މި ސަރުކާރުގެ ތަސައްވުރަކީ އިސްލާމީ ދުނިޔޭގައި ފާހަގަކޮށްލެވޭ ޒަކާތުގެ ނިޒާމެއް ގާއިމު ކުރުން

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ތަސައްވުރަކީ އިސްލާމީ ދުނިޔޭގައި ފާހަގަކޮށްލެވޭ ޒަކާތުގެ ނިޒާމެއް ގާއިމުކުރުންކަމަަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޝަހީމް މިހެން ވިދާޅުވީ ޒަކާތު ސްކޮލަރޝިޕް ލިބުނު ފަރާތްތަކަށް ލިޔުން ހަވާލުކުރުމަށް އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ބޭއްވުނު ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ މިހާރު މަޖިލީހަށް ހުށައެޅިފައިވާ ޒަކާތުގެ ބިލު ޤާނޫނަކަށް ވެގެން ދިއުމުން ދިވެހިރާއްޖޭގެ ޒަކާތުގެ ނިޒާމަކީ އިސްލާމީ ދުނިޔޭގައި ފާހަގަކޮށްލެވޭ ނިޒާމަކަށް ވެގެންދާނެކަމަށާއި ރައީސް މުއިއްޒުގެ ތަސައްވުރަކީ ޒަމާނާއި އެއްވަރުގެ ޒަކާތުގެ ނިޒާމެއް ގާއިމު ކުރެވިގެންދިއުން ކަމަށެވެ.
މިނިސްޓަރުގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، މިރޭ ހަވާލުކުރެވިގެންދިޔަ ސްކޮލަރޝިޕާއި ޚާއްސަ ސްކޮރލަޝިޕް އިސްލާމީ ދާއިރާތަކަށް ޚާއްސަ ކުރުމަށް ނިންމާފައިވަނީ ރައީސްގެ ލަފާއާއެކު ކަމަށާއި އެއީ އިސްލާމީ ދާއިރާތަކުން މީހުން ތަމްރީން ކުރުމަށް އެޅިގެންދާ މުހިއްމު ފިޔަވަޅެއްކަމަށެވެ.
އަދި މި ސްކޮލަރޝިޕްތައް ނިންމާ ދަރިވަރުންގެ ފަރާތުން ޤައުމަށް ފައިދާކުރާނެކަން ޔަޤީން ކުރައްވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ޒަމާނުންސުރެ ރާއްޖޭގައި އޮތީ ވަރަށް ހަރުދަނާ ޒަކާތުގެ ނިޒާމެއްކަމަށާއި، ޒަކާތަށް ޚާއްސަ ވަކި އިދާރާއެއް މިވެރިކަމުގެ ކުރީކޮޅު ރައީސް އުފެއްދެވުމަކީ ޒަކާތުގެ ނިޒާމަށް އިތުރު ހަރުދަނާކަމެއް އައިސްފައިވާކަމެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ޝަހީމް އިތުރަށް ވިދާޅުވީ، 7 އަހަރުގެ މެދުކެނޑުމަކަށްފަހު މިރޭ މިދެވުނު ފުރުސަތުތަކަކީ ޤައުމާއި އިސްލާމީ ހަޟާރަތު އިތުރަށް ކުރިއެރުވުމަށްޓަކައި ބޭނުންވާ މުހިއްމު ފުރުސަތެއްކަމަށާއި ފުރުސަތުގެ ބޭނުން ހެޔޮ ގޮތުގައި ހިއްޕެވުމަށް ނަސޭހަތްތެރިވެލައްވާކަމަށެވެ.
މިނިސްޓަރުގެ ވާހަކަ ނިންމަވާލައްވަމުން ތަނަވަސްކަމުގެ އަހުލުވެރިން ޒަކާތް ދެއްކެވުމަށާއި ޒަކާތުގެ ނިޒާމު ހަރުދަނާ ކުރުމަށް ކުރާ މަސައްކަތުގައި ބައިވެރިވެލެއްވުމަށް ވަނީ އިލްތިމާސްކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ