ބޮޑު އަގު ދީފައި ރިތިކް ދެކިލަން ދިޔުމުން އެކީގައި ފޮޓޯ ނުނެގުމުން އެކްޓަރަށް ފާޑުކިޔައިފި
އެމެރިކާގެ ސްޓޭޓެއް ކަމަށްވާ ޓެކްސަސްގެ ޑަލަސްގައި ދިރިއުޅޭ ސަޕޯޓަރުންނާ ބައްދަލު ކުރުމަށް ބޮލީވުޑްގެ އެކްޓަރު ރިތިކް ރޯޝަން ބޭއްވި ބައްދަލުވުމެއްގައި ސަޕޯޓަރަކާ އެކު ފޮޓޯ ނުނެގުމުން އެކަމާ ވަރަށް ބޮޑަށް އެކްޓަރަށް ފާޑުކިޔައިފިއެވެ. މީޑިއާތަކުން ބުނެފައިވާ ގޮތުގައި މި އެއްވުމުގައި ބައިވެރިވި ސަޕޯޓަރުންގެ ތެރެއިން ވީއައިޕީންގެ ގޮތުގައި އެ ތަނަށް ދިޔަ ބައެއް މީހުން ވަނީ ރިތިކާ ބައްދަލުކޮށް ފޮޓޯ ނެގުމަށް 1،400 ޑޮލަރު ޚަރަދުކޮށްފައެވެ. ރިތިކް އެމެރިކާއަށް ކުރަމުންދާ ޚާއްސަ ދަތުރެއްގައި ޔޫއެސް ޓުއާގެ ނަމުގައި އެ ޤައުމުގެ އެކި ސްޓޭޓްތަކުގައި ދިރިއުޅޭ އެކްޓަރުންގެ ސަޕޯޓަރުންނާ ބައްދަލުކުރުމަށް ވަނީ ރޭވިފައެވެ. ޓެކްސަސްގެ ޑަލަސްގައި ރިތިކްގެ ޓީމުން ބޭއްވި އިވެންޓު ހޯސްޓުކޮށްފައި ވަނީ ސޯފީ ޗައުދަރީއެވެ. ރިތިކްއާ އެކު ފޮޓޯ ނެގުމަށް ވީއައިޕީ ޓިކެޓު ގަނެފައިވާ ފަރާތަކުން އެކްޓަރަށް ފާޑުކިޔާފައި--ފޮޓޯ/ބޮލީވުޑްހަންގާމާ މި އިވެންޓުގައި ވީއައިޕީންގެ ގޮތުގައި ބައިވެރިވާން ބޭނުންވި ފަރާތްތަކަށް ބޮޑު އަގުގައި ޓިކެޓު ވިއްކާފައި ވަނީ އެކްޓަރާ ބައްދަލުކޮށް ފޮޓޯ ނެގުމުގެ ފުރުސަތު ލިބޭނެ ކަމަށް ބުނެއެވެ. ނަމަވެސް ސަޕޯޓަރުންނާ އެކު ފޮޓޯ ނުނަގައި، އެކްޓަރު އެ އިވެންޓު ނިންމާލުމުން ވަރަށް ގިނަ ބަޔަކު ވަނީ ސޯޝަލް މީޑިއާގައި ރިތިކްއަށާއި އެކްޓަރުގެ ޓީމަށް ފާޑުކިޔާފައެވެ. ރިތިކް އެމެރިކާގައި ކުރިއަށްގެންދާ ޓުއާގައި އެ ޤައުމުގެ ނިއު ޖާސީ، ޗިކާގޯ އަދި ބެއި އޭރިއާގައި ދިރިއުޅޭ ސަޕޯޓަރުންނާ ވެސް ބައްދަލުކުރުމަށް ވަނީ ނިންމާފައެވެ. ނަމަވެސް ޑަލަސްގެ ސަޕޯޓަރުންގެ ފަރާތުން ލިބުނު ފާޑިކިޔުންތަކާ އެކު ބޮޑު ޚަރަދެއްކޮށް އެކްޓަރާ ބައްދަލުކުރުމަށް ސަޕޯޓަރުން ދާނެ ކަމުގެ ޔަގީންކަމެއް ނެތް ކަމަށް ރިޕޯޓުތައް ބުނެއެވެ. މިކަމާ ގުޅިގެން ރިތިކްގެ ޓީމުން މިހާތަނަށް ރަސްމީ ބަހެއް ބުނެފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ