ގުރައިދޫ ދާއިރާގެ އިންތިހާބުގެ ގުރު ނެގުން މާދަމާ

ހުސްވެފައިވާ ކ.ގުރައިދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ގޮނޑި އަށް ކުރިމަތިލީ ތިން ބޭފުޅުން ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފި އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ އަންނަ މަހުގެ 15 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަނަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ގުރުއަތު ނެގުމާއި ނަން ތަރުތީބު ކުރުން މާދަމާ މެންދުރު 14:00 ގައި އޮންނާނެ ކަމަށެވެ.
އިންތިޚާބުގައި ވާދަކުރުމުގެ ފުރުޞަތު އިއްޔެ އަށް ހަމަވެފައިވާއިރު، ކުރިމަތިލާފައިވަނީ ތިން ކެންޑިޑޭޓެކެވެ. އެއީ ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރައްވާ އެދާއިރާގެ ކުރީގެ މެމްބަރު އިބްރާހީމް ރިޒާގެ ކޮއްކޮ، ޙުސައިން ރިޒާ އާއި އެމްޑީޕީގެ ޓިކެޓުގައި ވާކުރާ އިބްރާހީމް ޝާޒް އާއި އެމްއެންޕީން ވާދަކުރާ އަލީ އާރިފް އެވެ.
ގުރައިދޫ ދާއިރާގެ މަޖިލިސް ގޮނޑި ހުސްވީ އެ ދާއިރާގެ މެންބަރުގެ ގޮތުގައި ހުންނެވި އިބްރާހީމް ރިޒާ މިދިޔަ މަހުގެ 23 ގައި އަވަހާރަވުމާ ގުޅިގެންނެވެ. ގުރައިދޫ ދާއިރާ އަކީ އިދިކޮޅު ޕީޕީއެމްގެ ސަޕޯޓު ބޮޑު ދާއިރާއެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ