ހުކުރު ދުވަހު މާލޭގައި ޕެރޭޑަކާއި ހަވާއެރުވުން

ސިފައިންގެ ދުވަސް ފާހަގަކުރުމަށް މިއަހަރުވެސް ތަފާތު ހަރަކާތްތައް ހިންގަން ތައްޔާރުވެއްޖެއެވެ.
އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރ ވިދާޅުވި ގޮތުގައި، ކޮންމެ އަހަރެއްގެ އޭޕްރީލް މަހުގެ 21 ވަނަ ދުވަހު ފާހަގަކުރާ ސިފައިންގެ ދުވަސް މިއަހަރުވެސް ކުލަގަދަކޮށް ފާހަގަކުރުމަށް ތަފާތު ހަރަކާތްތަކެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.
މިގޮތުން، މިއަހަރު ފާހަގަކުރާ 131 ވަނަ ސިފައިންގެ ދުވަހުގެ ހަރަކާތްތައް ފެށޭނީ 21 އޭޕްރީލް 2023 ވަނަ ދުވަހުގެ ހެނދުނު ހައެއް ޖަހާއިރު އޮންނަ ދިދަ ނެގުމުގެ ޚާއްޞަ ރަސްމިއްޔާތަކުންނެވެ.
ހަމަ އެދުވަހު ހަވީރު 4:00 އިން ފެށިގެން މާލޭގެ ބޮޑެތި މަގުތަކުގައި ޝަރަފްގެ ހިނގާލުން އޮންނާނެއެވެ. މި ހިނގާލުމުގައި ބައެއް ތަންތަނުގައި މަޑުކޮށް މިލިޓަރީ ބޭންޑުގެ ހުށަހެޅުންތައް އޮންނާނެއެވެ.
މީގެ އިތުރުން ދުވަހުގެ މުނާސަބަތުގައި ބާއްވާ ޚާއްޞަ ޑިސްޕްލޭއެއް އެދުވަހުގެ ރޭގަނޑު 8:00 އިން ފެށިގެން ޖުމްހޫރީ މައިދާނުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ޢާންމުންނަށް ހުޅުވާލައިގެންވާ ބާއްވާ މި ޑިސްޕްލޭގައި އެމްއެންޑީއެފްގެ މިލިޓަރީ ބޭންޑްގެ ހުށަހެޅުންތަކާއެކު ހަވާއެރުވުމަށް ވެސްވަނީ ހަމަޖެހިފައެވެ.
ހަވާ އެރުވުން އޮންނާނީ އެރޭ 8:20 ހާއިރުއެވެ.
މި ޙަރަކާތްތަކުގެ އިތުރުން ސިފައިންނާއި ސިފައިންގެ ޢާއިލާތައް އަދި ޢާންމުންނަށް ބައިވެރިވޭގޮތަށް ތަފާތު ހަރަކާތްތައް ކުރިއަށް އޮތްދުވަސްތަކުގައި ބޭއްވުމަށް ވެސް ވަނީ ރޭވިފައެވެ.
ހުކުރު ދުވަހަކީ މި އަހަރުގެ ފިތުރު ޢީދު ދުވަހަށް ވުމުގެ ފުރުސަތު ބޮޑުއިރު، އެ ދުވަހު ޕެރޭޑާއި ހަވާ އެރުވުން އޮތުމަކީ މާލެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް މިއީ، އާއިލީ ގުޅުން ބަދަހިކޮށް، އިތުރު އުފާވެރިކަން ގެނުވާނެ ދުވަހަކަށް ވާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ