ފިތުރު ޒަކާތް ނުދައްކާނަމަ ރަމަޟާން މަހުގެ އަޖުރާ ސަވާބު މަޑުޖެހިފައިވާ ކަމަށް ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ރަމަޟާންމަހުގެ ރޭތައް އިޙްޔާ ކުރުމަށް މައުމޫން ފައުންޑޭޝަނުން އިސްނަގައިގެން ރޭ ބޭއްވި އިޙްޔާ ފޯރަމްގައި ވާހަކަފުޅު ދައްކަވަމުންނެވެ. މައުމޫން ފައުންޑޭޝަނުން ސިލްސިލާކޮށް ބާއްވަމުންދާ އިޙްޔާ ފޯރަމްތަކުގެ ތެރެއިން ރޭގެ ފޯރަމް މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައިވަނީ "ފިތުރު ޒަކާތުގެ މުހިންމުކަން" މި މަޢުޟޫއަށެވެ.
އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ކުރިއަށްދިޔަ މި ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ، ރަމަޟާން މަހަކީ ވަރަށް މާތް މައްސަރެއް ކަމަށާއި ގިނަ އަގުހުރި ފުރުޞަތުތަކެއް ލިބިގެންދާ މައްސަރެއް ކަމަށެވެ. މި މަސްތެރޭގައި އީމާންކަން އިތުރުވެގެން ދިއުމާއި، ކުރާ އަޅުކަންތައް އިތުރުވެގެން ދިއުމާއި، މާތް ﷲ ދެއްވާ އިތުރު ނިޢުމަތްތައް ފެނިގެންދިއުން ހިމެނޭ ކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން ކުރިއަށް އޮތީ ފިތުރު ޢީދު ކަމަށް ވުމާއެކު ފިޠުރު ޢީދުގައި ކުރަން ޖެހޭ ވަރަށް މުހިއްމު އެއް ކަމެއް އެބައޮތް ކަމަށް ވިދާޅުވިއެވެ. ފިތުރު ޒަކާތް ދެއްކުމަކީ، ކިތަންމެ ކުޑަޔަސް ކިތަންމެ ބޮޑަސް، އަންހެނަކަސް ފިރިހެނަކަސް ކުރަންޖެހޭ މުހިންމު ކަމެއް ކަމަށް ރައީސް މައުމޫން ފާހަގަކުރެއްވިއެވެ. އެއިން އިސްތިސްނާވާ އެއްވެސް އިންސާނަކު އެއްވެސް މުސްލިމަކު ނުހުންނާނެ ކަމަށާއި، އެއީ ފިޠުރު ޒަކާތާ އިސްލާމްދީނުގެ އެހެން ރުކުންތަކާ ހުރި ތަފާތަކީވެސް އެއީ ކަމަށް ވިދާޅުވިއެވެ.
ރައީސް މައުމޫން ވިދާޅުވީ، ދުނިޔޭގައި އެންމެ ދުވަހަކު ހުންނަ ކުއްޖާއަށްވެސް ފިތުރު ޒަކާތް ވާޖިބުވާ ކަމަށެވެ. އެކަމުގެ ޝަރުޠަކީ ރަމަޟާން މަހުން ބައެއްގައި ދުނިޔޭގައި ހުރެ ހަމަ އެހެންމެ ޝައްވާލު މަހުން ބައެއްގައި ދުނިޔޭގައި ހުރުން ކަމަށެވެ. އެހެންކަމުން ފިޠުރު ޒަކާތަކީ، އެންމެންގެ މައްޗަށް ވާޖިބުވާ އެއްޗެއް ކަމަށް ވިދާޅުވިއެވެ. އެހެންކަމުން މިއީ ވަރަށް މުހިއްމު ކަމެއް ކަމަށާއި، ފިޠުރު ޒަކާތް ދެއްކުމަށް އަވަސްވެ ގަތުމަކީވެސް ވަރަށް މުހިއްމު ކަމެއް ކަަމަށެވެ. ރައީސް މައުމޫން ވިދާޅުވީ، ޢީދު ނަމާދުގެ ކުރިން ޒަކާތް ދައްކަން ޖެހޭނެ ކަމަށާއި ޢީދު ނަމާދުގެ ކުރިން ދައްކައިފިނަމަ އެވާނީ ޒަކާތަކަށް ކަމަށާއި، އޭގެ ފަހުން ނަމާދަށް ގޮސް އައިސް ދައްކާފިއްޔާ އެވާނީ ސަދަޤާތަކަށް ކަމަށެވެ. ޢީދު ނަމާދަށް ދިއުމުގެ ކުރިން ކޮންމެ މީހަކުވެސް އެމީހެއްގެ އަމިއްލަ ނަފްސާ، އެމީހެއްގެ މައްޗަށް ޚަރަދު ބަރަދު ލާޒިމުވާ މީހުންގެ މައްޗަށް އެ ފިޠުރު ޒަކާތް ދެއްކުން ލާޒިމް ކަމަށެވެ.
"އެ ދައްކާނީ މި ގޮވާމުންވެސް އެ އޮންނަނީ އެ އޮންނަ ގޮތަށް ހިމަގޮދަނުން ނޫންހަމަ މި އޮންނަ އެއްޗަކުން ޞާޢެއްގެ މިންވަރު ދައްކަން. ނޫނީވިއްޔާ އޭގެ އަގުކޮށްފައި ރުފިޔާއިންވެސް ދެއްކިދާނެ. ފައިސާއިން ދެއްކިދާނެ. ކޮންމެ ފައިސާއަކުން ދެއްކިޔަސް މައްސަލައެއްނެތް. އެގޮތަށް ވަރަށް ފަސޭހަ ކަންނޭނގެ. ދެން ދިވެހިރާއްޖޭގައިވެސް އޮންނާނީ އަގުކޮށްފައި. އަގަކީ މިވެނި ވަރެކޭ. އެހެންވީމަ އެވަރު ދެއްކުން އެއީ ވަރަށް މުހިއްމު ކަމެއް. މި ދެންނެވީ ގޮވާމުން ނުވަތަ ކާބޯތަކެތިން ނުދެއްކެންޏާ ނުވަތަ ދެއްކުމުގެ ބަދަލުގައި ހަމަ ފައިސާއިން ދެއްކިޔަސް އެންމެ ރަނގަޅުވާނެ. އަދި ބައެއް ޢިލްމުވެރިން ވިދާޅުވާ ގޮތުގައި އެންމެ ރަނގަޅީވެސް މިހާރު ފައިސާއިން ދެއްކުން. އޭރުން އެ ލިބޭ މީހާ ބޭނުންވާ ކަމެއް އެ ފައިސާއިން ކޮށްފާނެ. އެނޫން ގޮތަކަށް ވެއްޖެ ކަމަށްވާނަމަ އެހެން ނުވާނެ. އަދި އެހެން ކޮންމެ ގޮތަކުންވެސް އަޅުގަނޑުމެން އެބަޖެހޭ މި ރަމަޟާން މަސް ދިއުމާ އެކީގައި އަދި ޢީދުނަމާދުގެ ކުރިން މި ޒަކާތް ދެއްކުން." ރައީސް މައުމޫން ވިދާޅުވިއެވެ.
ރައީސް މައުމޫން ވިދާޅުވީ، ނަމާދަކީ އެންމެ މުހިންމު އަޅުކަމަށް ވާއިރު، އެވެސް ކުޑަކުދިންގެ މައްޗަކަށް ވާޖިބެއް ނޫން ކަމަށާއި އެހެންނަމަވެސް ފިޠުރު ޒަކާތް ކުޑަކުދިންގެ މައްޗަށްވެސް ވާޖިބު ކަމަށެވެ. އެހެންކަމުން މިއީ ފިތުރު ޒަކާތާއި އެހެން އަޅުކަންތަކާއި އޮތް ތަފާތެއް ކަމަށް ވިދާޅުވިއެވެ. ރަމަޟާން މަހުގެ ރޯދަ ވަނީ އުޑާ ބިމާ ދޭތެރޭގައި އެލުވިފައި ކަމަށާއި، ﷲގެ ހަޟްރަތަށް ގެންދާނެ އެއްޗަކީ ހަމައެކަނި ފިތުރު ޒަކާތްކަން ފާހަގަކުރެއްވިއެވެ.
ރައީސް މައުމޫން ވިދާޅުވީ އޭގެ މާނައަކީ، ރަމަޟާން މަހުގެ އަޖުރާ ސަވާބާ ހުރިހާ ކަމެއްވެސް ވަނީ މަޑުޖެހިފައި ކަމަށާއި ފިތުރު ޒަކާތް އަދާކުރުމުން ނޫނީ ރަމަޟާން މަހު ހިފި ރޯދައިގެ ސަވާބު ނުލިބޭނެ ކަމަށެވެ. މިހާ މުހިންމު ކަމަކަށް ފިތުރު ޒަކާތް ވީއިރު، އެކަމަށް ވަރަށް ބޮޑަށް ސަމާލުވާން ޖެހޭނެ ކަމަށްވެސް ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވިއެވެ.
ފިތުރު ޒަކާތް ނުދައްކާނަމަ ރޯދައިގެ އަޖުރާ ސަވާބު ވަނީ މަޑުޖެހިފައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ