ފުލުހަށް އެންމެ ގިނައިން ހުށަހަޅަނީ ފޭސްބުކް މާކެޓްޕްލޭސް މެދުވެރިކޮށް ހިންގާ ސްކޭމްތައް

ފުލުހުންގެ އެންޓި ސްކޭމް ސެންޓަރަށް އެންމެ ގިނައިން ހުށަހަޅަނީ ފޭސްބުކްގެ މާކެޓްޕްލޭސް މެދުވެރިކޮށް، އޮންލައިންކޮށް ކުރާ ވިޔަފާރީގެ ތެރެއިން ހިންގާ ސްކޭމްތައް ކަމަށް ފުލުހުން ބުނެފިއެވެ. އެންޓި ސްކޭމް ސެންޓަރުގެ މަސައްކަތްތަކާ ގުޅޭގޮތުން އެސްއެސް ޓީވީގެ ބާރު ހަތަރެއް ޕްރޮގްރާމުގައި ވާހަކަދައްކަމުން ސީނިއާ ސާޖަންޓް އަބްދުﷲ ޝަހުނީޒް ވިދާޅުވީ މާކެޓްޕްލޭސް ފަދަ ވަސީލަތްތައް ބޭނުންކޮށްގެން އީކޮމާސްގެ ތެރެއިން ހިންގާ ސްކޭމްތައް ވަރަށް ބޮޑަށް އާންމުވެފައި ވާކަމަށް ފާހަގަކުރެވޭ ކަމަށެވެ. ހަމައެއާއެކު ބޭރު ފައިސާ މާރުކުރުމާއި އިންވެސްޓްމެންޓާ ގުޅުން ހުރި ސްކޭމްތައް ވެސް ފާހަގަކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ. އެ ޕްރޮގްރާމުގައި ސަބް އިންސްޕެކްޓާ އޮފް ޕޮލިސް މުޙައްމަދު ސަލީމް ވަނީ ފޭސްބުކް މާކެޓްޕްލޭސް ފަދަ ތަންތަނުން މުދާ ގަންނައިރު ވީހާވެސް ބޮޑަށް އެ މުއާމަލާތުގެ ސައްހަކަން ކަށަވަރު ކުރުމަށްފަހު މުދާ ގަތުމަށް އިލްތިމާސް ކުރައްވައިފައެވެ. އޭނާ ވިދާޅުވީ ސްކޭމަކީ އަމިއްލައަށް އެކަމަށް މީހާ ހުށަހެޅޭ ކަމެއް ކަމަށެެވެ. އެހެންކަމުން ވީހާވެސް ބޮޑަށް އެކަމަށް ސަމާލުވެ، އެކަމުން އަރައިގަނެވޭނެ ގޮތްތަކަކީ ކޮބައިތޯ ބަލައި، އާންމުން އެ ކަންކަމަށް ހޭލުންތެރިވާން ޖެހޭކަމަށް ސަލީމް ވިދާޅުވިއެވެ. އެންމެ ގިނައިން ހުށަހެޅިފައިވާ އެއް ބާވަތަކީ ހަމަ ފޭސްބުކްގެ މާކެޓްޕްލޭސްގައި މި ހުންނަ ބާވަތްތަކުގެ މުދާ ގަތުމުގެ މަސަައްކަތް. ދެން އެ މައްސަލަތައް އާންމު ރައްޔިތުންގެ ފަރާތުން ވަރަށް ގިނައިން ހުށަހެޅިފައި އެބަހުރި. މިކަންކަން ހުށަހެޅޭއިރު އަސްލު އަޅުގަނޑުމެންނަށް ރައްޔިތުންނަށް ބަލަންޖެހޭވަރަށް ބަލައިނުލެވި މި ވިޔަފާރީގެ ތެރެއަށް ވަދެވޭތީވެ އަސްލު. ސަބް އިންސްޕެކްޓާ އޮފް ޕޮލިސް މުޙައްމަދު ސަލީމް ސީނިއާ ސާޖަންޓް ޝަހުނީޒް ވިދާޅުވީ ސްކޭމްގެ ގޮތުގައި ގެއްލޭ މައިގަނޑު އެއްޗަކީ ފައިސާ ކަމަށާއި އެެފަދަ ފައިސާ އަލުން ހޯދުމަށް ވަރަށް ބޮޑު އިސްކަމެއް ދޭ ކަމަށެވެ. މި ފަހުން ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ގެނައި އިސްލާހާއެކު އެކައުންޓްތައް ފްރީޒްކޮށް، ފައިސާ ހޯދުމަށް ވަރަށް ބޮޑު ބާރުތައް ލިބޭ ކަމަށް އޭނާ ވިދާޅުވިއެވެ. https://sun.mv/203825 ޝަހުނީޒް ވިދާޅުވީ ސްކޭމްގެ މައްސަލައެއް ފާހަގަވުމާއެކު ވީހާވެސް އަވަހަށް މައްސަލަ ރިޕޯޓުކުރުމަކީ ރައްޔިތުން ވަރަށް ބޮޑު އިސްކަމެއް ދޭންޖެހޭ ކަމެއް ކަމަށެވެ. އެކަމުގެ ސަބަބުން ފައިސާ ހޯދައިދިނުމަށް ފަސޭހަވާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ފައިސާ ރިކަވާ ކުރުމަށް އަޅުގަނޑުމެންނަށް ވެސް ފަސޭހަވެގެން އެބަދޭ އަވަހަށް މައްސަލަ ރިޕޯޓުކުރީމަ. އެއީ ވަރަށް ގިނަ އެކައުންޓުތަކަށް، ޚާއްސަކޮށް މަނީ ލޯންޑާކުރުމަށްޓަކައި ފައިސާގެ އަސްލު އޮޅުވާލުމަށްޓަކައި އެކި އެކައުންޓުތަކަށް ދައުރުކޮށްފައި މި ހުންނަނީ. ސީނިއާ ސާޖަންޓް އަބްދުﷲ ޝަހުނީޒް މީގެ ކުރިން ފުލުހުން ވަނީ، ކޮވިޑް-19ގެ ފަހުން ސްކޭމްގެ މައްސަލަތައް ވަކިން ބޮޑަށް އާއްމުވެފައިވާ ކަމަށާއި ސްކޭމަރުން ގެންގުޅޭ އުކުޅުތައް ވެސް ދުވަހެއް ދުވަހަކަށް ބަދަލުވަމުންދާ ކަމަށް ބުނެފައެވެ. ސްކޭމްގެ މައްސަލަތައް ރިޕޯޓުކުރަން ފުލުހުން ވަނީ ޚާއްސަ ކޯލް ސެންޓަރެއް ގާއިމުކޮށްފައެވެ. އެގޮތުން ސްކޭމެއްގައި ޖެހޭ ހާލަތެއްގައި، ނެޝެނަލް އެމެޖެންސީ ނަމްބަރު 119 އަދި އެންޓި ސްކޭމް ހޮޓްލައިން 125 (އެކްސްޓެންޝަން 2020)ގެ އިތުރުން އެންޓި ސްކޭމް ސެންޓަރުގެ އީމެއިލްމެދުވެރިކޮށް ރާއްޖެއާއި ރާއްޖެއިން ބޭރުގެ ސްކޭމާ ގުޅުންހުރި މައްސަލަތައް ރިޕޯޓުކުރެވޭނެ ކަމަށް ފުލުހުންވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ