ކައިވެނި ރޫޅާލުމަކުން ނުނިމޭނެ! އަނިޔާ ލިބުނު މީހާއަށް ބަދަލު ނުދީ އެންމެ މަތީ ކޯޓުން ސަލާމަތެއް ނުވެވޭނެ!

ގިނަ ބައަކު އިސްލާމް ދީން ޤަބޫލުކުރެއެވެ. ދީނުގެ ޙުކުމްތައްވެސް ޤަބޫލުކުރެއެވެ. ނަމަވެސް ގިނަ ބައަކަށް މައްސަލައަކަށް ވަނީ ދީނުގައިވާ މަގުން ޢަމަލުކުރަންޖެހޭ ޙާލަތުގައި ފަސްޖެހެވޭކަމެވެ. ޚާއްޞަކޮށް ތިމާ ކުރަން ބޭނުންވާ ކަންކަން ކުރުމަށް ހުރަހެއް އޮތް ނަމައެވެ. މިޘާލަކަށް ކައިވެނި ރޫޅައިލުމާއި ޢިއްދައިގެ ޚަރަދު ދިނުމާއި ދަރިން ތިބި ނަމަ އެދަރިން ބެލެހެއްޓުން ފަދަ ކަންކަމުގައެވެ.
ﷲ ތަޢާލާ ދެއްވެވި ކޮންމެ ނިޢްމަތަކާއިމެދުވެސް ޤިޔާމަތް ދުވަހު ސުވާލުކުރައްވަވާނެތެވެ. ޖަވާބުދާރީ ނުވެ ސަލާމަތެއްވެސް ނުވެވޭނެތެވެ. އެގޮތުން ހެޔޮލަފާ ބައިވެރިއަކު ދެއްވެވުމަކީވެސް ﷲ ތަޢާލާ ދެއްވަވާ ވަރަށް ބޮޑު ނިޢްމަތެކެވެ. އެކަން ޙަދީޘްފުޅުން އެއޮތީ ދިމާއަށް ފެންނާށެވެ! އެޙަދީޘްފުޅު ފަހުން ބަޔާންކުރާނަމެވެ. އިން ޝާ ﷲ
އިހަށް އަޑުއަހާށެވެ! ޙަދީޘްފުޅުގައި އޮތީ ޒުވާން ޢުމުރުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށެވެ. ޒުވާން ޢުމުރު ބޭނުންކުރިގޮތަކާއިމެދު ސުވާލު ނުކުރައްވަވަނީވެސް ޤިޔާމަތްދުވަހު މީހާ ހުރި ފިޔަވަޅުމަތިން ގުޑައިވެސް ނުލެވޭނެ ކަމަށެވެ. މިކަން ހަމަ ހުރިހާ ޒުވާނުންނަށްވެސް ވަރަށް ރަނގަޅަށް އެނގޭނެއެވެ.
ޒުވާން އުމުރުގެ ބޭނުން ރަނގަޅު ގޮތުގައި ހިފުން މާނަކުރާއިރު ގިނަބައަކު މާނަކުރަނީ އެއީ އަޅުކަންކުރުމުގައި ހޭދަކުރުން ކަމަށެވެ. އެއީވެސް ހަމަ ރަނގަޅުމާނައެކެވެ. ތަޤްވާވެރިކަމާއި އަޅުކަން ކުރުމަކީ ޒުވާން އުމުރު ލިބިގަތުމަށް ކޮންމެހެން ބޭނުންކަންކަމެވެ.
ގިނަ ބައަކަށް ނުވިސްނެނީ ކައިވެނިކޮށް ޒަވާޖީ ޙަޔާތް ބާއްޖަވެރިކުރުން ވެސް އެއީ އަޅުކަމެއް ކަމެވެ. ދެމްފިރިން ލޯބިން ދިރިއުޅުމާއި ﷲ ތަޢާލާގެ މަގުގައި ސާބިތުވުމާއި ދަރިން ލިބުމުން ތަރުބިއްޔަތުކުރުމަކީވެސް ހަމަ އަޅުކަންކަމެވެ.
ހަނދާން ނައްތާލަނީ އަނަސްގެފާނު ރިވާކުރައްވާފައިވާ މި ޙަދީޘްފުޅެވެ.
Anas ibn Malik reported: The Messenger of Allah, peace and blessings be upon him, said,
“Whoever Allah provides with a righteous wife, Allah has assisted him in half of his religion. Let him fear Allah regarding the second half.”
Source: al-Mu’jam al-Awsaṭ 992
Grade: Sahih (authentic) according to Al-Suyuti
މިޙަދީޘްފުޅުން އެނގިގެން އެދަނީ ހެޔޮލަފާ ތަޤްވާވެރި އަންތބަކު ލިބުމަކީ ދީނުގެ ދެބައިކުޅަ އެއްބައި ފުރިހަމަވުންކަމެވެ. އެފަދަ އަންތބަކު ދެއްވަވައިފިނަމަ އެމީހަކަށް އޮތީ އަނެއް ބައަށް ޢަމަލުކުރުން ކަމެވެ. އަނެއްބައި ފުރިހަމަކުރުން ކަމެވެ.
އަހުރެން ދަރުސް ފަށަމުން ބުނީ މިޙަދީޘްފުޅުގެ ވާހަކައެވެ. މިޙަދީޘްފުޅުގެ މާނަ ހަމައެކަނި އަނބިންނަށް ކޮށްގެން ނުވާނެއެވެ. ވީމާ ހެޔޮލަފާ ފިރިއަކު ލިބުމުން އިތުރަށް މޮޅު ގޮތް ހޯދަން ވަރިވާ އަނބިންގެ ކަންކަން ވެސް މިނަން ޖެހޭނީ ހަމަ މި ޙަދީޘްފުޅުންނެވެ. އަދި ކީއްހެއްޔެވެ؟ ހެޔޮލަފާ ބައިވެރިއަކު ލިބުމަކީ ﷲ ތަޢާލާ ދެއްވަވާ ބޮޑު ނިޢުމަތެއްކަން އެނގެނީ ހެޔޮލަފާ ބައިވެރިއަކު ލިބުމަކީ ދީނުގެ ދެބައިކުޅަ އެއްބައި ފުރިހަމަވުން ކަމަށް އޮތުމުންނެވެ. އެހެން ނޫންނަމަ އެކަމަކީ އެހައި ބޮޑު ނިޢުމަތަކަށް ނުވާނެތީއެވެ..
ގިނަ ބައަކު ކައިވެނިކުރަނީ ޒުވާން އުމުރުގައެވެ. ގިނަ ކައިވެނިތަކެއް ރޫޅައިލަނީ މާބޮޑު ސަބަބެއް އޮވެގެނެއް ނޫނެވެ. ކިތަންމެ ރަނގަޅު ބައިވެރއަކު ލިބިފައިހުރިނަމަވެސް އެހެން ކޮންމެވެސް އަންހެނެއްގެ ނުވަތަ ފިރިހެނެއްގެ އަވާގައި ޖެހިގެން ނުވަތަ ދުނިޔޭގެ ޒީނަތްތެރިކަމަށް ބަލައި ކައިވެނިތައް އެގެންދަނީ ރޫޅައިލަމުންނެވެ.
މިބުނާ ބަހުގެ މާނައަކީ ޒަވާޖީ ހަޔާތް ދަމަހައްޓަން ޖެހޭނީ ހަމައެކަނި ޒުވާން އުމުރުގައި ކަމަކަށް ނޫނެވެ! އެކަން ހުރިހާ އުމުރެއްގައިވެސް ކުރަންޖެހޭނެއެވެ. ކޮންމެ އުމުރެއްގައިވެސް ކައިވެނި ރޫޅައިލަން ޖެހޭނީ ދެމެހެއްޓޭނެ އެހެން އެއްވެސް ގޮތެއް ނުފެނުމުންނެވެ.
މިކަން މިގޮތަށް ފާހަގަކުރަން ޖެހެނީ ޒުވާން އުމުރުގައި ކައިވެނި ރޫޅައިލުން ގިނަވަމުންދާތީއެވެ.
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ތިމާގެ ދީނުގެ ދެބައިކުޅަ އެއްބައި ﷲ ތަޢާލާ ފުރިހަމަކުރައްވަވައި ދެއްވެވުން އެއީ ކިހައި ބޮޑު ނިޢްމަތެއް ހެއްޔެވެ؟ ވީމާ ގަދައަޅައި މަސައްކަތްކުރަންވީ ދެން އޮތްބައި ފުރިހަމަކުރުމަށެވެ.
ނިންމާލަމުންވެސް ތަކުރާރުކޮށްލާނަމެވެ. ﷲ ތައާލާ އަންގަވާފައިވާ ގޮތަށް ޒަވާޖީ ޙަޔާތް ދެމެހެއްޓުމަކީ ވަރަށް މަތިވެރި އަޅުކަމެކެވެ. ހަރުދަނާ އިސްލާމީ މުޖުތަމައުއެއް ބިނާކުރުމުގެ އެންމެ މުހިންމު އެއް ވަސީލަތަކީ ހެޔޮލަފާ ތަޤްވާވެރި ދަރިން ބިނާކުރުމެވެ. ރިވެތި ދިރިއުޅުމެއް އުޅުމެވެ. އެކަން ކުރެވޭނީ ޒަވާޖީ ޙަޔާތް ދަމަހައްޓައިގެންނެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ