ހުޅުވާލައިގެން ކުރިއަށްގެންދިޔުމަށް ވަކީލުން މެދުވެރިކޮށް ފަނޑިޔާރު އަޒްމިރާލްދާ އެދިވަޑައިގަތެވެ. ނަމަވެސް، ޖޭއެސްސީން ނިންމީ ތަހުގީގު އަޑުއެހުންތައް ސިއްރު ކުރުމަށެވެ.
ޝާމިލްއާ ދެކޮޅަށް ކޮރަޕްޝަންގެ މައްސަލައެއް އަޒްމިރާލްދާ އޭސީސީއަށް ހުށަހަޅައިފި ޝާމިލްއާ ދެކޮޅަށް ކޮރަޕްޝަންގެ މައްސަލައެއް އަޒްމިރާލްދާ އޭސީސީއަށް ހުށަހަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ