މޯދީގެ ދަތުރުފުޅުގެ ތެރެއިން ބަދަލުކުރެވިގެންދިޔަ އެއްބަސްވުންތަކުގެ ސަބަބުން ދެގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ: ރައީސް

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ބަދަލުކުރެވިގެންދިޔަ އެއްބަސްވުންތަކުގެ ސަބަބުން ދެގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވެފައިވަނީ އިންޑިއާގެ ބޮޑުވަޒީރާއެކު ބޭއްވެވި ރަސްމީ މަޝްވަރާތަކަށްފަހު ބޭއްވުނު ޖޮއިންޓް ޕްރެސް ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ދަތުރުފުޅުގައި ދެ ޤައުމުން 8 ދާއިރާއަކުން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުންތަކެއް ވަނީ ބަދަލުކުރައްވާފައެވެ.
ޖޮއިންޓް ޕްރެސްގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި ގޮތުގައި އިންޑިއާއަކީ އަބަދުވެސް ރާއްޖެއާ ގާތް ގުޅުމެއް ބާއްވަމުން އަންނަ ޤައުމެކެވެ. އަދި މި ދަތުރުފުޅުގެ ތެރެއިން ބަދަލުކުރެވުނު އެއްބަސްވުންތަކުގެ ސަބަބުން މި ގުޅުން އިތުރަށް ހަރުދަނާވެގެންދާނެއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ގޮތުގައި، އިންޑިއާއާއެކު ސޮއިކުރެވުނު 565 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް އެގްރީމަންޓް ބޭނުންކުރެވިގެންދާނީ އެންމެ މުހިންމު މަޝްރޫޢުތަކަށެވެ. މީގެ ތެރޭގައި ދިފާޢީ، ކުޅިވަރު، ސިއްޙީ، ތަޢުލީމީ އަދި ބޯހިޔާވަހިކަމުގެ ދާއިރާތައް ހިމެނެއެވެ.
"މިއަހަރު އަޅުގަނޑުމެން މި ފާހަގަކުރަމުންދަނީ އިންޑިއާއާއި ރާއްޖެއިން ޚާރިޖީ ގުޅުން ގާއިމްކުރިތާ 60 އަހަރު ފުރުން. ޕްރައިމް މިނިސްޓަރ މޯދީއާއެކު ކާމިޔާބު މަޝްވަރާތަކެއް ވަނީ ކުރެވިފައި. މި މަޝްވަރާތަކުގައި 2 ޤައުމުގެ ގުޅުމުގެ ވަރުގަދަކަމާއި ކާމިޔާބީއަށް އަލިއަޅުވާލެވުނު. އަދި ކުރިމަގުގައި ގުޅިގެން މަސައްކަތްކުރެވޭނެ ގޮތުގެ މަގުޗާޓެއް އެކުލަވާލެވިއްޖެ،" ރައީސް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ