"ފަށާ މަދަދު"ގެ ދެވަނަ ފިޔަވަހީގެ ދަށުން، އަންހެން ވިޔަފާރިވެރިންނަށް، ލޯނަށް އެދުމުގެ ފުރުޞަތު ހުޅުވާލައިފި

ވިޔަފާރީގެ ދާއިރާގައި އަންހެނުން ބާރުވެރިކޮށް، މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އެކުލަވާލާފައިވާ ފަށާ މަދަދު ލޯން ސްކީމްގެ ދެވަނަ ފިޔަވަހީގެ ދަށުން ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އެގޮތުން އިޖުތިމާޢީ ތަރައްޤީއާ ބެހޭ ވުޒާރާއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، މިއަދުން ފެށިގެން އޮގަސްޓް މަހުގެ ނިޔަލަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
އަދި އަންނަނިވި ޕޯޓަލް މެދުވެރިކޮށް ލޯނަށް އެދެވޭނެ ކަމަށެވެ. 
‏⁦‪portal.sdfc.mv/login‬⁩
ފަށާ މަދަދު ލޯން ސްކީމަކީ، ވިޔަފާރީގެ ދާއިރާގައި އަންހެނުން ބާރުވެރިކުރުމަށް އަންހެނުންނަށް ޚާއްޞަ ލޯން ސްކީމެއް ތަޢާރަފުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެލެއްވި ވައުދުފުޅާ އެއްގޮތަށް އެސްޑީއެފްސީއާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް އާއި މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް ގުޅިގެން ވިޔަފާރީގައި ހަރަކާތްތެރިވާ އަންހެނުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އެކުލަވާލާފައިވާ 100 މިލިއަން ރުފިޔާގެ ލޯނު ސްކީމެކެވެ.
މި ލޯނު ސްކީމްގެ ދަށުން އަހަރަކު 6 އިންސައްތައިގެ އިންޓްރެސްޓާއެކު އަލަށް ވިޔަފާރި ފަށާ ފަރާތްތަކަށް 100،000 ރުފިޔާއާއި 500،000 ރުފިޔާއާ ދެމެދުގެ ޢަދަދަކަށް ލޯނު ނެގޭނެއެވެ. މި ލޯން ސްކީމުގެ %25 ޚާއްޞަ ކުރެވިފައި ވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށެވެ.
މި ލޯނަށް ގިނަވެގެން 12 މަސްދުވަހުގެ ގްރޭސް މުއްދަތެއް ލިބޭނެއެވެ. އަދި 7 އަހަރު ދުވަހަށް ބަހާލައިގެން ލޯނު އަނބުރާ ދެއްކޭނެއެވެ.
މި ލޯނު އަމާޒު ކުރެވިފައިވަނީ އަލަށް ފަށާ ވިޔަފާރިތަކަށާއި، ހިނގަމުންދާ ވިޔަފާރިތަކުގެ ތެރެއިން އަހަރީ އާމްދަނީ 1 މިލިއަން ރުފިޔާއަށްވުރެ އިތުރު ނުވާ ވިޔަފާރިތަކަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ