އިރާނުގެ ދައުލަތުގެ ޓީވީ ޗެނަލް، އިސްލާމިކް ރިޕަބްލިކް އޮފް އިރާން ބްރޯޑްކާސްޓިން (އައިއާރްއައިބީ) ޓީވީ ޗެނެލްގެ ލައިވް ބްރޯޑްކާސްޓިން ކުރިއަށް ދަނިކޮށް އެ ޗެނެލް ހިންގާ އިމާރާތަށް އިޒްރޭލުން ދިން ހަމަލާގައި އެ ޗެނަލުގެ ދެ މުވައްޒަފަކު މަރުވެއްޖެ އެވެ.
އިރާނުގެ މީޑިއާތަކާ ހަވާލާދީ އަލް ޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި އިޒްރޭލުގެ ހަމަލާގައި މަރުވެފައިވަނީ އައިއާރްއައިބީގެ ނިއުސް އެޑިޓަރު ނިމާ ރަޖަޕޯ އަދި އެޑްމިން އޮފިސަރު މަސޫމާ އަޒީމީ އެވެ.
އިޒްރޭލުން އިއްޔެ އިރާނުގެ ޓީވީ ޗެނަލަށް ހަމަލާ ދިނީ ޑިފެންސް މިނިސްޓަރު އިޒްރޭލް ކާޒް އެ ހަމަލާ ދޭނެ ކަމުގެ އިންޒާރު ދިންތާ ކުޑަ ވަގުތުކޮޅެއް ފަހުންނެވެ.
އެ ޓީވީގެ ބްރޯޑްކާސްޓު ކުރިއަށް ދަނިކޮށް އިޒްރޭލުން އެ އިމާރާތަށް ހަމަލާދިން ވަގުތު ލައިވް ހޯސްޓު ކުރަމުން ދިޔައީ އިރާންގެ މަޝްހޫރު ޕްރެޒެންޓަރު، ސަހަރު އެނާމީ އެވެ. އިޒްރޭލުގެ ހަމަލާ އެ އިމާރާތަށް އަމާޒުވުމާއެކު އެނާމީ ގޮނޑިން ތެދުވެގެން ދުއްވައިގަންނަ މަންޒަރު ޓީވީ ބްރޯޑްކާސްޓުން ފެނުނެވެ.
ލައިވް ބްރޯޑްކާސްޓު ކުރިއަށް ދަނިކޮށް އިޒްރޭލުން ހަމަލާދިން ވަގުތު، އެ ޓީވީގެ ސްޓޫޑިއޯގެ ސީލިންގެ ބައިތައް ފައިބައިގަންނަ މަންޒަރު ވެސް ލައިވް ޓީވީން ފެނުނެވެ.
އައިއާރްއައިބީ ހިންގާ އިމާރާތަކީ ހަތަރު ފަންގިފިލާގެ އިމާރާތެކެވެ. އައިއާރްއައިބީ ހިންގަނީ އެ އިމާރާތުގެ އެއްވަނަ ފަންގިފިލާގަ އެވެ. އެ އިމާރާތުގެ ކޮންމެ ފަންގިފިލާއެއްގައި 200 އާއި 300 އާ ދެމެދުގެ އަދަދަކަށް މުވައްޒަފުން މަސައްކަތް ކުރާ ކަމަށް އިރާންގެ އެކި މަސްދަރުތަކާ ހަވާލާދީ އަލްޖަޒީރާއިން ރިޕޯޓު ކުރެ އެވެ.
ނަމަވެސް އިޒްރޭލުގެ ހަމަލާއާ ގުޅިގެން އެއްވެސް މީހަކަށް އަނިޔާވި ކަމެއް ނުވަތަ މަރުވިކަން އަދި ކަށަވަރެއް ނުވެ އެވެ.
ހަމަލާ ދިނުމުގެ ކުޑަ ވަގުތުކޮޅެއް ކުރިން އެނާމީ ދައްކަމުން ދިޔައީ އިޒްރޭލުން އިރާނަށް ދެމުންދާ ހަމަލާތަކުގެ އަޑު ސްޓޫޑުއޯއަށް ވެސް އިވޭ ވާހަކަ އެވެ. ބެލުންތެރިންގެ ގާތުން އޭނާ އެދެމުން ދިޔައީ ހައްގު ކަތިލުމަށް އިޒްރޭލުން ދެމުންދާ ހަމަލާތަކުގެ އަޑު ކަނުލާ އެހުމަށެވެ.
"އަޑުއައްސަވާ، ތިޔަ އިވިވަޑައިގަންނަވާ އަޑަކީ ދުޝްމަނުންގެ ހަމަލާތަކުގެ އަޑު، ތިޔަ އިވިވަޑައިގަންނަވަނީ ހައްގު ކަތިލުމަށްޓަކައި ދުޝްމަނުން ދޭ ހަމަލާގެ އަޑު،" ހަމަލާ ދިނުމުގެ ކުޑަ ވަގުތުކޮޅެއް ކުރިން ލައިވް ބްރޯޑްކާސްޓުގައި އެނާމީ ބުނަމުން ދިޔަ އެވެ.
އައިއާރްއައިބީ އަކީ އިރާންގެ އެންމެ ގިނަ މީހުން ބަލާ ޗެނެލް އެވެ. ސަބަބަކީ ބޭރު ޗެނެލްތައް އިރާންގައި މަނާ ކޮށްފައި އޮންނާތީ އެވެ. ބޭރު ޗެނެލްއެއް އެ ގައުމުގެ ރައްޔިތުންނަށް ބެލެނީ ސެޓެލައިޓް ޑިޝް ބަހައްޓައިގެންނެވެ.
އިޒްރޭލުން ދިން ހަމަލާގައި އިރާނުގެ ދައުލަތުގެ ޓީވީގެ ދެ މުވައްޒަފުން މަރުވި އިޒްރޭލުން ދިން ހަމަލާގައި އިރާނުގެ ދައުލަތުގެ ޓީވީގެ ދެ މުވައްޒަފުން މަރުވި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ