ގާނޫނު އަތަށް ނެގުން ހުއްޓުވާ، އަނިޔާ އާންމުވެދާނެ: ކުރީގެ އުއްތަމަ ފަނޑިޔާރު
ރައްޔިތުން ގާނޫނު އަމިއްލަ އަތަށް ނެގުން ހުއްޓުވަން ޖެހޭ ކަމަށާއި، ނޫންނަމަ އަނިޔާކުރުން އާންމުވެދާނެ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު އަޙުމަދު ފާއިޒް ހުސައިން މިރޭ ވިދާޅުވެއްޖެއެވެ. ކ. މާފުށީގައި ފިރިހެނަކަށް ވައްކަމުގެ ތުހުމަތުކޮށް، އޭނާ ހިފަހައްޓައި ބޭންދުމަށްފަހު، އޭނާގެ ގަޔަށް ހުދު ކުލައިގެ ދަވާދު ޓައްޕެއް އަޅައިލާ ވީޑިއޯއެއް ސޯޝަލް މީޑިއާގައިވަނީ އާންމުވެފައެވެ. އެ މައްސަލައަށް އިޝާރާތް ކުރައްވައި ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ފާއިޒް ވިދާޅުވީ، ވައްކަމުގެ ތުހުމަތު ކުރެވޭ މީހާއާއި އެ މީހާ ގަޔަށް ކެމިކަލް ކުލަފާޓާ އޮއްސައިލި މީހާ ވެސް އެ ތިބީ ގާނޫނުގެ ކުރިމަތީގައި ޖިނާއީ ކުށެއްގެ ތުންފަތްމަތީގައި ކަމަށެވެ. އޭނާ ވިދާޅުވީ ވައްކަމުގެ ތުހުމަތު ކުރެވޭ މީހާގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގާ ފަދައިން، ކުލަފާޓާ އޮއްސައިލި މީހާގެ މައްޗަށް ވެސް ޖިނާއީ ތަހުގީގު ހިންގަންޖެހޭ ކަމަށެވެ. ފެބްރުއަރީ 18، 2019: ޖުޑިޝަލް އިއާ 2019ވަނަ އިފްތިތާހްކުރުމަށް ދަރުބާރުގޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ "އޭނާގެ މައްޗަށް ހިންގޭނޭ ޢުޤޫބާތުގެ މައްދާތައް އެބަހުއްޓެވެ. މިއީ މިބާވަތުގެ ކަންތައްތަކެއް ހިންގި ފުރަތަމަ ފަހަރެއް ނޫނެވެ. މީގެކުރިންވެސް ރޯމާދުވާލު އެންމެންގެ ތެރޭގައި އެކިބާވަތުގެ އަނިޔާ އެފަދަ މީހުންނަށް ކޮށްފައި އެބަހުއްޓެއެވެ." ފާއިޒް ވިދާޅުވިއެވެ. އެފަދަ ހާދިސާތައް ހިނގުމުން، ގާނޫނު އަމިއްލަ އަތަށް ނެގި މީހުންގެ މައްޗަށް ޖިނާއީ ފިޔަވަޅު އެޅި ނަމަ، އަމިއްލައަށް އަދަބު ދިނުމުގެ ހިތްވަރެއް އިތުރު މީހަކަށް ނުލިބުނީސް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. "މިފަހަރުވެސް އަޅައިނުލާ ދޫކޮށްލައިފިނަމަ ދެންފަހަރަކުން މިއަށްވުރެ ނުަރައްކާތެރި ލާއިންސާ އަނިޔާ އާއްމުވުން އެކަށީގެންވެއެވެ." ފާއިޒް ލިޔުއްވާފައިވެއެވެ. ރާއްޖޭގެ ދެވަނަ އުއްތަމަ ފަނޑިޔާރުގެ ގޮތުގައި ފާއިޒް އެ މަގާމު ފުރުއްވީ އޮގަސްޓު 10، 2010އިން ޑިސެންބަރު 11، 2014އަށެވެ. ސޯޝަލް މީޑިއާގެ ބައެއް ޕޭޖުތަކުގައި ދައުރުވަމުން އަންނަ ވީޑިއޯގައި ފެންނަނީ ވައްކަން ކުރިކަމަށް ތުހުމަތުވާ މީހާ ދަވާދު ޓައްޕެއް ކައިރި އިށީނދެ އިންނަ ތަނެވެ. އެ ތަނުގައި ބައެއް މީހުން ތިއްބެވެ. ދެން ފެންނަނީ މީހަކު އޭނާގެ ގަޔަށް ހުދުކުލައިގެ އެ ދަވާދު ޓައްޕު އަޅައިލާ ތަނެވެ. އެހެން ވީޑިއޯތަކުގައި އެ މީހާ ފުލުސް ޖިޕަކަށް އަރުވާ ތަން ވެސް ފެނެއެވެ. އަދި ޕޮލިސް ސްޓޭޝަން ދޮރުމައްޗަށް ބާލުވައި ވައްދާތަން ވެސް ފެނެއެވެ. އެ ވީޑިއޯއަށް ކޮމެންޓް ކުރި ބައެއް މީހުން، ކުލަފާޓާ އެޅުމުގައި ބައިވެރިވި މީހުންނަށް ފާޑު ކިޔައިފައިވާއިރު، ބައެއް މީހުން އެ އަމަލަށް ތާއިދުކޮށްފައި ވެސްވެއެވެ. https://sun.mv/204819 އެ ހާދިސާ ކުށްވެރިކޮށް، ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)އިން ނެރުނު ބަޔާނެއްގައި ވަނީ ކުށަކަށް އަރައިގަތް ކަމަށް ތުހުމަތުވާ މީހުންނަށް އާންމުން އަނިޔާ ދިނުން ފަދަ އަމަލުތައް ނުހިންގައި، ކަމާ ގުޅުންހުރި އިދާރާއަށް ރިޕޯޓުކުރުމަށް ގޮވާލައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ