މާދަމާ ހެނދުނު 10:00 އަށް ޖޭއެސްސީއަށް ހާޒިރުވާން ފަނޑިޔާރު އަޒްމިރާލްދާއަށް އަންގައިފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް މާދަމާ ހެނދުނު ހާޒިރުވާން އަންގައިފި އެވެ.އަޒްމިރާލްދާގެ ސުލޫކީ މައްސަލަތަކެއް ޖޭއެސްސީން ބަލަން ފެށީ ސިޔާސީ ޕާޓީތަކަށް މެންބަރުންގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލު ބާތިލު ކުރަން ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް ކުރިއަށް ދަނިކޮށެވެ. އޭނާ ހިމެނޭހެން ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑުކުރީ އެންޓި ކޮރަޕްޝަން ކޮމިޝަނު (އޭސީސީ)ން ޖިނާއީ ތަހުގީގެއް ހިންގާ ކަމަށް ބުނެ އެވެ.މައުލޫމާތު ލިބިފައިވާ ގޮތުގައި ފަނޑިޔާރު އަޒްމިރާލްދާ ޖޭއެސްސީއަށް ހާޒިރުވެވަޑައިގަތުމަށް އަންގާފައި ވަނީ މާދަމާ ހެނދުނު 10:00 އަށެވެ.ފަނޑިޔާރު އަޒްމިރަލްދާގެ ގާނޫނީ ވަކީލް ޝަމީލް މީގެކުރިން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ޖިނާއީ ކުށެއްގެ ތުހުމަތު ވެސް ނެތީސް ހައްޔަރުކުރި ޑރ. އިސްމާއިލް ބަންދުން ދޫކުރަން ފަނޑިޔާރު އަޒްމިރަލްދާ ނުފޫޒު ފޯރުވި ކަމަށް ކުރާ ތުހުމަތަކީ ކަނޑައެޅިގެން ހަގީގަތާ ހިލާފު ދޮގު ތުހުމަތެއް ކަމަށެވެ.އެ ތަހުގީގުގައި ބާއްވާ އަޑުއެހުންތައް އާންމުންނަށް ހުޅުވާލައިގެން ކުރިއަށްގެންދިޔުމަށް ވަކީލުން މެދުވެރިކޮށް ފަނޑިޔާރު އަޒްމިރާލްދާ އެދިވަޑައިގަތެވެ. ނަމަވެސް، ޖޭއެސްސީން ނިންމީ ތަހުގީގު އަޑުއެހުންތައް ސިއްރު ކުރުމަށެވެ.އާންމުކޮށް ހުޅުވާލައިގެން އަޑުއެހުންތައް ބޭއްވުމަށް އަޒްމިރާލްދާ އެދުނީ އެ ކޮމިޝަންގެ ގާނޫނުގެ 28 ވަނަ މާއްދާއިން އެ ފުރުސަތު ތަނަވަސްވާތީ އެވެ. މީގެ ކުރިން ވެސް އެ ކޮމިޝަނުން, ފަނޑިޔާރުންގެ ސުލޫކީ މައްސަލަތަކުގެ އަޑުއެހުން ހުޅުވާލައިގެން ކުރިއަށް ގެންގޮސްފައިވެ އެވެ.ފަނޑިޔާރު މަހާޒް އަލީ ޒާހިރު އަދި ފަނޑިޔާރު އަޒްމިރަލްދާ ސަސްޕެންޑްކުރީ މަޖިލިސް މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލްކުރުމުގެ މައްސަލާގައި ސުޕްރީމް ކޯޓުގައި އަޑުއެހުމެއް ތާވަލްކޮށް، އެ އަޑުއެހުން ފަށަން 15 ވަރަކަށް މިނެޓަށް ވެފައި ވަނިކޮށެވެ.މީގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު 7 އިން 5 އަށް ދަށްކުރަން ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހު ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ. އެ އިސްލާހު ގާނޫނުއަސާސީއާ ހިލާފު ކަމަށް ބުނެ ގާނޫނީ ގިނަ ބޭފުޅުންގެ ކަންބޮޑުވުންތައް އޮއްވާ އަވަސް އަރުވާލައިގެން ފާސްކުރި އެ ބިލް މިހާތަނަށް ރައީސް ތަސްދީގެއް ނުކުރައްވަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ