ފުލުހުންނާއި ރައްޔިތުން ގުޅިގެން މަސައްކަތް ކުރުމަކީ މުހިންމުކަމެއް: ހަމީދު

ފުލުހުންނާއި ރައްޔިތުން ގުޅިގެން މަސައްކަތް ކުރުމަކީ މުހިންމުކަމެއް ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.
ހަމީދު މިފަދައިން ވިދާޅުވީ މ. މަޑުއްވަރީ ރައްޔިތުންނާ ގާތުން ފުލުހުންގެ ޚިދުމަތްދިނުމަށް އެރަށުގައި ގާއިމުކުރި ޕޮލިސް ޕޯސްޓު ރަސްމީކޮށް ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުންނެވެ.
ހަމީދު ވިދާޅުވީ ދާއިމީ ގޮތެއްގައި ފުލުހުން ގާއިމުކޮށްގެން ޚިދުމަތް ދިނުމަކީ ހަރަދުބޮޑު ކަމެއްކަމަށާއި ރާއްޖޭގެ ޖިއޯގްރަފީ އާއި ރައްޔިތުންގެ ދިރިއުޅުމުގެ ކަންކަން ހަމަޖެހިފައިވާ ގޮތަށް ބަލާއިރު ރާއްޖޭގައި ފުލުހުންގެ ޚިދުމަތްދީ ތަރައްގީ ކުރުމުގައި ބޮޑެތި ދަތިތަކާއި ގޮންޖެހުންތައް ހުރިކަމަށެވެ.
އަދި އެ ގޮންޖެހުންތަކަކީ ހަމައެކަނި ފައިސާ އާއި ވަސީލަތްތަކުގެ ސަބަބުން އަންނަ ދަތިތައް ނޫން ކަމަށާއި އިންސާނީ ވަސީލަތުގެ ދަތިކަމާއި މަސައްކަތްތަކަށް ބޭނުންވާ ހުނަރު ހުރި އަދި ޝައުގުވެރި ފަރާތްތައް ހޯދުމުގެ ދަތިކަން ހުރިކަމަށްވެސް ހަމީދު ވިދާޅުވިއެވެ.
މީގެ އިތުރުން ކޮމިއުނިޓީ ޕޮލިސިންގ ފަލްސަފާގެ މައްޗަށް ފުލުހުންގެ ޚިދުމަތް ފޯރުކޮށްދިނުމަކީ ފުލުހުންގެ ޚިދުމަތުގެ ގާނޫނުން ފުލުހުންގެ މައްޗަށް ލާޒިމުކުރާ ކަމެއްކަމަށާއި މި ފަލްސަފާގެ މައްޗަށް ބިނާކޮށް ފުލުހުންގެ ޚިދުމަތްދޭއިރު ފުލުހުންނާއި ރައްޔިތުން ގުޅިގެން މަސައްކަތް ކުރުމަކީ މުހިންމުކަމެއް ކަމަށްވެސް ހަމީދު ވިދާޅުވިއެވެ.
އަދި އެގޮތަށް މަސައްކަތްކުރުމަށްޓަކައި ފުލުހުން ރައްޔިތުންނަށް އަދި ރައްޔިތުން ފުލުހުންނަށް އިތުބާރުކުރަންޖެހޭކަމަށާއި އެކުވެރި މާހައުލެއްގައި ކަންކަމާމެދު މަޝްވަރާކޮށް މައްސަލަތަކަށް ހައްލު ހޯދުމުގެ ގޮތުން މ. އަތޮޅުގައިވެސް އަވައްޓެރި ފުލުހުންގެ ޚިދުމަތުގެ ގޮތުގައި ގުޅިގެން މަސައްކަތްކުރެވޭނެ އިންތިޒާމެއް އެކުލަވާލާފައިވާކަމަށް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ