އިސްތިޚާރާ ކުރުމުން ވިސްނޭގޮތް އެއީ ޢުމުރަށް އެންމެ ފައިދާހުރި ގޮތެއް ނޫން! ފައިދާ ކުރާނީ މިކަންކަން އެނގިގެން!

ކަމެއް ކުރަން އޮތް އެންމެ ރަނގަޅު ގޮތް އޮޅުން ފިލުވަން ބޭނުންވެގެން އިސްތިޚާރާ ކުރީމާ ވިސްނޭ ގޮތް ނުވަތަ މެދުވެރިވާ ގޮތް އެއީ އެވަޤުތަކަށް އޮތް އެންމެ ރަނގަޅު ގޮތެވެ. އެއިގެ މާނައަކީ މުޅި ޢުމުރަށް އެއީ އެންމެ ރަނގަޅު ގޮތް ކަމަށްވުމެއް ނޫނެވެ. އެކަން އެނގެނީ ފަހުން އިސްތިޚާރާ ކުރީމާ އެނޫން ގޮތެއް އެއީ އެންމެ ފައިދާހުރި ގޮތްކަން ވިސްނޭތީއެވެ. އަދި ފަހުން ވިސްނުނު ގޮތް މާރަނގަޅުވެ ފައިދާވެސް ކުރާތީއެވެ. 
މިޘާލަކަށް ވިޔަފާރިއެއް ފަށަންވެގެން އިސްތިޚާރާ ކުރީމާ ނުފަށަން ވިސްނިދާނެއެވެ. ނަމަވެސް ދުވަސްކޮޅެއް ފަހުން އިސްތިޚާރާ ކުރީމާ ހަމަ އެވިޔަފާރި ފަށަން ވިސްނިދާނެއެވެ. ފެށީމާ ކުރިއަރައިގެންވެސް ދެއެވެ. 
ހަމަ އެގޮތަށް ދެމަފިރިންގެ މެދުގައި މައްސަލަތައް ޖެހުން ގިނަވެގެން އިސްތިޚާރާ ކުރީމާ ދެމަފިރިން ވަކިވާން ވިސްނިދާނެއެވެ. ވަކިވެގެން ދުވަސްކޮޅަކު ތިބެފައި އިސްތިޚާރާ ކުރީމާ ދެމީހުން އަލުން ގުޅެން ވިސްނިދާނެއެވެ. އަލުން ގުޅުމުން މައްސަލަތަކުން ސަލާމަތްވެވިގެން ޢުމުރަށް އުފަލުގައި އުޅެވޭ މީހުންވެސް ވަރަށް ގިނައެވެ. 
އެކަން އެގޮތަށްވުމަށް މެދުވެރިވާ ސަބަބެއްވެސް ބުނެލާނަމެވެ. އެ ސަބަބަކީ މައްސަލަތައް އެޖެހެނީ ކޮންމެހެން ޖެހެން ޖެހޭތީއެއް ނޫނެވެ. ދެމީހުންގެ ކިބައިގައި ރަނގަޅު ކަމެއް ނެތިގެނެއްވެސް ނޫނެވެ. އަނެކާއާއިމެދު ޤަބޫލުކުރެވޭ ޤަބޫލުކުރެވުންތަކެއްގެ ސަބަބުންނެވެ. 
ދެން މިވާގޮތަކީ ދުވަސްކޮޅަކު ދުރުގައި ތިބުމުން އަނެކާގެ ހުރި ރަނގަޅުކަން ވިސްނެނީއެވެ. މައްސަލަތައް ޖެހެނީ ހަމައެކަނި އަނެކާގެ ގޯސްކަމުން ނޫންކަމާއި ތިމާގެ ކިބައިގައިވެސް އުނި ކަންތައްތަކެއް އެބަހުރިކަން ޤަބޫލުކުރެވެނީއެވެ. ތިމާއަށްވެސް ގޯސްކޮށް ކަންތައްތަކެއް ކުރެވޭކަން ޤަބޫލުކުރެވެނީއެވެ. އެކަންކަން އަމިއްލައަށް ޤަބޫލުކޮށްގެން އަލުން ގުޅުނީމާ ޖެހޭ މައްސަލަތައް ޙައްލުކޮށްގެން އުޅެން މަގުފަހިވަނީއެވެ. 
މިފަދަ ކަންކަމުން އެނގިގެން މިދަނީ ދިރިއުޅުމުގެ ހުރިހާ މަރުޙަލާތަކެއްގައިވެސް އަދި އަބަދުވެސް ތިމާއާއި ﷲ ތަޢާލާ އާއި ދެމެދުގައި ބަދަހިގުޅުމެއް ބާއްވަން މަސައްކަތްކުރަންޖެހޭނެ ކަމެވެ. މެދުކެނޑުމެއް ނެތި އެންމެ ރަނގަޅު ގޮތް މިންވަރުކުރެއްވެވުން އެދިގެންނާއި އަދި ކުރިއަށް ދާންވީ ރަނގަޅު މަގު ދައްކަވައިދެއްވެވުން އެދިގެން ދުޢާކުރަންޖެހޭނެ ކަމެވެ.
 
- ޝައިޚް އަޙްމަދު ޔޫނުސްގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ