އުމްރާއަށް ފޮނުވުމުގައި އަސްކޮއި ގްރޫޕުން ލަނޑުދީފައިވާ ނަމަ އެކަން ފުލުހަށް އަންގަން އެދިއްޖެ

އުމްރާއަށް ގެންދާނެ ކަމަށް ބުނެ މީހުންގެ އަތުން ފައިސާ ނަގައި އަސްކޮއި ގުރޫޕުން ލަނޑުދީފައިވާނަމަ ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓަށް އެ ކަން އެންގުމަށް އެދިއްޖެ އެވެ.
ވީ ކިހިނެއް؟ - އަސްކޮއި ގުރޫޕަކީ މީހުން އުމްރާއަށް ގެންދިޔުމުގައި މީގެ ކުރިން ވެސް ގިނަ މައްސަލަތަކެއް ދިމާވެފައިވާ ގުރޫޕެކެވެ. އޭގެ ތެރޭގައި ފައިސާ ނެގުމަށް ފަހު އެންމެ ފަހު ވަގުތު އުމްރާއަށް ގެންދިޔުން ކެންސަލްކޮށްފައި ވެސްވެ އެވެ. 
މި ފަހަރު ވެސް އެ ގްރޫޕުން ބަޔަކަށް ލަނޑު ދިން މައްސަލައެއް ފެންމަތިވެގެން، ފުލުހަށްމި  ފުލުހަށް ހުށަހަޅާފައިވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ރޭ ވިދާޅުވި އެވެ.
ބުނީ ކީކޭ؟ - މައްސަލަ ބަލަމުންދާކަން ހާމަކޮށް ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި އެ ގްރޫޕުގެ ފަރާތުން އެފަދަ ކަމެއް އިތުރު ފަރާތަކަށް ދިމާވެފައިވާނަމަ އޭގެ މައުލޫމާތު ހިއްސާކޮށްދިނުމަށް އެދޭ ކަމަށެވެ. އެގޮތުން:
އިކޮނޮމިކް ކްރައިމްގެ ނަންބަރު 9790048އަށް ގުޅުމަށް ފުލުހުން އެދިފައިވޭ
ނުވަތަ ފުލުހުންގެ ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓަށް ހާޒިރުވެ މައްސަލަ ހުށަހެޅުމަށް އެދޭ
ތަފްސީލު - މި ފަހަރު އެ ގުރޫޕުގެ ހަވާލުގައި އުމްރާއަށް ދާން ފައިސާ ދައްކާފައިވަނިކޮށް ލަނޑުލިބިފައިވަނީ ށ. ފޯކައިދުއަށް ނިސްބަތްވާ 28 މީހެކެވެ. އެ މީހުން ވަނީ އުމްރާގެ އަޅުކަން އަދާކުރުމަށް ބޮލަކަށް 25،000ރ.ގެ މަގުން މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ފައިސާ ދައްކާފަ އެވެ.
ލަނޑު ލިބުނު މީހަކު ފޭސްބުކްގައި ލިޔުނު ގޮތުގައި:
ގުރޫޕުން ވަނީ މި މަހުގެ 24 ވަނަ ދުވަހުގެ ކުރިން މާލެ އައުމަށް އެދިފައި
އެކަމަކު މާލެ އައުމަށް ޓިކެޓް ނަގައި އެންމެން ތައްޔާރުވެފައި ވަނިކޮށް، އަސްކޮއި ގުރޫޕުން ވަނީ މި ފަހަރު އުމްރާ ދަތުރު ނުދެވޭނެ ކަމަށް އަންގާފައި
އޭގެ ފަހުން ގުރޫޕުގެ ހަބަރެއް ނުވާ ކަމަށާއި މެސެޖްކޮށް ގުޅުމުން ވެސް ޖަވާބެއް ނުދޭ
އަސްކޮއި ގުރޫޕު ހިމެނޭ މައްސަލަތައް:
2016 ވަނަ އަހަރު އެ ގުރޫޕުން އުމްރާއަށް ފުރަން ދިޔަ ބަޔަކު އެއާޕޯޓުގައި ތާށިވި؛ އެ ފަަހަރު، 38 މީހަކަށް ވިސާ ނުލިބިގެން ފުރޭ ގޮތެއް ނުވި އަދި އެ މީހުންނަށް ފުރޭގޮތްވީ މާ ފަހުން
2018 ވަނަ އަހަރު ވަގުޓިކެޓްތަކެއް ވިއްކައިގެން އަސްކޮއި ގުރޫޕުގެ 168 އުމްރާވެރިންނަށް ފުރޭ ގޮތެއް ނުވި؛ އެ ގުރޫޕުން ފަހުން ބުނިގޮތުގައި ޓިކެޓް ގަންނަން ހަވާލުކުރި ކުންފުނި އެ މީހުންނަށް އޮޅުވާލީ
މިދިޔަ ރޯދަ މަހު ވެސް މީހުންގެ އަތުން ފައިސާ ނެގުމަށް ފަހު، ދަތުރު ކެންސަލް ކުރި ކަމަށް ބުނެ މީހުންނަށް ލަނޑުދިން؛ އެ ފަހަރު 130،000ރ. އިން އެ ގުރޫޕު ޖޫރިމަނާ ކުރި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ