ހދ. ކުޅުދުއްފުށީގައި އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކަށް ގަދަކަމުން ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި ދައުވާކުރި މީހަކު ބަންދުން ދޫކޮށްލަން އެ ރަށު މެޖިސްޓްރޭޓު ކޯޓުން ނިންމި ނިންމުމެއް ހައި ކޯޓުން އިއްޔެ ބާތިލުކޮށްފި އެވެ.
މައްސަލައިގެ ފެށުން - މިދިޔަ އަހަރުގެ އޮގަސްޓް 6ގެ ހެނދުނުގެ ވަގުތެއްގައި އުމުރުން 15 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރީ އަނިޔާ ލިބުނު ކުއްޖާ ދިރިއުޅޭ ގެއަށް ގޮސް އުޅޭ، އެ ގޭގެ މީހުންނާ ރަހުމަތްތެރި މީހެކެވެ.
އޭނާ ހައްޔަރުކުރުމަށް ފަހު:
ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްތުގައި އަތްލުމުގެ ދައުވާކުރި
އެ މައްސަލައިގެ ޝަރީއަތް ނިމެންދެން އޭނާ ބަންދުކުރި
ހެއްކަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮތް ކަމަށް ބަލައި އޭނާ ބަންދު ކުރިޔަސް، ފަހުން ބަންދު މުރާޖައާކޮށް، މެޖިސްޓްރޭޓު ކޯޓުން ނިންމީ އޭނާ ދޫކޮށްލަން
އޭނާ ދޫކޮށްލި ކޯޓު އަމުރު ދައުލަތުގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފުކުރި
ހައި ކޯޓުން ވަނީ އޭނާ ބަންދުން ދޫކުރި އަމުރު ބާތިލުކޮށް، ކުރިން ބަންދުކުރި އަމުރު ދެމި އޮތް ކަމަށް ނިންމާފައި
މިދިޔަ މަހުގެ 19ގައި ޝަރުތުތަކާ އެކު އޭނާ ދޫކޮށްލަން ކުޅުދުއްފުށީ މެޖިސްޓްރޭޓު ކޯޓުން ކުރި އަމުރުގައި ވަނީ އޭނާއާ ދެކޮޅަށް ހެކިބަސް ދޭން ތިބި މީހުންނަކީ އަނިޔާ ލިބުުނު ކަމަށް ބުނާ ކުއްޖާގެ އެއްބަނޑު މީހުންނަށް ވެފައި، އެ މީހުންނަކީ އެ ކުއްޖާގެ ފަރާތުން މައްސަލަ ހުށަހެޅި މީހުންނަށް ވެސް ވާތީ އެ މީހުންނަށް ނުފޫޒު ފޯރުވޭނެ މިންވަރު ކުޑަ ކަމަށެވެ.
އޭނާގެ ކުށުގެ ރެކޯޑެއް ނެތުމާއި ތުހުމަތުކުރެވޭ ފަދަ ހާދިސާއަކީ ވެސް އެންމެ ދުވަހެއްގައި ހިނގާފައިވާ ކަމެއް ކަމަށް ކުއްޖާ ބުނާ ބުނުމަށް ރިއާޔަތްކުރާއިރު އޭނާ ހެކިންނަށް ނުފޫޒު ފޯރުވަފާނެ ނިސްބަތް ކުޑަ ކަމަށް އެ އަމުރުގައިވެ އެވެ.
އޭނާ ދޫކޮށްލި ޝަތުރުތައް:
މައްސަލައިގައި ހެކިބަސް ދޭން ހުރި މީހަކާ ބައްދަލުނުކުރުމާއި އެއްވެސް ގޮތަކުން އެ ފަރާތްތަކަށް ނުފޫޒެއް ފޯރުވުމަށް އެއްވެސް ކަމެއް ނުކުރުން
ރަށުން ބޭރަށް ފުރައިގެން ދާނަމަ ފުލުހުންނަށާއި ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ލިޔުމުން އެކަން އެންގުން
އެ މީހާ ކުރިން ބަންދުކުރީ ހެއްކަށް ނުފޫޒު ފޯރުވަފާނެތީ ކަމަށް ވާއިރު، އެކަމުގެ ނިސްބަތް ކުޑަވެފައިވާ ކަމަށް ބަލައިގެން އޭނާ ދޫކޮށްލީ، ކުރިން ވެސް އޭނާ ބަންދުކުރިއިރު އޮތް ހާލަތު ދެމި އޮއްވާ ކަމަށް ހައި ކޯޓުގެ ހުކުމުގައިވެ އެވެ.
ބަންދުގައި ބެހެއްޓި ސަބަބަށް އެއްވެސް ބަދަލެއް ނައިސް އެ ގޮތުގައި ދެމި އޮތްއިރު، ބަންދުކުރި އަމުރު އެ ގޮތަށް ދެމެހެއްޓުމުގެ ބޭނުމެއް އިތުރަށް ނެތް ކަމަށް ދަށު ކޯޓުން ނިންމާފައިވަނީ ގޯސްކޮށް ކަމަށް ވެސް، ހައި ކޯޓުގެ ތިން ފަނޑިޔާރަކު އިއްތިފާގުވެވަޑައިގެންނެވި އެ ހުކުމުގައިވެ އެވެ.
އޭގެ އިތުރުން، ހެކިބަސް ދޭން ތިބި މީހުންގެ ބަޔާންތަކުގައިވާ ވާހަކަތަކުން، ދައުވާ ލިބޭ މީހާ އަކީ ނުފޫޒެއް ފޯރުވިދާނެ ފަދަ ގާތް ގުޅުމެއް ހެކިބަސް ދޭން ތިބި މީހުންނާ އޮތް މީހެއް ކަމަށް ބެލެވޭ ވަރަށް ހެކި އެބަހުރި ކަމަށް ވެސް ހައި ކޯޓުގެ ހުކުމުގައިވެ އެވެ.
ދައުލަތުން ބުނެފައި ވަނީ:
ދައުވާ ލިބޭ މީހާ އަކީ އެކިއެކި ބޭނުންތަކުގައި، އަނިޔާ ލިބުނު ކުއްޖާގެ އާއިލާ އިން އޭނާގެ އެހީތެރިކަމަށް އެދިފައިވާ މީހެއް
އޭނާ މީގެ ކުރިން އެ އާއިލާއަށް ގުޅައި މައްސަލަ ފުލުހަށް ހުށަނޭޅުމަށް އާދޭސްކުރި
ފޯނު ބޭއްވުމުން ވެސް ގުޅިކަމަށް ހެކިބަސް ދޭ މީހަކާ ހަވާލާދީ ދައުލަތުން ބުނެފައިވޭ
ހައި ކޯޓުގައި މި މައްސަލަ ބެއްލެވި ފަނޑިޔާރުން ކަމަށްވާ ފާތިމަތު ފަރުހީޒާ، މުހައްމަދު ފައިސަލް އަދި ހަސަން ޝަފީއު ދެކެވަޑައިގެންނެވި ގޮތުގައި، މިފަދަ ސަބަބުތައް ހުރުމުން އޭނާ ހެއްކަށް ނުފޫޒު ފޯރުވަފާނެ ކަމަށް ބެލެވޭ ހާލަތު ދެމި އެބަ އޮތެވެ.
ދައުވާ ލިބޭ މީހާ އަކީ ކުޅުދުއްފުށީގައި ގަދަރުވެރި، ނުފޫޒު ގަދަ އަދި އަމިއްލަ ވިޔަފާރިކުރާ މީހަކަށް ވުމަކީ ވެސް ހެކިންނަށް ނުފޫޒު ފޯރުވަފާނެ ކަމަށް ބެލެވޭ ސަބަބެއް ކަމަށް ދައުލަތުން ހައި ކޯޓުގައި ބުނެފައިވެ އެވެ. އެކަމަކު، އެކަމަށް ބާރުދޭ ހެކި ހުށަހަޅާފައި ނުވުމުން އެކަން ކޯޓުން ބަލައެއް ނުގަނެވެ.
ކުޑަކުއްޖަކާ ބެހުނު ކަމަށް ބުނާ މީހަކު ދޫކޮށްލަން ކުރި އަމުރު ހައި ކޯޓުން ބާތިލުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ