ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުގެ ފިރިކަލުން، އައިޖީއެމްއެޗުގެ ޑޮކްޓަރު އިސްމާއީލް ލަތީފް ބަންދު ނުކުރުމަށް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައިގެ ފަހު އަޑުއެހުންތައް މާދަމާއަށް ތާވަލުކޮށްފި އެވެ.
ވީކިހިނެއް؟ - މަސާޖު ޕާލަރަކުން ލަތީފް ހައްޔަރުކޮށް ބަންދުކުރުމަށް ހާޒިރުކުރުމުގެ ކުރިއަށް އޭނާ ދޫކޮށްލަން ކްރިމިނަލް ކޯޓުގެ ގާޒީންނަށް އަޒްމިރަލްދާއާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރު ނުފޫޒު ފޯރުވި ކަމަށް ބުނެ ސުލޫކީ މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ދިޔައީ ބަލަމުންނެވެ.
ތަފްސީލް - އެ މައްސަލައިގެ ފަހު އަޑުއެހުންތައް މާދަމާ ބާއްވާނެ ކަމުގެ ނޯޓިސް ދެ ފަނޑިޔާރުންނަށް ވެސް ޖޭއެސްސީން ވަނީ ފޮނުވައިފަ އެވެ. އެ ގޮތުން:
މަހާޒަށް އެންގީ މާދަމާ ހެނދުނު 9 ޖަހާއިރު ޖޭއެސްސީއަށް ހާޒިރުވުމަށް
އަޒްމިރަލްދާއަށް އެންގީ މާދަމާ ހެނދުނު 10 ޖަހާއިރު ޖޭއެސްސީއަށް ހާޒިރުވުމަށް
ފުރަތަމަ އަޑުއެހުންތައް ބޭއްވީ މިދިޔަ މަހު ކުރީކޮޅުގަ އެވެ. ދެ ފަނޑިޔާރުންގެ ބަޔާނާއި ކްރިމިނަލް ކޯޓުގެ ތިން ގާޒީއެއްގެ ބަޔާން ނެގުމަށް ފަހު ތަހުގީގުގެ ފުރަތަމަ ރިޕޯޓް، މިދިޔަ މަހު 13ގައި ފަނޑިޔާރުންނަށް ވަނީ ފޮނުވައިފަ އެވެ.
ފަހު އަޑުއެހުން ބާއްވަން ޖެހެނީ ތަހުގީގުގެ ފުރަތަމަ ރިޕޯޓަށް ޖަވާބެއް އެރުވުމަށް ފަނޑިޔާރުންނަށް ފުރުސަތެއް ދީފަ އެވެ. މާހާޒާއި އަޒްމިރަލްދާ ވެސް ވަނީ ރިޕޯޓަށް ޖަވާބު ފޮނުވައިފަ އެވެ.
ފައިނަލް ރިޕޯޓް ތައްޔާރުކުރާނީ ފަހު އަޑުއެހުމަށް ފަހުގަ އެވެ.
ފާހަގަކޮށްލެވޭ ކަމެއް - މާދަމާ ފަހުއަޑުއެހުމަށް ހާޒިރުވާން އެންގިއިރު، އަޒްމިރަލްދާ ވަނީ ޖޭއެސްސީއަށް ދިފާއުގައި 28 ހެއްކެއް ހުށަހަޅުއްވައިފަ އެވެ. އޭގެ ތެރޭގައި ހިމެނޭ 17 ހެކިވެރިއެއްގެ ބަޔާން ނެގުމަށް ވެސް އެދިވަޑައިގެންފައިވެ އެވެ.
ގުޅުން ހުރި - އަޒްމިރަލްދާ އާއި މަހާޒު ކްރިމިނަލް ކޯޓުގެ ގާޒީންނަށް ނުފޫޒު ފޯރުވުމުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ބުނާ މައްސަލައެއް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ވެސް ދަނީ ބަލަމުންނެވެ.
އަޒްމިރަލްދާ ވަނީ އޭސީސީގެ ރައީސް އާދަމް ޝާމިލް ޝަރީއަތަށް ނުފޫޒު ފޯރުވި ކަމަށް ވިދާޅުވެ މައްސަލައެއް ހުށަހަޅުއްވައިފަ އެވެ. އެ މައްސަލަ އޭސީސީގައި ރަޖިސްޓްރީ ވެސް ކުރި އެވެ.
ދޮގު މައުލޫމާތު ޝާމިލް ދެއްވި ކަމަށް ތުހުމަތުކޮށް ފުލުހަށް ވެސް މައްސަލަ ހުށަހެޅުއްވި އެވެ. އެކަމަކު ފުލުހުން މައްސަލަ ބަލައެއް ނުގަތެވެ.
އިތުރު މައްސަލަތަކެއް ވެސް ޖޭއެސްސީން ދަނީ ބަލަމުންނެވެ. ދެން ކޮމިޝަނުން ބަލާ މައްސަލަތަކަކީ:
އިތުރުން ހައި ކޯޓުގެ އެސިސެންޓް ރެޖިސްޓްރާ ހުސެން މުހައްމަދު ހަނީފް ސުޕްރީމް ކޯޓަށް ހާޒިރުކޮށް ހުސްނުއްސުއޫދު ހުތުރުބަހުން މުއާމަލާތްކުރެއްވި ތަނެއްގައި އަޒްމިރަލްދާ އާއި މަހާޒު ވެސް އިންނެވި މައްސަލައެއް
ދިފާއުގައި އަޒްމިރަލްދާގެ ވަކީލު އިބްރާހީމް ޝަމީލް ނޫސްބަޔާން ނެރުއްވާތީ ވެސް ސުލޫކީ މައްސަލައެއް ބެލުމަށް ޖޭއެސްސީން ނިންމައި އޭގެ ނޯޓިސް ފަނޑިޔާރަށް ވަނީ ފޮނުވާފައި
އެނގުން މުހިންމު - ކުރިން އޮތް ޖޭއެސްސީއަށް ހުށަހެޅި މައްސަލަތަކެއް ވެސް ހިމެނޭ ގޮތަށް މި ފަނޑިޔާރުންގެ މައްސަލަތައް ބަލަން ނިންމައި ސަސްޕެންޑްކުރީ މަޖިލީހުގެ ގޮނޑި ގެއްލޭ އާ ހާލަތްތަކަށް އަމަލުކުރުން ފަސްކުރުމުގެ ވަގުތީ އަމުރަކާ ގުޅޭ އަޑުއެހުމެއް ފަށަން ކުޑަތަން ވެފައި ވަނިކޮށެވެ.
އެއީ ޕާޓީން ވަކިކުރުމުން މަޖިލީހުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލުގެ މައްސަލަ އެވެ. ފަނޑިޔާރުން ސަސްޕެންޑްކުރީ މައްސަލަ ކުރިއަށް ގެންދަން ވެސް ކޯޓުން ނިންމާފައި ވަނިކޮށެވެ. ތިން ފަނޑިޔާރަކު އޭރު ސަސްޕެންޑްކުރުމުން ދުސްތޫރީ މައްސަލަ ވަގުތީ ގޮތުން ހުއްޓުނުތާ މަހަކަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ. އެއީ:
ސުޕްރީމް ކޯޓުގައި ސަސްޕެންޝަނެއް ނެތި އޭރު ތިއްބެވީ ހަތަރު ފަނޑިޔާރުން
ކޯޓުތަކުގެ ގާނޫނު ބުނާ ގޮތުން ސުޕްރީމް ކޯޓުގައި ދުސްތޫރީ މައްސަލައެއް ބެލޭނީ މަދުވެގެން ފަސް ފަނޑިޔާރުން ތިއްބަވާ ބެންޗަކަށް
ދެން ސަސްޕެންޑްކުރި ހުސްނުއްސުއޫދު މަގާމުން އިސްތިއުފާ ދެއްވުމުން، އެ މަގާމަށް ހައި ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ހުސައިން ޝަހީދު ވަނީ އައްޔަންކޮށްފަ އެވެ. އޭގެ ފަހުގައި ވެސް ގޮނޑި ގެއްލޭ އިސްލާހުގެ ދުސްތޫރީ މައްސަލައިގެ އަޑުއެހުމެއް ކޯޓުން ތާވަލުކޮށްފައެއް ނުވެ އެވެ.
ބަންދު އަމުރަކަށް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައިގެ ފަހު އަޑުއެހުންތައް މާދަމާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ