ހިޔާ ޓަވަރުތަކުން ކަރަންޓް ކަނޑާލާނެ ކަމަށް ބުނެ ފަތުރަނީ ދޮގެއް: ސްޓެލްކޯ

ރިޔާސީ އިންތިޚާބާ ގުޅިގެން، ސްޓެލްކޯގެ ހިޔާާޓަވަރުތަކުން ކަރަންޓުގެ ޚިދުމަތް މެދުކަނޑާލަން އުޅޭކަމަށް ބުނެ ފަތުރަމުން ދަނީ ދޮގު ޚަބަރެއްކަމަށް އެ ކުންފުނިން މިއަދު ބުނެފިއެވެ. އެ ޚަބަރު ދޮގުކޮށް ސްޓެލްކޯއިން ނެރުނު ބަޔާނެއްގައި ވަނީ، ރިޔާސީ އިންތިޚާބާ ގުޅުވައިގެން ބައެއް މީޑިއާތަކުން އެ ކުންފުންޏާ މެދު ރައްޔިތުންގެ އިތުބާރު ގެއްލޭގޮތަށް އަދި، ކުންފުނީގެ ތަސައްވުރު ކިލަނބުވާގޮތަށް ކަނޑައެޅިގެން ހަގީގަތާ ޚިލާފު ވާހަކަތަކެއް ފަތުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. "މި ދެންނެވި ޚަބަރުތަކަކީ، އެއްވެސް ކަހަލަ އަސާސެއްގެ މައްޗަށް ބިނާކޮށް ފަތުރަމުންދާ ޚަބަރުތަކެއް ނޫން ކަމުގެ ޔަގީންކަން އެންމެހާ ރައްޔިތުންނަށް އަރުވަމެވެ. ބިނާކުރަނިވި ފާޑު ކިޔުމަށް މި ކުންފުނިން އަބަދުވެސް މަރުޙަބާ ކިޔަމެވެ. އެހެން ނަމަވެސް، ފަޚުރުވެރި ދިގު ތާރީޚެއް އޮތް މި ކުންފުންޏާއި، ކުންފުނީގެ މުވައްޒަފުން ބަދުނާމުކޮށް، ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ޚިދުމަތްތަކާ ގުޅުވައި ކަނޑައެޅިގެން ދޮގު ވާހަކަ ފަތުރައި، ނުތަނަވަސްކަން އުފެއްދުމަކީ މިކުންފުނިން ބަލައިގަންނާނެ ކަމެއްނޫން ކަމުގައި ދަންނަވަމެވެ،" ސްޓެލްކޯގެ ބަޔާނުގައިވެއެވެ. އެ ބަޔާނުގައި ބުނެފައި ވަނީ އެ ކުންފުނީގެ ޚިދުމަތަށް އެއްވެސް ކަހަލަ މެދުކެނޑުމެއް އަންނަނަމަ، ސޯޝަލް މީޑިޔާއާއި މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް އަންގާނެ ކަމަށެވެ. ހަމައެހެންމެ ކުރިން އެންގުމަކާ ނުލައި ކަރަންޓުގެ ޚިދުމަތް ކަނޑާލާފައި ނުވާނެ ކަމުގެ ޔަގީންކަން އެކުންފުނިން ދިނެވެ. ނޫސްވެރިކަމުގެ މިނިވަންކަމާއި، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ގާނޫނު އަސާސީއާއި ރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މުއާހަދާތަކުން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގެއް ނަމަވެސް، އެ ކުންފުންޏާ ގުޅޭގޮތުން ފަތުރަމުންދާ ހަގީގަތާ ޚިލާފު ދޮގު ވާހަކަ ތަކަކީ، އެ އަސާސްތަކާ ކަނޑައެޅިގެން ޚިލާފަށް ފަތުރަމުންދާ ވާހަކަތަކެއް ކަމަށް ވެސް އެ ބަޔާނުގައިވެއެވެ. އެހެންކަމުން ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދިނުމުގައި ނޫސްވެރިކަމުގެ މިނިވަންކަމާއި، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ އަސާސްތަކާއި، އިންތަކާއި މިންތައް، ދެމެހެއްޓުމަށް ސްޓެލްކޯއިން ވަނީ އިލްތިމާސްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ