ފޮތެއްގެ ތައާރަފު 5؛ މާގްރެޓް ކަވަންޑިޝްގެ ދަ ބްލޭޒިންގ ވާރލްޑް ފޮތެއްގެ ތައާރަފު 5؛ މާގްރެޓް ކަވަންޑިޝްގެ ދަ ބްލޭޒިންގ ވާރލްޑް

މާގްރެޓް ކަވެންޑިޝް އަކީ ސަތާރަވަނަ ގަރުނުގައި ފެނިގެންދިޔަ އެންމެ ތަފާތު އަދި ފާހަގަކޮށްލެވޭ އިލްމީ ޝަހުސިއްޔަތުތަކުގެ ތެރެއިން އެކެކެވެ. އޭނާއަކީ އިނގިރޭސި ޝާހީ ހާންދާނުގެ އަމީރާއެކެވެ. ޝާހީ ހާންދާނުގެ އަމީރާއެއްގެ ހައިބަތާ އެކަށީގެންނުވާ ކަމެއް ކަމަށް ބަޔަކު ދުށްޓަސް ތަމްސީލު ލިޔުމާއި ފޮތް ލިޔުން ފަދަ އަދަބީ މަސައްކަތްތަކަށް ޝައުގުވެރިވެ، އެފަދަ ގިނަ އުފެއްދުންތައް އޭނާގެ ފުށުން ތާރީހަށް ދޫކޮށްލި އެވެ. އޭނާ ހިމެނުނީ އެ ޒަމާނުގައި ފާހަގަކޮށްލެވުނު ފަލްސަފާވެރިންގެ ތެރޭގަ އެވެ. އޭނާ ލިޔުންތެރިކަމުގެ މަސައްކަތް ފެށީ އިނގިރޭސި މަދަނީ ހަނގުރާމައިގެ ތެރޭގައި ގައުމާ ދުރުގައި އަމިއްލައަށް އަރުވާލެވިގެން އިން ދުވަސްވަރު އެވެ.
އޭނާ ދިރިއުޅުނީ ސައިންސާއި ސިޔާސީ މައިދާނުގެ ރަސްމީ ކަންކަމުން އަންހެނުން ބާކީކޮށްފައި އޮތް ޒަމާނެއްގަ އެވެ. އެހެންނަމަވެސް ގުދުރަތީ ފަލްސަފާއާއި، ސިޔާސީ ދާއިރާއާ ގުޅޭގޮތުން އޭނާގެ ފިކުރުތައް ގަލަމުން ބަޔާންކޮށްދެމުން ގެންދިޔައީ ޖެހިލުންވުމެއް ނެތި އެވެ. އެ ޒަމާނުގައި އަންހެނަކު އޭނާގެ އަމިއްލަ ނަމުގައި ހިޔާލުތައް ލިޔެ ފޮތް ޝާއިއުކުރުމަކީ މަލާމާތާއި ފުރައްސާރަ އަމާޒުވާ ކަމަކަށް ވީނަމަވެސް، މާގްރެޓްއަށް އެއީ ގޮންޖެހުމަކަށް ނުވި އެވެ.
ކަވެންޑިޝް އަކީ 'ރޯޔަލް ސޮސައިޓީ' ގެ ކުރީކޮޅުގެ ދުވަސްވަރާއި، ތަޖުރިބާގެ މައްޗަށް ބިނާވެފައިވާ ސައިންސް ކުރިއަރަމުން އައި ޒަމާނުގެ ބޭފުޅެކެވެ. ސައިންސާއި ބުއްދީގެ ހަމަތަކުން މުޖުތަމައު ބައްޓަންކުރުމަށް ވަކާލާތުކުރެއްވި ފްރާންސިސް ބޭކަންއާ ހިލާފަށް، ސައިންޓިފިކް ބާރުވެރިކަމުގެ ދައުވާތަކާ މެދު ކަވެންޑިޝް ގެންގުޅުނީ ޝައްކުގެ ނަޒަރެކެވެ. ހުރިހައި އިލްމެއް ހަމައެކަނި މެކޭނިކަލް އުސޫލުތަކަކުން މާނަކުރެވިދާނެ ކަމަށް ގަބޫލުކުރެވޭ ވިސްނުމާ މެދު އޭނާ ސުވާލު އުފެއްދި އެވެ. އަދި އިލްމީ އަދި ފިކުރީ މައިދާނުން އަންހެނުން ދުރުކޮށްފައި އޮންނަ އޮތުމާ ދެކޮޅަށް ވެސް އޭނާ ވަނީ ގިނަގުނަ މަސައްކަތްތަކެއް ކޮށްފަ އެވެ.
މީލާދުން ސޯޅަ ސަތޭކަ ފަންދޮޅަސް ހަވަނަ އަހަރު ޝާއިއުކުރެވުނު "ދަ ބްލޭޒިންގ ވާރލްޑް" އަކީ އެންމެ ކުރީގެ 'ސްޕެކިއުލޭޓިވް ފިކްޝަން' ލިޔުންތަކުގެ ތެރޭގައި ހިމެނޭ ފާހަގަކޮށްލެވޭ މަސައްކަތެކެވެ. މިއީ ފުރިހަމަ މުޖުތަމައުއެއްގެ ތަސައްވުރު ދައްކުވައިދިނުމަށް އަންހެނުން ލިޔުނު ފުރަތަމަ ލިޔުންތަކުގެ ތެރެއިން ލިޔުމެކެވެ.
މި ވާހަކަ ފެށިގެން އަންނަނީ ވިޔަފާރި ގާފިލާއަކުން ޒުވާން އަންހެނަކު ރަހީނުކޮށް، ކަނޑުމަގުން އުތުރު ތަނޑިއާ ހަމައަށް އޭނާ ގެންދާ ހިސާބުންނެވެ. އުތުރުތަނޑީގެ ފިނިކަމަށް ކެތް ނުކުރެވިގެން އެ އޮޑީގައި ތިބި އެންމެން މަރުވެ އެވެ. ސަލާމަތްވަނީ ރަހީނުކުރެވުނު އަންހެން ކުއްޖާ އެކަންޏެވެ. އެހާހިސާބުން، އުތުރުތަނޑީގައި އޮތް އެ އޮޑިއަށް ދެވޭނީ އަހަރެމެންގެ މި ދުނިޔެއާ ގުޅިފައިވާ، އެހެންނަމަވެސް މުޅިން ތަފާތު އެހެން ދުނިޔެއަކަށެވެ. މި އާ ދުނިޔެއަށް ކިޔަނީ "ބްލޭޒިންގް ވާރލްޑް" އެވެ.
އެ ތަނުން އޭނާއާ ބައްދަލުވަނީ އާދައިގެ އިންސާނުންގެ ބަދަލުގައި، އިންސާނުންނާއި ޖަނަވާރުންގެ ސިފަތައް އެކުލެވިގެންވާ މަހުލޫގުންނާ އެވެ. އޭގެ ތެރޭގައި ދޫނި-މީހުން (Bird-men) އަދި މަސް-މީހުން (Fish-men) ފަދަ ތަފާތު ބާވަތްތައް ހިމެނެ އެވެ. މިއީ ބިރުވެރި ފުރޭތަތަކެއް ނޫނެވެ. އޭގެ ތެރޭގައި ހިމެނެނީ އިލްމުވެރިންނާއި، ފަލްސަފާވެރިންނާއި، ދައުލަތުގެ އިސްވެރިންނެވެ. އެއިން ކޮންމެ ބާވަތެއްގެ މަހުލޫގުންނަކީވެސް އިލްމީ ވަކި ދާއިރާއަކަށް ހާއްސަވެގެންވާ ބައެކެވެ.
ބްލޭޒިންގ ވާރލްޑްގެ އަހުލުވެރިންނަށް މި ޒުވާން އަންހެނާ ފެނުމުން އޭނާގެ ފުރިހަމަކަމާމެދު އަޖައިބުވެ، މި ޒުވާން އަންހެނާ އަކީ އެ ދުނިޔޭގެ ރާނީ ކަމަށް އެކަށައަޅަ އެވެ. އޭނާ ވެސް އެ މަގާމާއި ޝަރަފު ގަބޫލުކޮށް އެމްޕެރަސް އޮފް ދަ ބްލޭޒިންގ ވާރލްޑްގެ ގޮތުގައި ވެރިކަން ކުރަން ފަށަ އެވެ. އޭނާގެ ކިބައިގައި ހުރި ހަރުދަނާ ޝަހުސިއްޔަތާއި، ބުއްދިވެރިކަމާއި، އޭނާގެ އަހުލާގުގެ މަތިވެރިކަމުން އެ ދުނިޔޭގެ އެންމެން އޭނާއަށް ކިޔަމަންވެ އެވެ.
ރާނީގެ މަގާމާ ހަވާލުވުމަށްފަހު ވާހަކައިގެ ބަތަލާ އެ ދުނިޔޭގެ ފިކުރީ ބިންގާ އަލުން ބައްޓަންކުރަން ފަށަ އެވެ. އޭނާ އެ ދުނިޔޭގެ ތަފާތު ފަލްސަފާވެރިންގެ ޖަމާއަތްތައް ގެނެސް އެމީހުންގެ ހޯދުންތަކާ ގުޅޭގޮތުން ސުވާލުކޮށް މަޝްވަރާކުރެ އެވެ. އެ ދުނިޔޭގެ ތަޖުރިބާކާރު ސައިންސްވެރިންގެ ގޮތުގައި ތިބީ ކަޅުކުލައިގެ ސޫފި-މީހުންނެވެ. ނުޖޫމީ އިލްމުވެރިންގެ ގޮތުގައި ތިބީ ދޫނި-މީހުންނެވެ. ތާރީހު އިލްމުވެރިންގެ ގޮތުގައި ތިބި ފަނި-މީހުންނެވެ. އަދި ކަނޑުދަތުރުވެރިންގެ ގޮތުގައި ތިބި މަސް-މީހުންނެވެ. މި ހުރިހައި އިލްމުވެރިންނާ ކުރާ ސުވާލުތަކުން ކުރާ ކަމަކީ ހަމައެކަނި އެ މީހުންގެ ތަޖުރިބާތަކާއި ހޯދުންތައް ކިޔުންތެރިންނާ ހިއްސާ ކުރުމެއް ނޫނެވެ. އެއީ ވަރުގަދަ އިލްމީ ބަހުސްތަކެކެވެ. އެ ބަހުސްތަކުން ކުރާ ކަމަކީ ކިޔުންތެރިންގެ ފިކުރާ ވިސްނުމަށް ނުފޫޒު ފޯރުވައި، އައު ނަޒަރިއްޔާތަކުން ކަންކަމާމެދު ވިސްނުމަށް ބާރުއެޅުމެވެ.
މި ބަހުސްތަކުގެ ތެރޭގައި ރާނީ އެމީހުންގެ ބައެއް އުސޫލުތަކާ މެދު ހިތްހަމަނުޖެހުން ފާޅުކުރެ އެވެ. ހާއްސަކޮށް މައިކްރޮސްކޯޕް ފަދަ އާލާތްތަކަށް މާބޮޑަށް ބަރޯސާވުމާއި، ލަފާކުރުންތަކުގެ މައްޗަށް ބިނާވެފައިވާ ނުޖޫމީ އިލްމަށް އޭނާ ފާޑުކިޔަ އެވެ. އެ އާލާތްތަކުގެ ސަބަބުން ހަގީގަތް ފެނުމުގެ ބަދަލުގައި، ހަގީގަތް އޮޅުންބޮޅުންވަނީތޯ އޭނާ ސުވާލު އުފައްދަ އެވެ. އޭނާ ސައިންސުގެ އެކި މައުލޫތަކާއި ވެރިކަން ހިންގުމުގެ ކަންކަމުގައި މި އިލްމުވެރި މަހުލޫގުންނާ މަޝްވަރާކޮށް، އެމީހުންގެ ބައެއް ހިޔާލުތަކަށް ގޮންޖަހައި، ހަގީގަތާ ދުރު ހިޔާލީ ނަޒަރިއްޔާތައް ބަލައިނުގަނެ ދޫކޮށްލަ އެވެ.
މި ބަހުސްތައް މެދުވެރިކޮށް، ހަގީގަތުގައި ކެވަންޑިޝް އެ ފާޑުކިޔަނީ އެ ޒަމާނުގައި އަލަށް އުފެދެމުން އައި ސައިންސުގެ ސަގާފަތަށެވެ. ރާނީއާއި އެ މަހުލޫގުންނާމެދު ދެކެވޭ ވާހަކައަކީ އޭނާ އެކަމަށް ބޭނުންކުރި ނިވާފަތްގަނޑެވެ.
އެ ދުނިޔޭގެ ސިޔާސީ އޮނިގަނޑުވެސް އޮންނަނީ ވަރުގަދައަށް ބައްޓަންކުރެވިފަ އެވެ. ރާނީއަކީ މުތުލަގު ބާރު ލިބިގެންވާ ފަރާތެއް ނަމަވެސް، އޭނާގެ ވެރިކަމަކީ ބުއްދިވެރި ގޮތުގައި ހިންގާ، އަމާން ވެރިކަމެކެވެ. އެއްވެސް ބަގާވާތެއް ނުވަތަ ބައިބައިވުމެއް އެތަނަކު ނެތެވެ. އޭގެ ބަދަލުގައި، އޭނާގެ އިރުޝާދުގެ ދަށުން މުޅި ދުނިޔެ އޮންނަނީ ތަރުތީބުވެފަ އެވެ.
ދެން މި ވާހަކަ ކުއްލި ގޮތަކަށް ބަދަލުވެގެން ދެ އެވެ. ރާނީއަށް އޭނާގެ އަސްލު ވަޒަނަށް ނުވަތަ އޭނާ ކުރިން ދިރިއުޅުނު ދުނިޔެއަށް ނުރައްކަލެއް ކުރިމަތިވެއްޖެ ކަމުގެ މައުލޫމާތު ލިބެ އެވެ. ބްލޭޒިންގ ވާރލްޑްގެ ފުރިހަމަކަމާއި އަރާމުގައި ވެސް އޭނާގެ އަސްލު ވަޒަނުގެ މަތިން ހަނދާން ނައްތައި ނުލެވުމުން ރާނީ ނިންމީ އޭނާގެ އަސްލު ދުނިޔެ ސަލާމަތްކުރުމަށެވެ. އެއާއެކު 'ބްލޭޒިންގ ވާރލްޑް' ގެ ކުރިއަރާފައިވާ ވަސީލަތްތަކާއި އަސްކަރީ ބާރު ބޭނުންކޮށްގެން އެހީތެރިވެ، އޭނާގެ ކުރީގެ ދުނިޔޭގެ ދުޝްމަނުން ބަލިކުރެ އެވެ.
ފޮތުގެ ފަހުބައިގައި، ވާހަކައިގެ ލިޔުންތެރިޔާ މާގްރެޓް ކެވަންޑިޝް އަމިއްލައަށް ވާހަކައިގެ ތެރެއަށް ވަދެ އެވެ. އޭނާ ސިފަކޮށްފައިވަނީ ރާނީގެ 'ކާތިބު' ނުވަތަ ލިޔުންތެރިއެއްގެ ގޮތުގަ އެވެ. ރާނީއާއި ކެވަންޑިޝްއާ ދެމެދު ފަލްސަފާއާއި ލިޔުންތެރިކަމާއި، ދުނިޔެ ބިނާކުރުމާ ބެހޭގޮތުން މަޝްވަރާކުރެވެ އެވެ. މިއާއެކު ހިޔާލީ ވާހަކައާއި ހަގީގީ ހަޔާތުގެ މެދުގައިވާ ފާރު ގެއްލިގެންދެ އެވެ.
ދަ ބްލޭޒިންގ ވާރލޑްއަކީ ފުރިހަމަ މުޖުތަމައެއްގެ ތަސައްވުރުގެ ލިޔުންތެރިކަމުގެ އިންތައް ފުޅާކޮށްދިން މުހިންމު އަދަބީ އުފެއްދުމެކެވެ. ތޯމަސް މޯރ އަދި ފްރާންސިސް ބޭކަން ފަދަ ލިޔުންތެރިން، މުޖުތަމައުގެ ތަރުތީބަށާއި މުއައްސަސާތަކުގެ ބައްޓަމަށް އިސްކަންދިން އިރު، މާގްރެޓް ކެވެންޑިޝް ބާރުއެޅީ އިންސާނާގެ ހިޔާލީ ބާރަށާއި އަމިއްލަ އުފެއްދުންތެރިކަމަށެވެ. އޭނާ ސިފަކޮށްދިން ދުނިޔޭގައި ބާރުވެރިކަން ބިނާވެފައިވަނީ ހަމައެކަނި ރޭވިފައިވާ ނިޒާމުތަކެއްގެ މައްޗަކަށް ނޫނެވެ. އޭގެ ބަދަލުގައި އެއީ ސިކުނޑީގެ އުފެއްދުންތެރި ވިސްނުމުން އުފަންވާ ބާރުވެރިކަމެކެވެ.
މި ފޮތަކީ ޒަމާނީ ސައިންސްގެ ކުރީކޮޅުގެ ވިސްނުންތަކަށް ފާޑުކިޔާފައިވާ ފޮތެއްގެ ގޮތުން ވެސް ފާހަގަކޮށްލެވޭ ފޮތެކެވެ. ސައިންސުގެ އާލާތްތަކުގެ އެހީގައި ހޯދާ މައުލޫމާތަށް ކަނު ގަބޫލުކުރުމެއް ބެހެއްޓުން އެއީ ބުއްދިވެރިކަމެއްތޯ ކެވަންޑިޝް ސުވާލު އުފައްދަ އެވެ. ސައިންސުގެ ބާރުވެރިކަމާއެކު އިންސާނުންގެ ކިބައިގައި އުފެދިދާނެ ކިބުރުވެރިކަމާއި ބޮޑާކަމާމެދު ވެސް އޭނާ ކަންބޮޑުވުން ފާޅުކުރެ އެވެ. އަދި ސައިންސުގައި ކުރިއެރުމަށް އެއްބަޔަކު އަނެއްބަޔަކަށް ގޮންޖަހައި ހޯދާ ހޯދުންތަކަކީ އަނިޔާވެރިކަމުގެ އައު ސިފައަކަށް ބަދަލުވެދާނެ ކަމެއްގެ ގޮތުގައި އޭނާ އިންޒާރު ދެ އެވެ. ސަތާރަވަނަ ގަރުނުގެ އެ އިންޒާރަކީ ހައްގު ތެދުކަން ނަވާރަވަނަ ގަރުނުގެ ތަޖުރިބާތަކުން ފެށިގެން މި ދަނީ ފެންނަމުން ނޫންތޯ އެވެ.
މި ފޮތް މަޝްހޫރުވެފައިވާ އެންމެ މުހިންމު ސަބަބަކީ، އަންހެނުން ބާކީކޮށްފައި އޮތް ފިކުރީ މައިދާނެއްގައި އަންހެނުންގެ ދައުރު އޮތްކަން މި ފޮތުން ސާބިތުކޮށްދިނުމެވެ. މި ފޮތަކީ ހަމައެކަނި އާ ދުނިޔެއެއްގެ ވާހަކަ ކިޔައިދިނުމެއް ނޫނެވެ. އެފަދަ ދުނިޔެތައް ތަސައްވުރު ކުރުމަކީ ހަމައެކަނި ފިރިހެނުންނަށް އޮތް ހައްގެއް ނޫންކަން މި ފޮތުން ސާބިތުކޮށްދެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ