ސަމާލުވާތި!: ކިތަންމެ ޚިޔާލު ތަފާތުވިޔަސް، ރުޅިއަންނަ ކަމެއް ކުރިޔަސް އެމީހަކާ ވާހަކަ ނުދައްކާ 3 ދުވަހަށްވުރެ ގިނަ ދުވަހު ހުރުމަކީ ނަރަކައަށް ވައްދަވައިފާނެ ކަމެއް!

ޢާއިލާގެ ތެރޭގަ ޖެހޭ މައްސަލއަކާއި ގުޅިގެންވެސް އަދި އެކުވެރިންގެ ތެރޭގައި ޖެހޭ މައްސަލައަކާއި ގުޅިގެންވެސް ރުޅިއައިސް ވާހަކަ ދެއްކުން ހުއްޓާލައިގެން ތިބެން ހެޔޮ ނުވާނެއެވެ.  
ތިރީގައިވާ ލިޔުމުން އެކަމުގެ ސަބަބާ ވާހަކަ ނުދައްކައި ތިބުމުން ލިބެން އޮތް ބޮޑު ގެއްލުން އެނގިލައްވާނެއެވެ. އިން ޝާ. ވީމާ ބައްދަލުވުމުން ހިނިތުންވެލާށެވެ! އެންމެ ކުޑަމިނުން ސަލާމް ގޮވައިލާށެވެ! ޖަވާބު ނުދިނަސް ސަލާމް ގޮވާށެވެ! ސަލާމަށް ޖަވާބު ނުދިނުމުން ފާފަވެރިވާނީ ނުދިން މީހެކެވެ.   
ޝައިޚުގެ ބަސްފުޅު:  
މުސްލިމަކު އަނެއް މުސްލިމެއްދެކެ ރުޅިއައިސްގެން ވާހަކަނުދައްކާ ހުރުން ހުއްދަވެގެންވަނީ ތިން ދުވަހުގެ މުއްދަތަށެވެ. ތިން ދުވަހުގެ ތެރޭގައި ރުޅި ކޮންޓުރޯލުކޮށް ދެ މީހުން ޞުލްޙަ ވާން ދެހޭނެއެވެ. އޭގެތެރެއިން އެންމެ ހެޔޮކަންބޮޑު މީހާއީ އިސްވެ ސަލާމްކުރާ މީހާކަން ޙަދީޘުން ޘާބިތުވެއެވެ. 
އަދި ތިން ދުވަސްވާއިރުވެސް ރުޅިވެރިކަމާއި އެކު ވާހަކަނުދައްކައި ހުއްޓާ މަރުވެއްޖެނަމަ އެމީހަކު ދާނީ ނަރަކައަށް ކަމުގައިވެސް ޞައްޙަ ޙަދީޘުން ޘާބިތުވެއެވެ. އެހެންކަމުން އަޅުގަނޑުމެންގެ މުޖުތަމަޢުގައި ހުރި މިފަދަ ނޭދެވޭ ކަންތައްތައް މަނާކުރުމީ ކޮންމެފަރުދެއްގެ ބޮލުގައި އެޅިފައިވާ ޒިންމާއެކެވެ.
ތިން ދުވަސް ވާއިރުވެސް ވާހަކަނުދައްކާ ހުރުން ހުއްދަވެގެން ވަނީ އެމީހަކީ ނުބައި ކަންތައްތަކަށް އަރައިގަތުމުގައި ދެމިހުރިމީހެއްކަމަށް ވަނީނަމައެވެ. އަދި އެމީހަކާ ވާހަކަނުދައްކާ ދޫކޮށްލުމުން އެކަމުގެ ހައްލެއްފެނިދާނެކަމަށް ހީވެއްޖެނަމައެވެ. އެހެނީ މުންކަރާތްތައް މަނާކުރުމަކީ ކޮންމެ މުސްލިމެއްގެ ކޮނޑުގައި އެޅިފައިވާ ވަރަށްވެސްބޮޑު ޒިންމާއެކެވެ.  
ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. " من رأى منكم منكراً فليغيّره بيده ، فإن لم يستطع فبلسانه فإن لم يستطع فبقلبه وذلك أضعف الإيمان "رواه مسلم ( 49 ) 
މާނައަކީ: "ތިޔަބައިމީހުންގެތެރެއިން މީހަކަށް މުންކަރާތެއް ފެނިއްޖެނަމަ، އެކަމެއް އަތުންމަނާކުރާހުށިކަމެވެ. އެކަމަށް ކުޅަދާނަކަން ލިބިގެން ނުވަނީނަމަ ދުލުންނެވެ. އެކަމަށްވެސް ނުކުޅެދިއްޖެނަމަ އެމީހެއްގެ ހިތުންނެވެ. އެއީ އީމާންކަމުގެ އެންމެ ދަށުދަރަޖައެވެ." 
ދުޢާ އަކީ މުއިމިނުންގެ އެންމެވަރުގަދަ ހަތިޔާރެވެ. އެހެންކަމުން ކޮންމެކަމަކަށް ނަމަވެސް ﷲ ގެ ޙަޟްރަތުގައި ދަންނަވަންވީ އެވެ. والله أعلم
 
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ