ސިޓީގެ ފެށުން ރަނގަޅުކޮށް ވުލްވްސް ބަލިކޮށްފި
އިންގްލިޝް ޕްރިމިއާ ލީގުގައި މެންޗެސްޓާ ސިޓީ އާއި ވުލްވަހެމްޕްޓަން ވޮންޑަރާސް ބައްދަލުކުރި މެޗު ސިޓީން ކާމިޔާބުކޮށްފިއެވެ. ވުލްވްސްގެ ދަނޑުގައި ކުޅުނު މިމެޗު ސިޓީން ކާމިޔާބުކޮށްފައި ވަނީ ހީކުރިވަރަށް ވުރެ ފަސޭހަ ކަމާއެކު ހަތަރު ލަނޑު ސުން ލަނޑުންނެވެ. މިދިޔަ ސީޒަންގައި ސިޓީއަށް ކުރިމަތިލާންޖެހުނު ނާކާމިޔާބީ އާއި އެޓީމަށް އައިސްފައިވާ ގިނަ ބަދަލުތަކާއެކު މިމެޗުގައި ސިޓިގެ ފަރާތުން ފެންނާނީ ކޮންކަހަލަ ކުޅުމެއްތޯއާމެދު ގިނަ ބަޔަކު އުފައްދަމުންދިޔަ ސުވާލަަށް އެޓީމުންވަނީ ވަރަށް ފުރިހަމައަށް ޖަވާބުދީފައެވެ. މިމެޗު ސިޓީން ފެށީ އެޓީމާ އަލަށް ގުޅުނު ތިން ކުޅުންތެރިންކަމަށްވާ ޓިޖާނީ ރެއިންޑަސް އާއި ރަޔަން އައިޓް ނޫރީ އަދި ޖޭމްސް ޓްރެފަޑް ފުރަތަމަ އެގާރައިގާ ހިމެނިގެންނެވެ. އަދި ވުލްވްސްގެ ފާހަގަ ކޮށްލެވޭ ކުޅުންތެރިންތަކެއް އާސީޒަނާ ދިމާކޮށް އެޓީމު ދޫކޮށް ދިއުމުގެ ސަބަބުން ހީނަރުވެފައިވީ ނަމަވެސް މިމެޗުގައި ކައުންޓާ އެޓޭކްގައި އެޓީމުންވަނީ ސިޓީ ޑިފެންސް ހާސްކަމުގެ ތެރެއަށް ވައްޓާލައިފައެވެ. ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނުނު މިމެޗުގެ ފުރަތަމަ ލަނޑު ޖަހާ ސިޓީން މެޗުގެ ލީޑު ނަގާފައިވަނީ މެޗުގެ 34ވަނަ މިނެޓުގައި އާލިން ހާލަންޑް ކާމިޔާބު ކޮށްދިން ލަނޑުންނެވެ. އަދި މިލަނޑު ޖެހިތާ ތިން މިނެޓް ފަހުން ސިޓީންވަނީ އެޓީމުގެ ލީޑު ފުޅާކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޕްރިމިއާ ލީގުގައި އަލަށް ކުޅެންފެށި ރެއިންޑަސްއެވެ. ފުރަތަމަ ހާފުގައި އިތުރު ލަނޑެއް ނުފެނުނު ނަމަވެސް ލަނޑު ޖަހާނެ ފުރުސަތު ދެޓީމަށް ވެސް ލިބުނެވެ. މިމެޗުގައި ސިޓީން ކާމިޔާބުކޮށްދިން ތިންވަނަ ލަނޑު މެޗުގެ 61ވަނަ މިނެޓްގައި ރެއިންޑާސް ތަނަވަސްކޮށްދިން ފުރުސަތެއްގައި ކާމިޔާބު ކޮށްދިނީ ހާލަންޑްއެވެ. އަދި ފަހު ލަނޑު މެޗުގެ 81ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ ދެވަނަ ހާފުގައި ކުޅެން އެރި ރަޔަން ޗާކީއެވެ. މިއީ ޗާކީ ޕްރިމިއާ ލީގުގައި ކާމިޔާބުކުރި ފުރަތަމަ ލަނޑެވެ. މިކާމިޔާބީ އާއެކު ސިޓީން ތިން ޕޮއިންޓާއެކު ޕްރިމިއާ ލީގު ފެށި ނަމަވެސް ސިޓީ ޓީމުގެ ފަރާތުން ރަނގަޅު ކުރަން ޖެހޭ ގިނަ ކަންތައްތަކެއް ފާހަގަވިއެވެ. މިގޮތުން އާންމުކޮށް ފެންނަ ވަރަށް ވުރެ ގިނައިން މިސްޕާސްތައް ފެނުނުއިރު ސިޓީގެ ޑިފެންސް ވަރަށް އަވަހަށް ހާސްކަމުގެ ތެރެއަށް ވެއްޓެމުންދިޔަތަން ފެނިގެންދިޔައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ