ފުލުހުންގެ ހުއްދަ ނުހޯދައި މާލޭގައި އެއްވުންތަކާއި ހިނގާލުމާއި އުޅަނދުބުރު ބޭއްވޭނެ ސަރަހައްދުތައް ހޯމްލޭންޑް މިނިސްޓްރީން ކަނޑައަޅައި އިއުލާންކޮށްފި އެވެ.
ވީ ކިހިނެއް - މާލޭގައި ދުރާލާ ހުއްދަ ނުހޯދައި އެއްވުންތަކާއި މުޒާހަރާތައް މިހާރު ބޭއްވެނީ ހަމައެކަނި ކާނިވާ ސަރަހައްދުގަ އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ވަނީ ސުލްހަވެރިކަމާ އެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނު'ގެ 24 ވަނަ މާއްދާގެ (ޅ)ގެ ދަށުން އެފަދަ އިތުރު ތިން ސަރަހައްދެއް ކަނޑައަޅައި އިއުލާންކޮށްފަ އެވެ.
ތަފްސީލް - އެ އިއުލާނުގައި ބުނިގޮތުގައި ފުލުހުން ލިޔުމަކުން ދޭ ހުއްދައެއް ނެތި މާލޭގައި އެއްވުންތަކާއި އެ ނޫނަސް އެފަދަ ސުލްހަވެރި ހަރަކާތްތައް ހަތަރު ތަނެއްގައި ބޭއްވޭނެ އެވެ. އެއީ:
ހެންވޭރު ކާނިވާ ސަރަހައްދު
ރަސްފަންނު ސަރަހައްދު
އިންޑަސްޓްރިއަލް ޒޯން
އުސްފަސްގަނޑު ސަރަހައްދު
ގުޅުންހުރި ކަމެއް - ފުލުހުންގެ ހުއްދަ ނެތި ސުލްހަވެރިކަމާ އެކު އެއްވެ އުޅެވޭނެ އިތުރު ތަންތަން ކަނޑައަޅައި އިއުލާންކުރީ، މާލޭ ގެއެއްގެ ފުރާޅުމައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނު ރަޝީދު، 21، އަށް އިންސާފު ހޯދައިދޭން ގޮވާލައި ޒުވާނުން ސިލްސިލާކޮށް މުޒާހަރާ ކުރަމުން ދަނިކޮށެވެ.
'ދުލެއް ނުކުރާނަން'ގެ ނަމުގައި ކުރިއަށްގެންދާ އެ މުޒާހަރާތަކުގެ ބައިވެރިން އެއްވަނީ މަޖީދީމަގުގައި ހުންނަ ފުލުހުންގެ ސާޖަންޓް އާދަމް ހަލީމް ކުރިމިނަލް އިންވެސްޓިގޭޝަން ބިލްޑިން ކައިރިއަށެވެ. އެ މުޒާހަރާތަކުގެ ފުރަތަމަ ރެއަށް ފަހު އެ އިމާރާތާ ކައިރިވިޔަ ނުދިނުމަށްޓަކައި، މުޒާހަރާ ފެށުމުގެ ކުރިން، ފުލުހުން ކޮންމެ ރެއަކު ވެސް ވަކި ހިސާބަކުން ބެރިކޭޑު ޖަހައި އެ ސަރަހައްދު ބަންދުކުރެ އެވެ.
އެ މުޒާހަރާތަކަށް 10 ދުވަހަށް ވުރެ ގިނަ ދުވަސްވެފައިވާއިރު، ރޭ ބޭއްވި މުޒާހަރާގައި ފުލުހުން ވަނީ ބާރުގެ ބޭނުންކޮށް، ބައިވެރިންގެ ތެރެއަށް ޕެޕާ ސްޕްރޭ ޖަހައި، ދެ މީހަކު ހައްޔަރު ކޮށްފަ އެވެ.
ފުލުހުންގެ ހުއްދަ ނުހޯދައި ސުލްހަވެރި އިހުތިޖާޖު ކުރެވޭނެ ތަންތަން އިތުރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ