ލޯކަލް ކައުންސިލްތަކަށް ލިބިދީފައި އޮތް ވަރަށް ގިނަ ބާރުތައް ހަނިކޮށް ފާސް ކުރި އިސްލާހުތަކަށް ތާއީދު ކުރައްވާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ގާސިމް ނެރުއްވި ބަޔާނެއްގައި އޭނާ ވިދާޅުވީ، ވިޔަފާރި ކުރުމަށާއި ތަންތަން ކުއްޔަށް ދިނުމަށާއި ތަރައްގީގެ މަޝްރޫއު ހިންގުމަށާއި މުވައްޒަފުން ނެގުމަށް ކައުންސިލުތަކަށް ލިބިދީފައިވާ ބާރުތައް އަތުލައި ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތަކަކީ ވަރަށް ބޮޑަށް ބޭނުންޖެހިފައިވާ މުހިންމު އިސްލާހުތަކެއް ކަމަށެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި ލާމަރުކަޒީ ގާނޫނަށް ގެނައި މި އިސްލާހުތަކަކީ ވަރަށް މުހިންމު އިސްލާހުތަކެއް. މިއަދު ހާލަތާ ގުޅިގެން ވަރަށް ބޮޑަށް ބޭނުންޖެހިފައިވާ އިސްލާހުތަކެއް ކަމުގައި ދަންނަވާލަން ބޭނުން،" ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ، ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތަކާ ގުޅިގެން ރައީސް މުހައްމަދު މުއިއްޒު ވިދާޅުވި ވާހަކަތަކަށް އޭނާ ވެސް ތާއީދު ކުރައްވާ ކަމަށެވެ.
"އަޅުގަނޑު ވެސް ގަބޫލު ކުރަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ފަދައިން މި އިސްލާހުތަކަކީ، އެ ނިޒާމު 'ހަރުދަނާ ކުރުމަށް، ޗެމްޕިއަން ކުރުމަށް' ގެންނަންޖެހޭ އިސްލާހުތަކެއް ކަމަށް. މިސާލަކަށް ކުރިއަށް އޮންނަ އިންތިހާބަށް ދިމާކޮށް ސިޔާސީ ބޭނުމަށް ރަށްރަށުގެ ބިންތައް ދޫކޮށް ގިނަ އަދަދަކަށް މުވައްޒަފުން ނަގާނެ ފުރުސަތު އޮވެގެން ނުވާނެ،" ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ، ލާމަރުކަޒީ ގާނޫނު ކުރިން އޮތް ގޮތުން ބޮޑަށް އޮތީ ފެޑެރަލް ނިޒާމެއްގެ ސިފަތަކެއް ކަމަށެވެ. އެކަމަކު، ގާނޫނުއަސާސީގައި ބުނާ ގޮތުން ދިވެހިރާއްޖެއަކީ ޔުނިޓަރީ ދައުލަތެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"މި [ލާމަރުކަޒީ] ގާނޫނާއެކު ފެޑެރަލް ވިސްނުން ބައެއް ފަރާތްތަކަށް އަންނަކަމަކީ ވެސް ހަގީގަތެއް. އާންމުކޮށް ސަރުކާރާ އިދިކޮޅަށް އޮންނަ ޕާޓީތަކުން އެފަދަ ވާހަކަތައް ޕްރޮމޯޓް ކުރާކަން ވެސް ފާހަކަ ކުރެވޭ،" އޭނާ ވިދާޅުވި އެވެ.
އެކަމަކު، ގާސިމް އެހެން ވިދާޅުވި ނަމަވެސް ރަށްތައް ހިންގާނެ ގޮތުގެ ބާރު ރަށު ކައުންސިލަށް ދިނުމަކީ ފެޑެރަލް ސިސްޓަމެއްގެ ސިފައެއް ނޫނެވެ. ފެޑެރަލް ސިސްޓަމެއް ނަމަ، އަތޮޅު ނުވަތަ ރަށު ލެވެލުގައި ގާނޫނު ހެދުމުގެ ބާރު އޮންނާނެ އެވެ. އަދި އެ ލެވެލަށް ލިބިދޭ ބާރު މައި ސަރުކާރުން ބޭނުންވެއްޖެ ނަމަ އަތެއް ވެސް ނުލެވޭނެ އެވެ.
މުއިއްޒުއާ އެއްބައިވެ، ކައުންސިލުތަކުގެ ބާރު ހަނި ކުރަން ގާނޫނަށް ގެނައި އިސްލާހުތަކަށް ގާސިމް ތާއީދުކޮށްފި މުއިއްޒުއާ އެއްބައިވެ، ކައުންސިލުތަކުގެ ބާރު ހަނި ކުރަން ގާނޫނަށް ގެނައި އިސްލާހުތަކަށް ގާސިމް ތާއީދުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ