ފަރަންސޭސި ވިލާތާއެކު ވިޔަފާރީގެ ގުޅުންތައް ވަރުގަދަ ކުރުމަށް މަޝްވަރާކުރައްވައިފި

ފަރަންސޭސިވިލާތާއި ރާއްޖެއާއި ދެމެދު ވިޔަފާރިއާއި އިޤްތިޞާދީ ގުޅުންތައް ވަރުގަދަކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.
މި މަޝްވަރާތައް ކުރައްވާފއިވަނީ މިއަދު ރާއްޖޭގެ އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސަޢީދާއި ފަރަންސޭސި ވިލާތުގެ ސަފީރު ޖީން-ފްރާންސުއާ ޕެކްޓޭ އާއި އެކު ބޭއްވި ބައްދަލުވުމެއްގައެވެ.
މި ބައްދަލުވުމަށްފަހު މިނިސްޓަރ އޮފް އިކޮނިމިކް ޑިވެލޮޕްމަން މުޙައްމަދު ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފަރަންސޭސި ވިލާތުގެ ސަފީރާއެކު މިއަދު ބޭއްވެވި ބައްދަލުވުމަކީ ވަރަށް އުފެއްދުންތެރި ބައްދަލުވުމެއް ކަމަށެވެ.
އަދި މި ބައްދަލުވުމުގައި އިޤްތިޞާދީ ކުރިއެރުން އިތުރުކުރުމަށާއި ވިޔަފާރިއާއި އިންވެސްޓްމަންޓާއި އިޤްތިޞާދީ އެއްބާރުލުން ވަރުގަދަ ކުރުމަށް ކުރެވޭނެ ކަންކަމާ ބެހޭގޮތުން މަޝްވަރާ ކުރެވުނު ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ދިވެހިރާއްޖޭގެ އިޤްތިޞާދު ތަރައްޤީކުރުމުގެ ގޮތުން، ބޭރުގެ ޤައުމުތަކާ އެކު ވިޔަފާރީގެ ގުޅުންތައް ވަރުގަދަ ކުރުމަށް އިކޮނޮމިކް މިނިސްޓްރީއިން ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން އިންޑިޔާއާއި ދިވެހިރާއްޖޭގެ ވިޔަފާރީގެ ގުޅުންތައް އިތުރަށް ހަރުދަނާކުރުމަށް ވަޒީރު ވަނީ އިއްޔެގެ ވަގުތެއްގައި އިންޑިޔާގެ ސަފީރާ ވެސް ބައްދަލުކުރައްވާފައި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ