ބުލީ ކުރުމުގެ ގޮތުން އެމެރިކާ އަނެއްކާވެސް އީރާނާ ދެކޮޅަށް ފިޔަވަޅު އަޅައި ހަމަނުޖެހުން ހިންގަން ރާވަނީ
ވޮޝިންޓަން (9 އެޕްރީލް 2025): އީރާނާއި އެމެރިކާ އާ ދެމެދު ވާހަކަތައް ފެށުމަށް ދެދުވަހަށް ވެފައި ވަނިކޮށް އެމެރިކާ އަނެއްކާވެސް އީރާނާ ދެކޮޅަށް ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކެއް އަޅައިފިއެވެ. މިކަން ހާމަކޮށްފައިވަނީ އެމެރިކާގެ މާލީ ވުޒާރާއިންނެވެ. އެ ވުޒާރާއިން ބުނީ އީރާނާ ދެކޮޅަށް އަޅާފައިވާ އިގްތިސާދީ އަދި މާލީ ފިޔަވަޅުތައް އިތުރަށް ހަރުކަށިކޮށް އިތުރު ފިޔަވަޅުތައް އަޅާފައިވާނެކަމަށާއި މިއީ އީރާން އިނދަޖެހޭ ވަރުގެ ފިޔަވަޅުތަކެއް ކަމަށާއި މިކަމާމެދު އީރާން ވިސްނާނެކަމަށް އުންމީދު ކުރާ ކަމުގައެވެ. އިތުރު ތަފްސީލެއް ނުދެއެވެ. އެމެރިކާ، އީރާނާ ދެކޮޅަށް އަޅާފައިވާ ދަތި ކުރުމުގެ ފިޔަވަޅުތައް އިތުރަށް ހަރުކަށިކޮށް އަދި އީރާނާ ދެކޮޅަށް އިތުރު ފިޔަވަޅުތައް އެޅުމަށް ނިންމުމުގެ ފަހަތުގައިވަނީ އަންނަ ހޮނިހިރު ދުވަހު ގަލްފުގެ ގައުމެއްކަމަށްވާ އުމާން މެދުވެރިއަކަށް ވެގެން އެގައުމުގައި ބޭއްވުމަށް ހަމަޖެހިފައިވާ އެމެރިކާއާއި އީރާންގެ ނުސީދާވާހަކަ ތަކަށް ބާރުފޯރުވުމަށް ޓަކައި އީރާނަށް ބިރު ދައްކައި ބުލީކޮށް ޕްރެޝަރު ކޮށްގެން އެމެރިކާ ބޭނުންވާ ކަންކަމަށް އެއްބަސްވާން އީރާނަށް މަޖުބޫރު ކުރުން ކަމަށް އީރާނުގެ ނޫސްތަކުން ބުނެއެވެ. އީރާނުގެ މަސްއޫލުވެރިންވަނީ އެމެރިކާ ކޮންމެ ފިޔަވަޅެއް އެޅިޔަސް އަދި އުޑުގައި ޖެހިފައި ބިމުގައި ޖެހުނަސް ބުލީކޮށް ބިރު ދައްކައިގެން އެމެރިކާއަށް ހާސިލް ކުރެވޭނެ އެއްވެސް ކަމެއް ނޯންނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ. އަދި އެމެރިކާ ކިތަންމެ ބިރެއް ދެއްކިޔަސް އީރާން ބޭނުންނުވާ ކަމަކަށް އީރާން އެއްބަސް ކުރެވޭނެ ގޮތެއްވެސް ނޯންނާނެ ކަމުގައެވެ. ޓްރަމްޕް ވަނީ އަންނަ ހޮނިހިރު ދުވަހު އީރާނާއި އެމެރިކާ އާ ދެމެދު އޮންނާނީ ސީދާ ގޮތެއްގައި ދެކެވޭ ވާހަކަތަކެއް ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އިރަގްޖީ ވިދާޅުވެފައިވަނީ އެދުވަހު އޮންނާނީ ނުސީދާ ވާހަކަ ތަކެއްކަމުގައެވެ. އެވާހަކަތަކުގައި އީރާންގެ ފަރާތުން ބައިވެރިވެ ވަޑައިގަންނަވާނީ އޭނާ ކަމަށާއި އެވާހަކަ ތަކުގައި މެދުވެރިއެއްގެ ދައުރު އަދާކުރައްވާނީ އުމާން ގެ ޚާރިޖީ ވަޒީރު ކަމުގައެވެ. އެމެރިކާގެ ފަރާތުން ބައިވެރިވާނީ ޓްރަމްޕްގެ މަންދޫބު ސްޓީވަން ވިޓްކޯފް ކަމުގައެވެ. އީރާން ބުނާގޮތުން އެމެރިކާއާއެކު ސީދާ ވާހަކަތަކަށް ދާނީ އެމެރިކާއިން އީރާނާ ދެކޮޅަށް ހިންގާ ބިރު ދެއްކުމާއި ބުލީ ކުރުމުގެ ހަރުކަށި ގޮތްގަނޑު ދޫކޮށްލައި އެމެރިކާ މައިތިރިވެއްޖެ ހާލަތެއްގައި ކަމުގައެވެ. އަދި ދަތިކުރުމުގެ ފިޔަވަޅުތަކަށްވެސް ބައެއް ލުއިތައްދީ އަދި އެމެރިކާއާމެދު އީރާނަށް އިތުބާރު ހިފޭ ހާލަތަކަށް އެމެރިކާގެ ސުލޫކު ބައްޓަންކުރުމުން ކަމުގައެވެ. އެމެރިކާއާއެކު އީރާން ދައްކާ ވާހަކަތަކުގެ އަސާސް ކަމަށް އީރާން ދެކެނީ އީރާނުން ނިއުކްލިޔާ ހަތިޔާރު ނުއުފައްދާނެކަމުގެ ޔަގީކަން ދިނުމާއި، އޭގެބަދަލުގައި އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލާނެ ކަމުގެ ޔަގީންކަން އެމެރިކާ ދިނުމެވެ. މިނޫން އަސާސެއްގެ މައްޗަށް ވާހަކަތައް ކުރިޔަށް ނުގެންދެވޭނެ ކަން އީރާނުންވަނީ ހާމަކޮށްފައެވެ. ނަމަވެސް އިސްރާއީލުގެ ބާރާއި ނުފޫޒުގައި އަދި އިސްރާއީލަށްޓަކައި އެމެރިކާ ބޭނުންވެގެން އުޅެނީ މުޅިން އެހެން ކަންތަކެކެވެ. އެއީ އީރާން ނިއުކްލިޔާ ބޮމުން މަހުރޫމް ކުރުމުގެ އިތުުރުން އިތުރުން ނިއުކްލިޔާ މަދަނީ ޓެކްނޮލޮޖީންވެސް އީރާން މަހުރޫމްކޮށް އީރާނުގެ ނިއުކްލިޔާ މަރުކަޒުތައް އެއްކޮށް ރޫޅާލައި އޭގެ ބައިތައްވެސް އެމެރިކާއާ ހަވާލުކުރުމެވެ. މިއާއެކު އީރާނުގެ ބަލިސްޓިކް މިސައިލް ޕްރޮގްރާމުވެސް މުޅިން ރޫޅާލައި އީރާނަކީ އެއްވެސް ޓެކްނޮލޮޖީ އެއްނެތް އަސްކަރީ އާރެއް ބާރެއްނެތް ގައުމަކަށް އީރާން ހެދުމެވެ. އިސްރާއީލު ބޭނުންވާ ވަގުތަކު އީރާނުގެ ކޮންމެ ތަނަކަށް ހަމަލާދެވޭ އަދި އެހަމަލާތަކަށް ރައްދު ނުދެވޭފަދަ ހާލަތެއްގައި އޮންނަ ނިކަމެތި ބަލިކަށި ގައުމަކަށް އީރާން ހަދާލުމެވެ. މިސާލެއްގެ ގޮތުންނަމަ އެމެރިކާގެ ކޮންޓްރޯލް ދަށުގައިވާ ގަލްފުގެ އަރަބި ގައުމުތައްފަދަ އެމެރިކާ ހަތިޔާރު ވިއްކައިފިނަަމަ ހަތިޔާރު ކޮޅެއް ލިބޭ ނުވިއްކައިފިނަމަ ނުލިބޭ ހާލަތުގައި އޮންނަ ގައުމަކަށް ހެދުމެވެ. އަދި ގަލްފުގެ ގައުުމުތައް ގޮތަށް އެމެރިކާ އެދޭ ކޮންމެ ކަމަކަށް އިޖާބަ ދޭން މަޖުބޫރުވާ އަދި އަމިއްލައަށް ތަކެތި ނުއުފައްދާ ހަމައެކަނި އެމެރިކާ އުފައްދާ ތަކެތި ގަންނަ ބާޒާރެއްގެ ގޮތުގައި އީރާން ހެދުމެވެ. ނުވަތަ ގަލްފުގެ ގައުމުތައް ގޮތަށް ގައުމެއްގެ ނަން އޮތްކަމަށް ވިޔަސް ދިދަޖަހާފައިވާ ތެޔޮވަޅުތަކެއްގެ ގޮތުގައި އީރާން އޮތުމެވެ. އީރާންވަނީ މިކަމަށް ދެކޮޅު ހަދާފައެވެ. އަދި މިހާރުވެސް ގެންދަނީ މިކަމަށް ދެކޮޅު ހަދަމުންނެވެ. ފާއިތުވި ސާޅީހަކަށް އަހަރު އީރާން ވަނީ އެގައުމުގެ ނިއުކްލިޔާ ޕްރޮގްރާމާއި ނިއުކްލިޔާ މަރުކަޒުތައްް އެމެރިކާއާއި އިސްރާއީލުގެ ކިބައިން ދިފާއުކޮށް ޓެކްނޮލޮޖީއާއި އަސްކަރީ ގާބިލްކަން ހޯދުމުގައި އަމިއްލަ ފައިމައްޗަށް ތެދުވުމުގައި ބޮޑެތި ކާމިޔާބީ ތަކެއް ހޯދާފައެވެ. އެެމެރިކާ ގެ ދަތިކުރުމުގެ ފިޔަވަޅު ތައް އޮއްވައި ނިއުކްލިޔާ ޓެކްނޮލޮޖީ ބޮން ހެދޭވަރަށް ތަރައްގީކޮށް އަމިއްލަ ރޮކެޓްގައި ފަޒާއަށް ސެޓަލައިޓްތައް ފޮނުވުންފަދަ ކަންކަމުގައި އީރާންވަނީ އަމިއްލަ ފައިމައްޗަށް ތެދުވެފައެވެ. އެމެރިކާއާއި އިސްރާއީލަށް އީރާން މައްސަލައަކަށް ވަނީ މިހެންވެއެވެ. އެމެރިކާއާއި އިސްރާއީލުގެ ނަޒަރުގައި ނިއުކްލިޔާ ހަތިޔާރަކީވެސް ހަމައެކަނި އެމީހުންގެ އަތުގައި ހުންނަންޖެހޭނެ އެއްޗެކެވެ. އެނޫން ޓެކްނޮލޮޖީ އަކީވެސް އަދި ހުރިހާ ބާވަތެއްގެ ބާރުވެރިކަމަކީވެސް ހަމައެކަނި އެމީހުންގެ އަތުގައި އޮންނަންޖެހޭ އެއްޗެކެވެ. އެހެން ނޫންނަމަ އެގައުމެއް ނުބައިވީއެވެ. ނުރައްކާތެރި އަދި ހަމަނުޖެހުން އުފައްދާ ގައުމަކަށް ވީއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ