ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންގެ މެއިލްތަކަށާއި ފޯނު ކޯލްތަކަށް ޖަވާބު ނުދެވެނީ ހަޔާ އެޑިއުކޭޝަން މިނިސްޓްރީގައި ސިވިލް ސާވިސް މުވައްޒަފުންގެ ދަތިކަމެއް އުޅޭތީ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު، އަލީ ހައިދަރު ވިދާޅުވެއްޖެ އެވެ.
މަޖިލީހަށް މިއަދު ހާޒިރުކޮށް މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން ހައިދަރު ވިދާޅުވީ އެ މިނިސްޓްރީގެ މަސައްކަތްތައް ބައެއް ފަހަރު ނުކުރެވެނީ މުވައްޒަފުންގެ ދަތިކަމާ ހުރެ ކަމަށެވެ.
"ބައެއް ފަހަރަށް އަޅުގަނޑުމެންނަށް މަސައްކަތް ނުކުރެވެނީ މުވައްޒަފުންގެ ދަތިކަމާ ހެދި، ވަކިން ހާއްސަކޮށް ސިވިލްސާވިސް މުވައްޒަފުންގެ ދަތިކަމާ ހެދި އަޅުގަނޑުމެންނަށް މަސައްކަތް ނުކުރެވެނީ. އެހެންނަމަވެސް އަޅުގަނޑުމެން އެބަ މަސައްކަތް ކުރަން ވީހައިވެސް ބޮޑަކަށް، މަސައްކަތްތައް ބަހާލައިގެން ވަކި ޓާގެޓުތަކެއް ކަނޑައަޅައިގެން މަސައްކަތްތައް ހާސިލު ކުރުމަށް،" ހައިދަރު ވިދާޅުވި އެވެ.
އޭނާ މިއަދު އެހެން ވިދާޅުވި ނަމަވެސް، މީގެ ކުރިން, އޭޕްރީލް 30، ގައި މަޖިލީހަށް ލިޔުމުން ފޮނުއްވި ޖަވާބުގައި ހައިދަރު ވިދާޅުވީ ދަރިވަރުންގެ ކޯލުތަކަށް ޖަވާބު ނުދެވެނީ ދޭންޖެހޭ އަދަދަށްވުރެ ގިނަ ދަރިވަރުންނަށް ލޯނު ދޭން ސަރުކާރުން ނިންމުމުން ކަމަށެވެ.
އެ ދުވަހު ހައިދަރު ވިދާޅުވީ ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ އެކި ސެކްޝަންތަކަށް ދުވާލެއްގެ މައްޗަށް 600 އަށް ވުރެ ގިނަ އީމެއިލް އާއި ސިޓީ ލިބެމުންދާ ކަމަށެވެ.
"[ފައިސާ ދޭން އޮންނަ މުއްދަތަށް ވުރެ] މާކުރު މުއްދަތެއްގެ ތެރޭގައި ފައިސާގެ ކަންކަން ހަމަޖެހިގެން ދިޔުން އެދި އެކި ފަރާތްތައް މެދުވެރިކޮށް ފޯނުންނާއި އެހެނިހެން ވަސީލަތްތައް ބޭނުންކޮށްގެން ތަކުރާރުކޮށް ސުވާލު ކުރަމުން ދިޔުމުން ސެކްޝަންތަކުގެ މުވައްޒަފުންގެ މަސައްކަތްތައް ވަރަށް ބޮޑަށް އިތުރުވެ އެ ސެކްޝަންތަކުން ކުރުމަށް ކަނޑައެޅިފައިވާ މަސައްކަތްތައް ކުރަމުން ދުވާލަކަށް ލިބޭ އީމެއިލްތަކަށް ޖަވާބު ނުދެވޭކަން ފާހަގަ ކުރަން،" ހައިދަރު އެ ދުވަހު ވިދާޅުވި އެވެ.
މިދިޔަ އަހަރު ސްޓޫޑެންޓް ލޯނަށް ސަރުކާރުން ހުޅުވައިލީ 500 ފުރުސަތެވެ. ނަމަވެސް ސްޓޫޑެންޓް ލޯނަށް އެދި 1،709 ދަރިވަރުން ކުރިމަތިލުމުން، ޝަރުތު ހަމަވާ ހުރިހާ ދަރިވަރުންނަށް ލޯނު ދޫކުރުމަށް ސަރުކާރުން ނިންމި އެވެ. އެ ގޮތުން ޝަރުތު ހަމަވީ 1،153 ދަރިވަރަކަށް މިދިޔަ އަހަރު ލޯނު ދޫކުރި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސަރުކާރުގެ އެންމެ ފަހު އަހަރު، އެ ލޯނަށް ޝަރުތު ހަމަވި 1،225 ދަރިވަރުންނަށް ލޯނު ދޫކުރަން ސަރުކާރުން ނިންމި އެވެ. އެހެންކަމުން ވެއެތުވެދިަ ދެ އަހަރުގެ ތެރޭގައި 2،378 ދަރިވަރަކަށް ސްޓޫޑެންޓު ލޯނުގެ ދަށުން ކިޔެވުމުގެ ފުރުސަތު ސަރުކާރުން ވަނީ ފަހިކޮށްދީފަ އެވެ.
މި އަހަރު ވެސް ސްޓޫޑެންޓް ލޯނަށް ސަރުކާރުން ހުޅުވައިލީ 500 ފުރުސަތެވެ. ސްޓޫޑެންޓް ލޯނަށް އެދި 1300 އަށްވުރެ ގިނަ ދަރިވަރުން ހުށަހެޅި ކަމަށް ހައިދަރު މީގެ ކުރިން ވިދާޅުވި އެވެ. ނަމަވެސް ސްޓޫޑެންޓް ލޯނު ދޫކުރަން ނިންމާފައި ވަނީ ކިތައް ދަރިވަރުންނަށް ކަމެއް ސަރުކާރުން އަދި ހާމައެއް ނުކުރެ އެވެ.
މިނިސްޓްރީގެ މަސައްކަތް ރަނގަޅަށް ނުކުރެވެނީ މުވައްޒަފުންގެ ދަތިކަމާހުރެ ކަމަށް ހައިދަރު ވިދާޅުވެއްޖެ މިނިސްޓްރީގެ މަސައްކަތް ރަނގަޅަށް ނުކުރެވެނީ މުވައްޒަފުންގެ ދަތިކަމާހުރެ ކަމަށް ހައިދަރު ވިދާޅުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ