ރައީސްގެ މޭޔަރު ކަމުގައި މަސް މާރުކޭޓު ކުއްޔަށް ދީފައި ވަނީ މާ ކުޑަ އަގެއްގައި ކަމަށް އާޒިމް ވިދާޅުވެއްޖެ
މިހާރުގެ ރައީސް ޑރ. މުޙައްމަދު މުއިއްޒު މާލޭގެ މޭޔަރު ކަމުގައި ހުންނެވިއިރު މަސްމާރުކޭޓު ހިންގާ ކުންފުންޏަށް އެ ތަން ކުއްޔަށް ދީފައި އޮތީ މާލޭ ސިޓީ ކައުންސިލުގެ ބިޑު ކޮމިޓީން ކަނޑައެޅި އަގަށްވުރެ ކުޑަކޮށް ކަމަށް، މިހާރުގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ. މިދިޔަ ބުދަ ދުވަހު ކައުންސިލުން ބޭއްވި ބައްދަލުވުމުގައި، އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ އާޒިމް ވިދާޅުވީ، މަސް މާރުކޭޓު ހިންގަން ހަވާލުކޮށްފައިވާ ކުންފުންޏާއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު އެއް އަހަރަށް އިތުރުކުރަން މިހާރު އޮތް ކައުންސިލުން ކުރިން ނިންމައިފައި އޮތް ކަމަށެވެ. އެކަމަކު، ކައުންސިލްގެ މިދިޔަ ދައުރުގައި މަސްމާރުކޭޓު ކުއްޔަށް ދީފައި އޮތީ ކަނޑައަޅާފައި އޮތް އަގަށް ވުރެ ކުޑަކޮށްކަން އެނގުމުން އެއްބަސްވުމުގެ މުއްދަތު އިތުރުނުކޮށް، އަލުން ބީލަމަށް ހުޅުވާލައިގެން ކޮންޓްރެކްޓަރެއް ހޯދަން ހުށަހަޅުއްވަނީ ކަމަށް އާޒިމް ވިދާޅުވިއެވެ. އެގޮތަށް ހުށަހެޅުއްވީ، މިހާރުގެ އެއްބަސްވުމުގައި ފުށުއަރާ ބައިވަރު ކަންތައްތަކެއް ހުރުމުން، އެއްބަސްވުމުގެ މުއްދަތު އިތުރުކޮށްފިނަމަ އެންމެ ރަނގަޅު ގޮތަށް ކަން ނުވެދާނެ ކަމަށް ގަބޫލުކުރައްވާތީ ކަމަށް އާޒިމް ވިދާޅުވިއެވެ. މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް: މަސް މާރުކޭޓު ކުއްޔަށް ދީފައި އޮތީ ކަނޑައެޅި އަގަށްވުރެ ކުޑަކޮށްކަން ހާމަކުރެއްވީ މޭޔަރު ---- ފޮޓޯ/ މާލެ ސިޓީ ކައުންސިލް ރައީސް މުއިއްޒު މޭޔަރުކަން ކުރެއްވީ މެއި 17، 2021އިން ފެށިގެން ކަމަށްވާއިރު، ސިޓީ ކައުންސިލްގެ ލިޔެކިޔުންތަކުން ދައްކާ ގޮތުގައި މާލޭ ރޯމަސް މާރުކޭޓާއި އެއާ ގުޅުވައިގެން އެ ތަނުގެ މަތިންދޭ ފިހާރަ ދިނުމުގެ އެއްބަސްވުމުގައި ސޮއިކުރީ 2021 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 21ގައެވެ. އާޒިމް ވިދާޅުވި ގޮތުގައި، ކައުންސިލްގެ ބިޑު ކޮމިޓީން މަސްމާރުކޭޓު ކުއްޔަށް ދިނުމަށް ނިންމާފައި އޮތީ 130،000 ރުފިޔާއަށެވެ. ނަމަވެސް، އެކައުންސިލްގެ އެހެން ކޮމިޓީއަކުން މަސްމާރުކޭޓު ކުއްޔަށް ދީފައި ވަނީ، އެ އަގަށް ވުރެ ކުޑަކޮށް، 70،000 ރުފިޔާއަށް ކަމަށް އޭނާ ވިދާޅުވިއެވެ. އެހާ ބައިވަރު ކަރަންޓު ބިލުތައް ނުދައްކާ އެބައޮތް، 437،917.26 ރުފިޔާ ނުދައްކާ އެބައޮތް. އަދި ބިޑު ކޮމިޓީން ނިންމާފައި އެބައޮތް 130،000އަށް [ކުއްޔަށް] ދޭން. ބިޑު ކޮމިޓީން ނިންމާފައި އޮތް ނިންމުމެއް އެހެން ކޮމިޓީއަކުން ބަދަލުކޮށްފައި އޮންނަނީ. އަޅުގަނޑަށް ލީގަލް ލަފާ މިލިބެނީ އެއީކީ ކުރެވޭނެ ކަމެއް ނޫން ކަމަށްމާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް އެކަންކަން ހާމަވީ ކުރިން ނުފެންނަ ލިޔުންތަކުން ކަމަށާއި އެކަމުގައި ކައުންސިލުން އިތުރަށް ބަލަން ޖެހޭ ކަންކަން އެބަހުރި ކަމަށް މޭޔަރު ވިދާޅުވިއެވެ. ހަމައެހެންމެ، އެގޮތަށް ކަންކަން ހުއްޓައި މިހާރުން މިހާރަށް މާރުކޭޓުގެ ކަންކަން ކުރިއަށް ގެންގޮސްފިނަމަ ބޮޑެތި ތުހުމަތުތަކެއް މާލެ ސިޓީ ކައުންސިލަށް އަތުވެދާނެ ކަމަށް ލިޔުންތަކާ ހަވާލާދީ އާޒިމް ވިދާޅުވިއެވެ. އެކަމާ ގުޅިގެން ލިޔުންތައް ލިބޭ ވަރަކުން ހާމަކުރަމުންދާނެ ކަން އާޒިމް ފާހަގަކުރެއްވިއެވެ. އެ ބައްދަލުވުމުގައި ވަނީ، އެ މައްސަލަ ބެލުމަށް އެކައުންސިލުގެ ލޭންޑް ކޮމިޓީއަށް ފޮނުވައިގެން ދިރާސާކުރަން ނިންމާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ