ފޮތެއްގެ ހިޔަލުން: ރޯއީގެ 'މަދަ މެރީ ކަމްސް ޓުމީ' އާއި މާމަގެ ހަނދާން

ކޮންމެ މީހެއްގެ ހަޔާތުގައި ވެސް އެމީހެއްގެ އުޅުމާއި ގުޅުން އަދި މިޒާޖު ބައްޓަންކޮށްދޭ ސަހުސިއްޔަތެއް ހުރެ އެވެ. ބައެއް މީހުންނަށް އެއީ މުދައްރިސެކެވެ. އަނެއްބަޔަކަށް އެއީ މަޝްހޫރު ތަރިއެކެވެ. އަހަންނަށް އެއީ އަހަރެންގެ މާމަ އެވެ.
މާމަ ނިޔާވީ 2024 ވަނަ އަހަރުގެ މާރިޗު 27 ވަނަ ދުވަހުގެ ރޭގަނޑު 8:23 ގައެވެ. މާމަ ވަކިވެދިޔަ ނަމަވެސް އެ ހަނދާންތައް ބައެއް ފަހަރު އަދިވެސް އުނދަގޫކުރެ އެވެ. އެއްބައިފަހަރު ފޮނި ހަނދާންތަކެވެ. އަނެއްބައި ފަހަރު ހިތްދަތި ހަނދާންތަކެވެ.
އަންހެނުން ވަޒީފާއަދާކުރުން ވަރަށް މަދު ޒަމާނެއްގައި، މާމައަކީ ފޫޅުމައެކެވެ. އޭރަށް ބަލާ ނަމަ ވަޒީފާ އަދާކުރާ އަންހެނުން މަދެވެ. އޭރުގެ ވިސްނުންތައް ބޮޑަށް އޮންނަނީ އަންހެނުންނަކީ ފިރިން ނުވަތަ އާއިލާއަށް ހިދުމަތް ކުރަން ގޭގައި ތިބެން ޖެހޭ ބައެއްގެ ގޮތުގަ އެވެ. އެ ހުރިހާ ވިސްނުންތަކުގެ ތެރެއިން ވެސް މާމަ ވަނީ މުޖުތަމައަށް އަގުހުރި ހިދުމަތްތަކެއް ކޮށްދީފަ އެވެ. އޯގާތެރި އަތަކުން އެތައް ފުރާނައެއް މި ދުނިޔެއަށް ނޭވާލުމަށް އެހީތެރިވެދީފަ އެވެ.
އަހަރެންގެ ވަރަށް ގިނަ ގަބޫލުކުރުންތަކާއި ހިޔާލުތައް އުފަންވަނީ މާމަގެ ހަޔާތުންނެވެ. އަންހެނުން ބާރުވެރިކުރުވުން ނުވަތަ މެދުމިނުގެ ފެމިނިޒަމްގެ ހިޔާލާތު އަހަރެން ގަބޫލުކުރާ އެއް ސަބަބަކީ މާމަގެ ހިތްވަރާއި ހިދުމަތެވެ. އެއީ އަންހެނުން ވެސް ބުރަ މަސައްކަތާއި ހިދުމަތުން މުޖުތަމައުގެ އާންމު ގަބޫލުކުރުންތަކަށް ގޮންޖަހައި ކާމިޔާބު ހޯދުމުގެ ފަލްސަފާ އެވެ. އަންހެނުން އެ މީހުންގެ ހައްގު މަގާމު ހޯދުމެވެ. މާމަ އެކަން ކުރީ ބުރަ މަސައްކަތުންނެވެ. އެއީ އަހަރެންގެ ހަޔާތުގައި ނަމޫނާއަކަށް ބަލާ ހިތްވަރެކެވެ.
ލިޔުންތެރިކަމުގެ ދާއިރާއިން އެތައް އެވޯޑްތަކެއް ހޯދާފައިވާ އާންމުންގެ މެދުގައި މަގުބޫލް އެތައް ފޮތްތަކެއް ލިޔެފައިވާ އިންޑިއާގެ ކެރެލާއަށް ނިސްބަތްވާ އަރުންދަތީ ރޯއީ އޭނާގެ މަންމަ، މޭރީ ރޯއީގެ ހަނދާނަށް ލިޔުނު މެމޮއާ 'މަދާ މެރީ ކަމްސް ޓު މީ' ކިޔަމުން ދިޔައިރު މާމަގެ ހަނދާތައް މާ ބޮޑަށް ކުރުވި އެވެ.
ޖޯޝުން ފުރިގެންވާ ސިޔާސީ ލިޔުންތަކާއި ވާހަކަތަކަށް ރޯއީ މަޝްހޫރުވި ނަމަވެސް، މިދިޔަ ސެޕްޓެމްބަރު މަހު ނެރުނު އޭނާގެ މި ފޮތް ތަފާތެވެ. މިއީ އޭނާގެ މަންމަ، މޭރީ ރޯއީގެ ހަޔާތުގެ އެއްވެސް ފޮރުވުމެއް ނެތް ހަގީގީ ތަސްވީރެކެވެ. މޭރީ ރޯއީ އަކީ މުޖުތަމައުގެ އާންމު ގަބޫލުކުރުންތަކަށް އާ ބަސް ބުނެގެން ހުންނަން ދެކޮޅުހެދި ވަރުގަދަ ސަހުސިއްޔަތެކެވެ. އޭނާއަކީ ކެރެލާގެ ނަސޯރާ ދީނުގެ އަންހެނުންނަށް މުދާ ވާރުތަވުމުގައި ފިރިހެނުންނާ އެއް ހަމައެއްގައި ހައްގުތައް ހޯދައިދިނުމަށް އަމިއްލަ ބޭބެއާ ދެކޮޅަށް ކޯޓަށް ދިޔަ، ވަރުގަދަ އަޒުމެއްގެ އެތައް ކުދިންނެއްގެ މުދައްރިސެކެވެ. އަދި އިޖުތިމާއީ އަދާލަތު ހޯދުމަށް މަސައްކަތްކުރި ހަރަކާތްތެރިއެއް ނުވަތަ އެކްޓިވިސްޓެކެވެ.
އެ ވަރުގަދަ ސަހުސިއްޔަތާ ހުރެ ރޯއީ އޭނާގެ ފޮތުގައި ލިޔުނު ގޮތުގައި މަންމައަކީ އެކުގައި އުޅެން އުނދަގޫ ވެސް މީހެކެވެ. ބައެއް ފަހަރު މަންމައާ އެކު އުޅުމަކީ، 'ބިރުވެރި، ވޭންހުރި ކަމެއް'ގެ ގޮތުގައި ސިފަކޮށްފައިވެ އެވެ.
މި ފޮތުގެ އެންމެ ތަފާތުކަމަކީ ރޯއީ އޭނާގެ މަންމަގެ އުނި ސިފަތައް ވެސް ފޮރުވުމެއް ނެތި ލިޔެފައި ވާތީ އެވެ. އޭނާގެ މަންމައަކީ ހަމައެކަނި ވަރުގަދަ ސަހުސިއްޔަތެއްގެ ގޮތުގައި ސިފަކޮށް ހަމައެކަނި ރަނގަޅު ވާހަކަ ލިޔެ ނިންމާލީއެއް ނޫނެވެ. ރޯއީ ކިޔައިދެނީ އޭނާ އާއި މަންމައާ ދެމެދު އޮތް ފުން ލޯތްބާއި ނަފްސާނީ ބިރުވެރިކަން އެކުލެވޭ، ހަމަޖެހުމެއް ނެތް ގުޅުމެއްގެ ވާހަކަ އެވެ.
މި ފޮތުގައި ރޯއީ ބުނެދެނީ ރަނގަޅު ދަރިން ތަރުބިއްޔަތު ކުރާ މައިންނަކީ ގިނަފަހަރަށް އާދައިގެ ސަހުސިއްޔަތެއްގެ ވެރިބައެއް ނޫންކަމެވެ. އެ މީހުންނަކީ އޯގާތެރިކަމާ އެއް ވަރަށް ހިތްހަރު ގޮތްދޫވެސް ނުކުރާ ބައެއް ކަމެވެ. އަދި މައިންނަކީ ބައެއް ފަހަރު ބަތަލުންނަށް ވާ ފަދައިން ދުޝްމަނުންނަށް ވާ ކަމަށް ވެސް ރޯއީ ލިޔެފައިވެ އެވެ.
"މަންމައަކީ އަހަރެންގެ ހިޔާވަހިކަމެވެ. އަދި އަހަރެންގެ ހަޔާތަށް އައި ތޫފާނެއް ވެސް މެއެވެ. މަންމަ، އަހަރެން ދޫކޮށްލީ ވެސް ވާ ލޯތްބެއްގެ ބޮޑުކަމުންނެވެ. މަންމައާ އެކު އަހަރެން ހުރެ، ހަޔާތް ވޭތުކުރި ނަމަ، އެ ލޯބީގައި އަހަރެން ހަލާކުވީހެވެ،"
ރޯއީގެ މި އިބާރާތްތައް ކިޔާފައި ހިތަށް އެރި އެވެ. ގިނަ މީހުން ގިނަ ފަހަރަށް މައިން ސިފަކޮށްދެނީ އެ މީހުންގެ އުނި ސިފަތައް ފޮރުވާ ފުރިހަމަ ބައެއްގެ ގޮތުގަ އެވެ. ނަމަވެސް ރޯއީ އެހެނެއް ނުހަދަ އެވެ. އޭނާގެ ފޮތުގައި ހަގީގަތެއް ނުފޮރުވަ އެވެ. ރޯއީ އޭނާގެ މަންމަ ބައެއް ފަހަރު ފޮތުގައި ސިފަކުރީ "ގޭންގްސްޓާރެއް"ގެ ގޮތުގަ އެވެ. އޭނާގެ މަންމަގެ ހަޔާތުގައި ކުރިމަތިލާން ޖެހުނު ކަންމާއި އުފުލަން ޖެހުނު ބުރަތަކުގެ ސަބަބުން ދަރިންނަށް ގެއްލުމާއި އަނިޔާ ލިބޭ މިންވަރަށް މަންމަގެ ހަރުކަށިކަން ދާ ކަމަށް ރޯއީ ލިޔެފައިވެ އެވެ.
މޭރީ ރޯއިގެ ހަޔާތުން ދައްކައިދެނީ އަންހެނުންގެ ހައްގުތަކަށް ހަނގުރާމަކުރުމަކީ ކިހާ އުނދަގޫ ކަމެއްކަމެވެ. އޭނާ ސުޕްރީމް ކޯޓުގައި، ދެ ޖިންސުގެ ހަމަހަމަ ހައްގުތަކަށްޓަކައި ވަކާލާތުކޮށް ހޯދި ކާމިޔާބީގެ ސަބަބުން އެތައް ހާސް އަންހެނުންނެއްގެ ދިރިއުޅުން ބަދަލުވެގެން ދިޔަ އެވެ.
ނަމަވެސް މަންމަގެ ބައެއް އަމަލުތަކުގެ ސަބަބުން ރޯއީގެ ދިރިއުޅުމަކީ އޮޅުންބޮޅުން ބޮޑު، ތުރާލާ ހާސްކަމުގެ ދިރިއުޅުމެކެވެ. އަނެއް ބައި ފަހަރު މަންމަގެ އޯގާތެރިކަމުން އެ ހުރިހާ ކަމެއް ހިދުކޮޅެއްގެ ތެރޭ ހަނދާނުން ފިލައިގެންދެ އެވެ.
"އަހަރެންގެ އަމިއްލަ ދިރިއުޅުމާމެދު ދެކެނީ އެއީ މުހިންމު ކަންކަމުގެ ކުރު ނޯޓެއް ގޮތުގަ އެވެ. ދުވަހަކު ވެސް ހިތާމަވެރިއެއް ނޫނެވެ. ގިނަ ފަހަރަށް މަޖަލެވެ. ނުވަތަ މިއީ އަހަރެން އަމިއްލަ ނަފްސަށް ހަދާ ދޮގަކަށް ވެދާނެ އެވެ. ފަހަރެއްގައި އަހަރެން ފޭލިގެ ޖެހީ، ވަޔާއެކު އަހަރެންގެ ހިތް ހަށިގަނޑުން ބޭރަށް އުދުހިގެން ހިނގައިދާނެކަމުގެ އުންމީދުގައި ވައި އެންމެ ގަދަޔަށް ޖެހޭ ހިސާބުގަ އެވެ." ރޯއީ ފޮތުގައި ލިޔެފައިވެ އެވެ.
މި ފޮތުގައި ރޯއީ ފާހަގަކުރާ އަނެއް މުހިންމު ވާހަކައަކީ އަހަރުމެން ބަލައި ބޮޑުކޮށް، ހަޔާތް ބައްޓަންކޮށްދިނުމުގައި މުހިންމު ރޯލެއް އަދާކުރާ މީހުންނާ ވެސް ބައެއް ފަހަރު ދުރުވާން ޖެހޭނޭ ކަމެވެ. އަމިއްލަ މުސްތަގުބަލަށް ޓަކައި އެ މީހުންނާ ބާއްވާ މުއާމަލާތްތަކުގައި ވެސް ހުދޫދާއި އިންތައް ބަހައްޓަން ޖެހޭނެ ކަމެވެ.
"އަހަރެން މަންމަ ދޫކޮށް ދިޔައީ މަންމަދެކެ ލޯބި ނުވާތީއެއް ނޫނެވެ. އެކަމަކު މަންމަދެކެ ލޯބިވުން މަތީ ދެމިހުރުމަށްޓަކައެވެ." ރޯއީ ލިޔެފައިވެ އެވެ.
"އަހަރެން މަންމަ ދޫކޮށް ދިޔައީ... މަންމަދެކެ ލޯބިވުން މަތީ ދެމިހުރުމަށްޓަކަ އެވެ. މަންމައާ އެކު ހުރި ނަމަ އެކަން ނާދިރު ކަމަކަށް ވީހެވެ."
ރޯއީ މި ބުނެދެނީ ހަޔާތުގެ ހިތި ހަގީގަތެކެވެ. ވަރަށް ލޯބިވާ މީހުންނާ ވެސް ދުރުވާން ޖެހޭނޭ ކަމެވެ. އެއީ އެ ލޯބި ދެމެހެއްޓުމަށް ޓަކަ އެވެ. ލޯބި އިތުރަށް ހަލާކުވެ ނުދިޔުމަށް ޓަކަ އެވެ.
'މަދަ މެރީ ކަމްސް ޓު މީ' އަކީ ކިޔަން އުނދަގޫ ފޮތެކެވެ. ނަމަވެސް ކޮންމެހެން ވެސް ކިޔާލަން ޖެހޭ ފޮތެކެވެ. މިއީ މައިވަންތަކަމާއި މުޖުތަމައުގައި އަންހެނުން ބާރުވެރިކުރުވުމާ މެދު ތަފާތު ގޮތަކަށް ވިސްނައިދޭނެ ފޮތެކެވެ.
މި ފޮތުން ހަނދާންކޮށްދެނީ އަހަރުމެންގެ ހަޔާތް ބައްޓަންކޮށްދޭ މައިންނަކީ އުނިކަމެއް ނެތް ބައެއް ނޫންކަމެވެ. އެއީ ހަމަ އިންސާނުންނެވެ. އެމީހުންގެ ޒަމާނުގެ ވޭނާއި ކެކުޅުން އެމީހުން އުފުލީ، އަހަރުމެން އުފުލަންޖެހޭ ބުރަ ކުޑަކޮށްދިނުމަށެވެ. އެ މީހުންގެ ހަޔާތުން އަހަރުމެންނަށް ދެނީ ހިތްވަރާއި ނުގުޑާ އަޒުމެވެ. މިއީ އަހަރުމެންގެ ކުރިން އުޅުނު، ހިޔާވަހިކަމާއި ތޫފާން ކަމުގައިވި އަންހެނުންގެ ވާހަކަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ