އަހަރު ނިމެން 5 މަސް: ދަރަނި ދައްކަން އޮތް ބަޖެޓް ހުސްވަނީ، ބާކީ 2.4 މިލިއަން

މި އަހަރު ދައުލަތުން ދަރަނި ދައްކަން ބަޖެޓުގައި ކަނޑައަޅައިފައިވާ އަދަދުގެ 99.9 ޕަސެންޓް މިމަހުގެ ހަތް ވަނަ ދުވަހާ ހަމައަށް ޚަރަދުކޮށް، ލޯނު ދައްކަން ބާކީ އޮތީ ދެ މިލިއަން ރުފިޔާ ކަމަށް ފިނޭންސް މިިނިސްޓްރީގެ ތަފާސްހިސާބުން ދައްކައިފިއެވެ. ދައުލަތުގެ އާމްދަނީއާއި ޚަރަދުތަކުގެ ތަފުސީލު ފިނޭންސް މިނިސްޓްރީން މިދިޔަ ބުރާސްފަތި ދުވަހު ހާމަކުރިއިރު، ތަފާސްހިސާބުން ދައްކާ ގޮތުގައި މިމަހުގެ ހަތް ވަނަ ދުވަހާ ހަމައަށް ސަރުކާރުން ދަރަނި އަދާކުރުމަށް ވަނީ 3،870 މިލިއަން ރުފިޔާ ޚަރަދުކޮށްފައެވެ. މި އަހަރު ލޯނުތައް އަނބުރާ ދެއްކުމަށް ބަޖެޓުކުރީ 3،873 މިލިއަން ރުފިޔާ ކަމަށްވާއިރު، ބާކީ އޮތް މުއްދަތުގައި ބަޖެޓުން ދަރަންޏަށް ދައްކަން އޮތީ 2.4 މިލިއަން ރުފިޔާއެވެ. ރާއްޖޭގެ ޖުމުލަ ދަރަނި 9.4 ބިލިއަން އެމެރިކާ ޑޮލަރަށް އަރައި، އުފެއްދުންތެރިކަމުގެ ނިސްބަތުން ހުރީ 134 އިންސައްތައިގައެވެ. އޭގެ ތެރެއިން މި އަހަރު އެކަނި ވެސް 600 މިލިއަނެއްހާ ޑޮލަރު، ގާތްގަނޑަކަށް 9.25 ބިލިއަން ރުފިޔާ ދައްކަން ޖެހޭއިރު އަންނަ އަހަރު އެ އަދަދު އެއް ބިލިއަން ޑޮލަރަށް އަރައެވެ. ރާއްޖޭގެ ދަރަނީގެ ބޮޑު ބައެއް ހިއްސާކުރަނީ ޗައިނާއާއި އިންޑިއާއިން ކަމަށްވާއިރު، އިންޑިއާއިން ވަނީ ލޯނަށް ލުއި ދީފައި --- ފޮޓޯ: ރައީސް އޮފީސް ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުން ގެންދަވަނީ ދަރަނި ދެއްކުން ފަސްކުރުމަށާއި ލުއި ގޮތްތަކެއް ހޯއްދެވުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން ރާއްޖެއިން ބޭރުން ނަގައިފައިވާ ލޯނުގެ ބޮޑު ބައެއް ހިއްސާކުރަނީ ޗައިނާއާއި އިންޑިއާއިން ކަމަށްވާއިރު މި ސަރުކާރުން ފުރަތަމަ ގާތްވެފައިވަނީ ޗައިނާއާއެވެ. މިހާތަނަށް ޗައިނާއިން ލޯނުތަކަށް ލުއިދީފައިނުވެއެވެ. މި ސަރުކާރުން ވެރިކަމަށް އައީ 'އިންޑިއާ އައުޓް' ހަރަކާތް ހިންގުމަށް ފަހުގައި ކަމަށްވުމުންނާއި ވެރިކަމުގެ ފުރަތަމަ ދުވަސްކޮޅު ނައިބު ވަޒީރުންތަކެއް އިންޑިއާގެ ރައްޔިތުންނަށް ކުޑައިމީސް ކުރި މައްސަލައިގައި ދެ ގައުމުގެ ގުޅުން ހީނަރުވިއެވެ. ނަމަވެސް ފަހުން ދެ ގައުމުގެ ގުޅުން ރަނގަޅު ކުރަން މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކޮށް، ރައީސް ވެސް އިންޑިއާއަށް ވަޑައިގަތެވެ. https://sun.mv/209053 އެއަށްފަހު، މި އަހަރުގެ މިނިވަން ދުވަހާ ދިމާކޮށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެ ވަޑައިގަތެވެ. އެ ދަތުރުފުޅުގެ ތެރެއިން، ރާއްޖެއިން ކޮންމެ އަހަރަކު އިންޑިއާއަށް ދައްކަންޖެހޭ ލޯނު 40 ޕަސަންޓު ލަސްކޮށްދޭން އެއްބަސްވުމެއްގައި ސޮއިކުރައްވާފައިވެއެވެ. ރާއްޖޭގެ އިގުތިސާދު ކުރިއެރި ނަމަވެސް ޚަރަދު ކުޑަ ނުކުރުމުގެ ސަބަބުން ދަރަނި ނުދެއްކިދާނެ ކަމުގެ ބިރު ބޭރުގެ އިދާރާތަކުން ފާޅުކުރަމުން އަންނަތާ އަހަރުތަކެއް ވެއްޖެއެވެ. މި ސަރުކާރުން މި އަހަރު ޚަރަދު ކުޑަ ކުރަން މާލީ އިސްލާހީ ފިޔަވަޅުތަކެއް އިއުލާނުކުރި ނަމަވެސް، އޭގެ ތެރެއިން ބައެއް އިސްލާހުތައް ނުގެނައުމަށް ފަހުން ވަނީ ނިންމައިފައެވެ. ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުން ވަނީ، ސަރުކާރުން ވައުދުވި ސަބްސިޑީ އިސްލާހުތައް ނުގެނައުމުން، އަހަރުގައި ބާކީ ފަސް މަސް އޮއްވައި ސަބްސިޑީއަށް މި އަހަރު ކުރި ބަޖެޓުގެ 99 އިންސައްތަ ހުސްވެފައިވާ ކަމަށް ދައްކައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ