ޒުވާން ޚަތީބުން ތަމްރީނުކުރުމުގެ ތިންވަނަ ބެޗުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
އިސްލާމިކް މިނިސްޓްރީން ކުރިއަށް ގެންދާ ޒުވާން ޚަތީބުން ތަމްރީނު ކުރުމުގެ ތިންވަނަ ބެޗުގައި ބައިވެރިވުމުގެ ފުރުސަތު އެ މިނިސްޓްރީން މިއަދު ހުޅުވާލައިފިއެވެ. ރާއްޖޭގައި އިމާމުން ލިބުން މަދުވުމާ ގުޅިގެން ގްރޭޑް 10، 11 އަދި 12 ނިންމާފައިވާ ދަރިވަރުންގެ ތެރެއިން ހުކުރު ނަމާދުކޮށް، ޚުތުބާ ކިޔުމަށް ޝައުގުވެެރިވާ ކުދިންނަށް މިނިސްޓްރީން އަންނަނީ ޚަތީބުކަމުގެ ޕްރޮގްރާމެއް ހިންގަމުންނެވެ. މި ފުރުސަތު ދެނީ 10، 11، އަދި 12ގައި ތައުލީމު ހާސިލްކުރަމުންދާ، ނުވަތަ ސްކޫލް ނިންމާފައިވާ ދަރިވަރުންގެ ތެރެއިން، ތަޖުވީދުގެ ހަމަތަކާ އެއްގޮތަށް ރީތިކޮށް ގުރުއާން ކިޔަވައި، ނަމާދުގެ ފިގުހުގެ ބައިތަކަށް އަހުލުވެރިވެފައިވާ ދަރިވަރުންނަށެވެ. މިއީ ޒުވާން ޚަތީބުން ތަމްރީނު ކުރުމުގެ ތިންވަނަ ބެޗެވެ. މި ކަމަށް އެދި ހުށަހަޅަން ޖެހޭނީ މިނިސްޓްރީން އެ ކަމަށް ޚާއްސަކޮށްފައިވާ އޮންލައިން ފޯމެވެ. މިއަދުން ފެށިގެން ފުރުސަތު ހުޅުވައިލިއިރު، މެއިމަހުގެ 10ވަނަ ދުވަހުގެ 14:00ގެ ކުރިން އޮންލައިން ފޯމު ހުށަހަޅަން ޖެހޭނެއެވެ. ޒުވާން ޚަތީބުން ތަމްރީނު ކުރުމުގެ ޕްރޮގްރާމެއް ވަނީ އައްޑޫ ސިޓީގައި ވެސް ކުރިއަށް ގެންގޮސްފައެވެ. މި ޕްރޮގްރާމްގެ ތެރެއިން ޚަތީބުންނަށް ޚުތުބާ ކިޔުމަށާއި އިމާމުވެ ނަމާދު ކުރުމަށާއި ދީނާ ގުޅުން ހުރި އެހެނިހެން ޚާއްޞަ ތަމްރީނުތަކެއް ދޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. އިސްލާމިކް މިނިސްޓްރީން ބުނީ މި ޕްރޮގްރާމްގެ ސަބަބުން ޚަޠީބުން މަދު ރަށްރަށުގެ ކައުންސިލްތަކަށް ވެސް ބޮޑު ލުއިފަސޭހައެއް ލިބިފައިވާ ކަމަށެވެ. https://sun.mv/199879 ޒުވާން ޚަތީބުންގެ ދެ ބެޗެއްގެ ތެރެއިން، 300އަށްވުރެ ގިނަ ޚަތީބުންވަނީ މިހާރު އުފެދިފައެވެ. ސަރުކާރުގެ އަމާޒަކީ މި ދައުރުގެ ތެރޭގައި 1،000 ޒުވާން ޚަތީބުން އުފެއްދުން ކަމަށް މީގެ ކުރިން މިނިސްޓްރީން ވަނީ ބުނެފައެވެ. ޚަޠީބުންގެ ޕްރޮގްރާމަކީ ޚަތީބުންގެ އާ ޖީލެއް އުފެއްދުމަށްޓަކައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ފަށާފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަކަން މިނިސްޓްރީން ފާހަގަ ކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ