ސިނާގެ އެނބުރި އައުން ކާމިޔާބު، އިޓަލީއަށް ޚާއްސަ ދުވަހެއް
ދުނިޔޭގައި އެއްވަނައަށް ރޭންކްކުރެވިފައިވާ ފިރިހެން ޓެނިސް ކުޅުންތެރިޔާ އިޓަލީވިލާތުގެ ޔަނިކް ސިނާ ތިން މަސް ދުވަހުގެ ބޭން ފުރިހަމަ ކުރުމަށް ފަހު އެނބުރި އައިސް ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށްފިއެވެ. ސިނާ މޮޅުވެފައިވަނީ އިޓާލިއަން އޯޕަން ޓެނިސް މުބާރާތުގެ ދެވަނަ ބުރުގައި އާޖެންޓީނާގެ މަރިއާނޯ ނަވޯނާ ބައްދަލުކުރި މެޗުން ސީދާ ދެ ސެޓުންނެވެ. ތިން މަސް ދުވަހުގެ މެދު ކެނޑުމަކާ އެކު މެޗަށް ސިނާ ނުކުތުމާ އެކު އިޓަލީވިލާތުގެ ސަޕޯޓަރުންވަނީ އޭނާއަށް ވަރަށް ހޫނު މަރުހަބާއެއް ކިޔާފައެވެ. ފުރަތަމަ ސެޓު ސިނާ 6-3 އިން ކާމިޔާބުކުރިއިރު ދެވަނަ ސެޓު އޭނާ ކާމިޔާބުކޮށްފައިވަނީ 6-4 އިންނެވެ. މެޗުގެ ސެޓުތަކުގެ ނަތީޖާއަށް ބަލާއިރު މިއީ އޭނާއަށް ފަސޭހަ މެޗެއްގެ ގޮތުގައި ފާހަގަވި ނަމަވެސް ބޭންގެ ކުރިން ސިނާ ކުޅުނު ކުޅުމާއި މެޗުގައި ފެނުނު ކުޅުން ތަންކޮޅެއް ތަފާތެވެ. އޭނާއަށް މެޗު ފިޓްނަސް ބޭނުންވާކަން ވަރަށް ބޮޑަށް ފާހަގަވިއެވެ. ސިނާ އެންމެ ފަހުން ވާދަކޮށްފައިވަނީ އަހަރުގެ ފުރަތަމަ ގްރޭން ސްލޭމް މުބާރާތް ކަމަށްވާ އޮސްޓްރޭލިއަން އޯޕަންގައެވެ. އެއަށް ފަހު ވޯލްޑް އެންޓި ޑޯޕިން އެޖެންސީ (ވާޑާ)އާ އެކު ވެވުނު އެއްބަސްވުމެއްގެ ދަށުން އޭނާ ތިން މަސްދުވަހުގެ ބޭންއަށް އެއްބަސްވެ، އެ ބޭން ފުރިހަމަ ކުރީއެވެ. މުބާރާތުގެ ތިންވަނަ ބުރުގައި ސިނާ ބައްދަލުކުރާނީ ނެދަލަންޑްސްގެ ޔެސްޕާ ޑި ޔޮންގްއާއެވެ. އިޓާލިއަން އޯޕަންއަކީ އަހަރުގެ ދެވަނަ ގްރޭން ސްލޭމް މުބާރާތް ކަމަށްވާ ފްރެންޗް އޯޕަންގެ ކުރިން އޮންނަ ފަހު މާސްޓާސް 1000 މުބާރާތެވެ. ނަމަވެސް، ފްރެންޗް އޯޕަންއަށް އިތުރަށް ތައްޔާރުވުމުގެ ގޮތުން ސިނާވަނީ ހެމްބާގް އޯޕަން ޓެނިސް މުބާރާތުގައި ވެސް ވާދަކުރުމަށް ނިންމާފައެވެ. މެޗަށް ފަހު ވާހަކަދައްކަމުން ސިނާ ބުނީ، މެޗަށް ނުކުތް ވަގުތު ސަޕޯޓަރުންގެ ފަރާތުން ލިބުނު ތަރުހީބަކީ އޭނާގެ ހަޔާތުގައި މިހާތަނަށް ލިބުނު އެންމެ ފުރިހަމަ މަރުހަބާ ކަމަށެވެ. އިޓަލީވިލާތުގައި އުފެދުނު އެންމެ މޮޅު ޓެނިސް ކުޅުންތެރިޔާ ކަމަށް އެ ޤައުމުގެ ރައްޔިތުން ގަބޫލުކުރާ ސިނާގެ އެނބުރި އައުން އިޓަލީވިލާތުގެ ރައްޔިތުން ވަރަށް ކުލަގަދަކޮށް ފާހަގަކޮށްފައިވެއެވެ. އޭނާ މެޗު ފެށުމުގެ ކުރިން ޕްރެކްޓިސް ކުރިތަން ބަލާލުމަށް ވެސް ގިނަ އަދަދެއްގެ އާންމު ރައްޔިތުން މަސައްކަތްކުރިއެވެ. އިޓަލީވިލާތުގެ ނޫސްތަކުން ވެސް އިއްޔެ ފާހަގަކޮށްފައިވަނީ ސިނާގެ ދުވަހުގެ ގޮތުގައެވެ. އޭނާ ނޫސްވެރިންގެ ބައްދަލުވުމަށް ދިއުމުން އިޓަލީވިލާތުގެ ނޫސްވެރިން ވެސް ވަނީ ސިނާއަށް ހޫނު މަރުހަބާއެއް ކިޔާފައެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ސިނާއަށް ދިން ބޭންއަކީ އޭނާއަށް ހައްގު ބޭންއެއް ނޫނެވެ. ނަމަވެސް، ޓެނިސް ކުޅުންތެރިންގެ މެދުގައި މިކަމުގައި ހިޔާލު ތަފާތު ވުންތަކެއް ހުއްޓެވެ. މިގޮތުން ބައެއް ކުޅުންތެރިންވަނީ ވާޑާއަށް އޮތް އިތުބާރު ކުޑަކަން ފާހަގަކޮށްފައެވެ. ބޭނުންކުރުން މަނާ ބޭހުން މި ކުޅިވަރު އެއްކޮށް ސާފު ނުވާނެކަން މިހާރު އެނގިއްޖެ ކަމަށް ވެސް ބައެއް ކުޅުންތެރިން ބުނެފައިވެއެވެ. ދުނިޔޭގެ އެއްވަނަ ކުޅުންތެރިޔާއަށް ވާން ކަމާބެހޭ ފަރާތްތަކުން ސިނާއަށް ފޭވާކޮށްފައިވާ ކަމަށް ގިނަ ކުޅުންތެރިން ފާހަގަކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ