ގާޒީ ޝަކީލަށް ޕްރޮމޯޝަން ދިނުން އިޔާޒު ދިފާއުކުރައްވައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ހުކުމްކުރި، ކްރިމިނަލް ކޯޓުގެ ފަނޑިޔާރު އަހްމަދު ޝަކީލު، ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީން) ނިންމި ނިންމުން ދީނީ އިލްމުވެރިޔާ ޑރ. އިޔާޒް އަބްދުއްލަތީފް ދިފާއުކުރައްވައިފި އެވެ.
ޝަކީލަކީ މަނީ ލޯންޑަރިންގެ މައްސަލާގައި ރައީސް ޔާމީން 11 އަހަރަށް ޖަލަށް ލާން މިދިޔަ ޑިސެމްބަރު މަހު ހުކުމް ކުރެއްވި ފަނޑިޔާރެވެ. އެހެންކަމުން ޝަކީލް ހައިކޯޓަށް އައްޔަން ކުރުމަށް ނިންމުމަކީ ސަރުކާރުގެ ނުފޫޒު ޖުޑިޝަރީއަށް ފޯރުވައި، ސަރުކާރު ބޭނުންވާ ހުކުމެއް ކުރުމަށް ހިތްވަރު ދިނުން ކަމަށް އިދިކޮޅުން ވަނީ ބުނެފަ އެވެ.
އެކަމާ ގުޅިގެން، ޝަކީލުގެ ޕްރޮމޯޝަން ދިފާއުކުރައްވައި އިޔާޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ވަކި ބޭފުޅެއްގެ މައްސަލަ ބައްލަވާފައި ވުމަކީ ވަޒީފާގެ ކުރިއެރުން ނުލިބެންވީ ސަބަބެއް ނޫން ކަމަށެވެ.
މިއީ ރައީސް ޔާމީނަށް ދަށު ކޯޓުގެ މަރުހަލާގައި ހުކުމްކުރި ގާޒީއަކަށް މަތީ މަރުހަލާގެ ކޯޓެެއްގެ ފަނޑިޔާރުކަން ހަމަޖައްސަން ޖޭއެސްސީން ނިންމި ދެވަނަ ފަހަރެވެ. އެންމެ ފުރަތަމަ ރައީސް ޔާމީންގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވި ކްރިމިނަލް ކޯޓުގެ އޭރުގެ އިސް ގާޒީ އަލީ ރަޝީދު ވަނީ ޖޭއެސްސީން ހުށަހަޅައިގެން ސުޕްރީމް ކޯޓަށް ޕްރޮމޯޓުކޮށްފަ އެވެ.
ދަށު ކޯޓު މަރުހަލާގައި އަލީ ރަޝީދު އެ މައްސަލާގައި އިއްވި ހުކުމުގައި އެކަށީގެންވާ ހެކިތަކެއް ނެތްކަން ފާހަގަކޮށް ސުޕްރީމް ކޯޓުން އެ ހުކުމް ބާތިލްކުރީ އެވެ. މިދިޔަ ޑިސެމްބަރު މަހު 25 ގައި ރައީސް ޔާމީންގެ މައްޗަށް ޝަކީލް އިއްވެވި 11 އަހަރުގެ ހުކުމް ވެސް މިހާރު ވަނީ ހައިކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ