8ކޭ ވީޑިއޯ ނަގާ ފުރަތަމަ ޑްރޯން، އިންސްޓާ 360 އިން ތަޢާރަފުކޮށްފި

އެކްޝަން ކެމެރާ އުފެއްދުމަށް މަޝްހޫރު ކުންފުނި، އިންސްޓާ360 އިން، ޑްރޯންގެ ދުނިޔެއަށް އިންގިލާބީ ބަދަލެއް ގެނެސް 360 ޑިގްރީގެ މަންޒަރު 8ކޭ ރިޒޮލިއުޝަންގައި ރެކޯޑްކުރެވޭނެ ދުނިޔޭގެ ފުރަތަމަ ޑްރޯން ތަޢާރަފުކޮށްފިއެވެ. އިންސްޓާ360އިން އާ ޑްރޯން ނެރެފައިވަނީ، "އެންޓިގްރެވިޓީ"ގެ ނަމުގައި އާ ސަބް-ބްރޭންޑެއްގެ ދަށުން "އެންޓިގްރެވިޓީ އޭ1"ގެ ނަމުގައެވެ. އެންޓިގްރެވިޓީ އޭ1 ޑްރޯންއަކީ އޭގެ ސައިޒުގެ ގޮތުން ފާހަގަކޮށްލެވޭ އުފެއްދުމެކެވެ. ގާތްގަނޑަކަށް 249 ގްރާމްގެ ބަރުދަން ހުންނަ މި ޑްރޯން، ބަރުދަން ލުއިވުމުގެ ސަބަބުން، އެމެރިކާ ފަދަ ބައެއް ގައުމުތަކުގައި ދުއްވުމަށް ޚާއްޞަ ލައިސަންސެއް ނުވަތަ ރަޖިސްޓްރީއެއް ބޭނުންނުވާނެއެވެ. މީގެ އިތުރުން، ޑްރޯންގެ ފިޔަތައް ފަތްޖަހައިލެވޭ ގޮތަށް ޑިޒައިންކޮށްފައިވުމުން، ދަބަހަށް ލައިގެން ފަސޭހަކަމާއެކު އެއް ތަނުން އަނެއް ތަނަށް ގެންދިއުމަށް ވަރަށް ފަސޭހައެވެ. މި ޑްރޯންގައި 4 ކެމެރާ ހުރޭ --- މި ޑްރޯންގެ އެންމެ ޚާއްޞަ އެއް ސިފައަކީ އޭގައި ހަރުކޮށްފައިވާ ހަތަރު ކެމެރާގެ ނިޒާމެވެ. އެއީ ކުރިމައްޗަށް ބަލާގޮތަށް ދެ ކެމެރާއާއި މައްޗަށް އެއް ކެމެރާއާއި ދަށަށް އެއް ކެމެރާއެވެ. އިންސްޓާ360 އިން ބުނާ ގޮތުގައި، ޚާއްޞަ "އިމޭޖް ސްޓިޗިން" ސޮފްޓްވެއާއެއްގެ އެހީގައި މި ހުރިހާ ކެމެރާއަކުން ނަގާ މަންޒަރުތައް އެއްކޮށްލުމުން، ވީޑިއޯއިން ޑްރޯންގެ އެއްވެސް ބައެއް ނުފެންނަ ގޮތް ހަދައެވެ. މީގެ ނަތީޖާއަކީ ވަށައިގެންވާ މުޅި މާހައުލު އެއްވެސް ހުރަހެއްނެތި ރެކޯޑްވުމެވެ. ޑްރޯން އުދުއްސާ މީހާއަށް މި މަންޒަރު ފެންނާނީ "ވިޝަން ގޮގްލްސް"ގެ ނަން ދީފައިވާ ޚާއްޞަ އައިނަކުންނެވެ. ބޯ ހަރަކާތްކުރާ ދިމާލަކަށް، މައްޗާއި ތިރި އަދި ވަށައިގެންވާ މުޅި މަންޒަރު، އެއްވެސް "ބްލައިންޑް ސްޕޮޓެއް" ނެތި ސާފުކޮށް ފެނުމުގެ ފުރުސަތު މި އައިނުން ފޮރުކޮށްދެއެވެ. އާންމު ޑްރޯންތަކާ ޚިލާފަށް، އޭ1 ކޮންޓްރޯލްކުރަނީ އެންމެ އަތަކުން ހިފެހެއްޓޭ "ގްރިޕް ކޮންޓްރޯލާ" އަކުންނެވެ. މި ފަސޭހަ ކޮންޓްރޯލްތަކުގެ ސަބަބުން، އުދުއްސަމުންދާއިރު މަންޒަރު ރެކޯޑްކުރުމަށް ފުރިހަމައަށް ސަމާލުކަން ދެވޭނެއެވެ. އެހެންކަމުން، ރީތި ޝޮޓެއް ނެގުމަށް އުނދަގޫތަކެއް ނުވާނެ ކަމަށް ޑްރޯން ޓެސްޓްކުރި ފަރާތްތަކުން ފާހަގަކުރެއެވެ. އިންސްޓާ360ގެ އެންޓިގްރެވިޓީ އޭ1 ޑްރޯން ބާޒާރަށް ނެރެން ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގައެވެ. ޑްރޯންގެ އަގާއި، ލިބެން ހުންނާނެ މޮޑެލްތަކާއި، ދުނިޔޭގެ އެކި ގައުމުތަކަށް ލިބެން ފަށާނެ ތާރީޚް ފަދަ އިތުރު މައުލޫމާތު، ޑްރޯން ނެރެން ކައިރިވުމުން ހާމަކުރާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ