އިރާންގެ ދައުލަތުގެ ޓީވީގެ ލައިވް ބްރޯޑްކާސްޓު ކުރިއަށް ދަނިކޮށް އެ ޗެނަލް ހިންގާ އިމާރާތަށް އިޒްރޭލުން ހަމަލާދީފި އިރާންގެ ދައުލަތުގެ ޓީވީގެ ލައިވް ބްރޯޑްކާސްޓު ކުރިއަށް ދަނިކޮށް އެ ޗެނަލް ހިންގާ އިމާރާތަށް އިޒްރޭލުން ހަމަލާދީފި

އިރާންގެ ދައުލަތުގެ ޓީވީ ޗެނަލް، އިސްލާމިކް ރިޕަބްލިކް އޮފް އިރާން ބްރޯޑްކާސްޓިން (އައިއާރްއައިބީ) ޓީވީ ޗެނެލްގެ ލައިވް ބްރޯޑްކާސްޓިން ކުރިއަށް ދަނިކޮށް އެ ޗެނެލް ހިންގާ އިމާރާތަށް އިޒްރޭލުން ހަމަލާދީފި އެވެ.
އެ ޓީވީގެ ބްރޯޑްކާސްޓު ކުރިއަށް ދަނިކޮށް އިޒްރޭލުން އެ އިމާރާތަށް ހަމަލާދިން ވަގުތު ލައިވް ހޯސްޓު ކުރަމުން ދިޔައީ އިރާންގެ މަޝްހޫރު ޕްރެޒެންޓަރު، ސަހަރު އެނާމީ އެވެ. އިޒްރޭލުގެ ހަމަލާ އެ އިމާރާތަށް އަމާޒުވުމާއެކު އެނާމީ ގޮނޑިން ތެދުވެގެން ދުއްވައިގަންނަ މަންޒަރު ޓީވީ ބްރޯޑްކާސްޓުން ފެނުނެވެ.
ލައިވް ބްރޯޑްކާސްޓު ކުރިއަށް ދަނިކޮށް އިޒްރޭލުން ހަމަލާދިން ވަގުތު، އެ ޓީވީގެ ސްޓޫޑިއޯގެ ސީލިންގެ ބައިތައް ފައިބައިގަންނަ މަންޒަރު ވެސް ލައިވް ޓީވީން ފެނުނެވެ.
އައިއާރްއައިބީ ހިންގާ އިމާރާތަކީ ހަތަރު ބުރީގެ އިމާރާތެކެވެ. އައިއާރްއައިބީ ހިންގަނީ އެ އިމާރާތުގެ އެއްވަނަ ފަންގިފިލާގަ އެވެ. އެ އިމާރާތުގެ ކޮންމެ ފަންގިފިލާއެއްގައި 200 އާއި 300 އާ ދެމެދުގެ އަދަދަކަށް މުވައްޒަފުން މަސައްކަތް ކުރާ ކަމަށް އިރާންގެ އެކި މަސްދަރުތަކާ ހަވާލާދީ އަލްޖަޒީރާއިން ރިޕޯޓު ކުރެ އެވެ.
ނަމަވެސް އިޒްރޭލުގެ ހަމަލާއާ ގުޅިގެން އެއްވެސް މީހަކަށް އަނިޔާވި ކަމެއް ނުވަތަ މަރުވިކަން އަދި ކަށަވަރެއް ނުވެ އެވެ.
ހަމަލާ ދިނުމުގެ ކުޑަ ވަގުތުކޮޅެއް ކުރިން އެނާމީ ދައްކަމުން ދިޔައީ އިޒްރޭލުން އިރާނަށް ދެމުންދާ ހަމަލާތަކުގެ އަޑު ސްޓޫޑުއޯއަށް ވެސް އިވޭ ވާހަކަ އެވެ. ބެލުންތެރިންގެ ގާތުން އޭނާ އެދެމުން ދިޔައީ ހައްގު ކަތިލުމަށް އިޒްރޭލުން ދެމުންދާ ހަމަލާތަކުގެ އަޑު ކަނުލާ އެހުމަށެވެ.
"އަޑުއައްސަވާ، ތިޔަ އިވިވަޑައިގަންނަވާ އަޑަކީ ދުޝްމަނުންގެ ހަމަލާތަކުގެ އަޑު، ތިޔަ އިވިވަޑައިގަންނަވަނީ ހައްގު ކަތިލުމަށްޓަކައި ދުޝްމަނުން ދޭ ހަމަލާގެ އަޑު،" ހަމަލާ ދިނުމުގެ ކުޑަ ވަގުތުކޮޅެއް ކުރިން ލައިވް ބްރޯޑްކާސްޓުގައި އެނާމީ ބުނަމުން ދިޔަ އެވެ.
އައިއާރްއައިބީ އަކީ އިރާންގެ އެންމެ ގިނަ މީހުން ބަލާ ޗެނެލް އެވެ. ސަބަބަކީ ބޭރު ޗެނެލްތައް އިރާންގައި މަނާ ކޮށްފައި އޮންނާތީ އެވެ. ބޭރު ޗެނެލްއެއް އެ ގައުމުގެ ރައްޔިތުންނަށް ބެލެނީ ސެޓެލައިޓް ޑިޝް ބަހައްޓައިގެންނެވެ.
އައިއާރްއައިބީ ހިންގާ އިމާރާތައް ހަމަލާ ދިން ކަމަށް އިޒްރޭލުގެ ޑިފެންސް މިނިސްޓަރު، އިޒްރޭލް ކަޓްޒް ވަނީ ސޯޝަލް މީޑިއާގައި އިއުތިރާފުވެފަ އެވެ.
އެ އިމާރާތައް އިޒްރޭލުން ހަމަލާ ދީފައި މިވަނީ އިރާންގެ ޕްރޮޕެގެންޑާ ފަތުރާ އަނގަތަކަށް ހަމަލާދީ ހުއްޓުވާނެ ކަމަށް ބުނެ ކަޓްޒް އިންޒާރު ދިން ފަހުންނެވެ. އޭނާ ވަނީ އެ ސަރަހައްދުތަކުން އިރާންގެ އާންމު ރައްޔިތުން ދުރަށް ދިޔުމަށް ވެސް އިންޒާރު ކޮށްފަ އެވެ.
ހަމަލާއަށްފަހު އައިއާރްއައިބީ ގެ ލައިވް ބްރޯޑްކާސްޓު މިހާރު އަލުން ވަނީ ފަށައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ