ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ފޯވަޑް އަދި ރައްޔިތުންގެ މަޖިލިހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު (ޓޮމް)ގެ ހަޔާތުގައި މިއަދު އެ ސާބިތުކޮށްދެއްވީ އެހެން މީހުންނަށް ވެސް އިބުރަތްތެރި ފިލާވަޅެކެވެ: އުއްމީދު ދޫކޮށްނުލާށެވެ. ކޮންމެ ކަހަލަ ވަގުތެއްގައި ވެސް ތިމާއާ ދެކޮޅަށް ބަޔަކު ނުކުމެ، ވައްޓާލަފާނެ އެވެ. އެކަމަކު އަލުން ތެދުވެ ކާމިޔާބީއާ ހަމައަށް ވެސް ދެވޭނެ އެވެ.
މި ދެ ނަތީޖާ ތޯރިގު އެ ދެއްކެވީ ނުވަ އަހަރުގެ ތެރޭގަ އެވެ. ފުރަތަމަ 31 މޭ 2016ގައި އެފްއޭއެމްގެ ރައީސްކަމުގެ މަގާމު ހޯއްދެވުމެވެ. ވާދަކުރާނެ ދެވަނަ ކެންޑިޑޭޓެއް ނެތި، ވަރަށް އޮމާންކަމާ އެކު އެވެ.
ނަމަވެސް އެ މަގާމުގައި އޭނާއަށް ހުންނެވުނީ ހައެއްކަ މަސްދުވަހު އެވެ. އެކްސްކޯގެ ފަސް މެމްބަރަކު ކުއްލިއަކަށް އިސްތިއުފާ ދިނުމުން އާ އިންތިހާބަކަށް ދިޔަ އެވެ. އެ އިންތިހާބުގައި އޭނާއާ ވާދަކުރެއްވީ އޭނާގެ ރިޔާސަތުގައި ޖެނެރަލް ސެކްރެޓަރީއަކަށް ގެންނެވި އަދި ފަހުން ބޭރުކުރެއްވި ބައްސާމް އަދީލް ޖަލީލެވެ.
އެތެރޭގެ އެ ހަމަނުޖެހުންތަކުގައި ޖެނެރަލް ސެކްރެޓަރީގެ މަގާމުން 18 ސެޕްޓެމްބަރު 2016ގައި ބައްސާމް ވަކިކުރެއްވީ، ވަކި ސަބަބެއް ނާންގަވައި، ތޯރިގު ފޮނުއްވި ސިޓީއަކުންނެވެ. އެކަމާ ހިތްހަމަނުޖެހިގެން އެކްސްކޯގެ އެހެން ބައެއް މެމްބަރުން ވެސް އިސްތިއުފާ ދީ، ތޯރިގަށް އަގުލަބިއްޔަތު ގެއްލުނެވެ.
އެތެރޭގެ އެ ހަމަނުޖެހުމުގެ ހައްލަކަށް އޮތީ އާ އިންތިހާބެއް ބޭއްވުމެވެ. ތޯރިގަށް 20 ނޮވެމްބަރު 2016ގެ އިންތިހާބު ގެއްލުނީ އެންމެ ތިން ވޯޓުގެ ތަފާތުންނެވެ. އެކަމަކު އެ ތިން ވޯޓަކީ އޭރު އޭނާގެ ފުރަގަހުން ދިން ހަމަލާއެއް ފަދަ އަމަލެކެވެ.
މިއަދު މީރުމާ ހޮޓެލްގައި އޮތް އެފްއޭއެމްގެ އާ އިންތިހާބުގައި މެމްބަރު 23 ކްލަބްގެ ވޯޓާ އެކު ތޯރިގު އަލުން އެ ވަޑައިގަތީ އެފްއޭއެމްގެ ރިޔާސަތަށެވެ. މިހާ ހިސާބަށް އޭނާއަށް ވަޑައިގެންނެވުނީ، މީގެ ކުރިން އެފްއޭއެމްގެ އިންތިހާބެއްގައި އެހެން އެއްވެސް ކެންޑިޑޭޓަކަށް ކުރިމަތިނުވާ ފަދަ ގޮންޖެހުންތައް ވެސް ގިރާކުރައްވައިގެންނެވެ.
އެންމެ މުހިންމީ ސަރުކާރުގެ އެއްބާރުލުމެވެ. އޭނާއަށް ފުރަތަމަ ދުވަހުން ފެށިގެން ތާއީދުކުރި ކްލަބްތައް ގޮތުގައި ތިބުމެވެ. ފަހުން އެހެން ކްލަބްތައް ވެސް އެއް މޭޒަކަށް ގެނެވޭނެ މަގުތައް ކޮށައިގެންނެވެ.
މިއީ ފުޓްބޯޅަ ދަނޑުގައި އޭނާ ޖެއްސެވި ލަނޑެއް ނޫނެވެ. އެކަމަކު ފުޓްބޯޅައިގެ ދާއިރާގައި ޖައްސަވަން އޭނާ އެންމެ ބޭނުންވި 'ލަނޑެ'ވެ. އެ ނަތީޖާއާ ހަމައަށް ވަޑައިގެންނެވުނީ ކެތްތެރިކަމާ އެކު ކުރެއްވި ވަރަށް ގިނަ މަސައްކަތްތަކަކަށް ފަހު އެވެ. ބައްސާމުގެ ދެވަނަ ދައުރު ހަމަވުމުން އެފްއޭއެމްއިން ބާއްވަން އުޅުނު އާ އިންތިހާބު ދެ ފަހަރަށް، ފީފާ އާއި އޭއެފްސީން ހުއްޓުވީ އެފްއޭއެމްގެ އަސާސީ ގަވާއިދާ ހިލާފަށް ތޯރިގުގެ ނަން ބާތިލްކުރުމުންނެވެ.
އޭގެ ފަހުން މިއަދާ ހަމައަށް އެފްއޭއެމް ހިންގަމުން އައީ ފީފާއިން އެކުލަވާލި ނޯމަލައިޒޭޝަން ކޮމިޓީއަކުންނެވެ. އެ ކޮމިޓީގެ އެންމެ ބޮޑު ޒިންމާއަކަށް ވެފައި އޮތީ މި މަހު 31ގެ ކުރިން އާ އިންތިހާބު ބާއްވައި އާ މެނޭޖްމަންޓާ އެފްއޭއެމް ހަވާލުކުރުމެވެ.
މިއަދުގެ އިންތިހާބުގައި 23 ކްލަބުން ތާއީދުކުރި ތޯރިގުގެ އެކްޒެކްޓިވް ކޮމިޓީއަކީ:
އަހުމަދު ތޯރިގު، ރައީސް
އަލީ އިބްރާހިމް، ނިއު ރޭޑިއަންޓް، ސީނިއަ ވައިސް ޕްރެޒިޑެންޓް
ހުސެއިން ޝާފިއު، މާޒިޔާ، ވައިސް ޕްރެޒިޑެންޓް
މުޖުތަބާ ޖަލީލް، ނިއު ރޭޑިއަންޓް، ވައިސް ޕްރެޒިޑެންޓް
އިމްރާން މުހައްމަދު، ކުރީގެ ގައުމީ ޓީމުގެ ކީޕަރު، މެމްބަރު
މުހައްމަދު އުމައިރު، ކުރީގެ ގައުމީ ޓީމުގެ ކުޅުންތެރިޔާ، މެމްބަރު
އަހުމަދު އައްބާސް، ޓީސީ، މެމްބަރު
އަލީ ރިޒްވާން، ބީޖީ، މެމްބަރު
ހައްވާ ނަސްރާ ސައީދު، އަންހެން މެމްބަރު
ހައްވާ ރަޝީދާ، އަންހެން މެމްބަރު
ތޯރިގަށް އޮތީ އުނދަގޫ ދުވަސްތަކެކެވެ. އެކަމަކު ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފޯވަޑުންގެ ތެރޭގައި ހިމެނޭ އަދި ތިން ވަނަ ދައުރެއްގައި މަހިބަދޫ ދާއިރާގެ ގޮނޑި ފުރުއްވަމުން ގެންދަވާ ތޯރިގަކީ އެހާ ފަސޭހައިން ކަންކަން ދޫކުރައްވާ ބޭފުޅެއް ވެސް ނޫނެވެ. މިދިއަ އަހަރުގެ ފެބްރުއަރީ މަހު 'ދައުރު'އަށް އޭނާ ދެއްވި އިންޓަވިއުއިން ވެސް އެކަން އެނގެ އެވެ.
"އެފްއޭއެމްގެ އިންތިހާބަކީ ވެސް މިހާރު އަމިއްލަ ނަފުސު ވެސް ނުރައްކާތެރިކަމަށް ހުށައެޅޭ ޒާތަކަށް އޮތް ކަމެއް،" އޭނާ ވިދާޅުވި އެވެ.
"ދެން އެކަމަކު އަޅުގަނޑަކީ [ވެސް] އެހާ ފަސޭހައިިން ގޮތް ދޫކުރާ މީހެއް ނޫން."
އެކަން މިއަދު ސާބިތުކޮށްދެއްވައިފި އެވެ. އެކަމަކު ބަނގުރޫޓުވެފައި އޮތް އެފްއޭއެމާއި ހުއްޓިފައި އޮތް ފުޓްބޯޅައިގެ ހަރަކާތަށް ދިރުން ގެނައުމަކީ ވެސް އެހާ ފަސޭހަ މަސައްކަތެއް ނޫނެވެ. އެފްއޭއެމްގެ ދަރަންޏަކީ ވެސް ކޮބައިކަން މުޅިން ސާފެއް ނުވެ އެވެ. ފީފާއިން ދިން އެތައް މިލިއަން ޑޮލަރަކަށް ވީނުވީއެއް ނޭނގެ އެވެ.
ކުރީގެ އިންޓަވިއުގައި ތޯރިގު ވިދާޅުވީ "އެފްއޭއެމްގެ ހާލަތު ވަޒަންކުރަން ވެސް ނޭނގޭ" ކަމަށެވެ.
"ހާއްސަކޮށް ފައިނޭންޝަލް ކަންތައް މެނޭޖްކޮށްފައި އޮތީ ޕްރޮސެކިއުޓާ ޖެނެރަލް ބުނާހެން އާންމު އިންސާނަކު ކުރާ ގޮތަކަށެއް ނޫން. ކުންފުންޏަކުން ވެސް ކުރާ ޒާތަކަށް ނޫން،" އެފްއޭއެމްއާ ބެހޭ ޖިނާއީ ތަހުގީގެއް ހިންގަން ފުލުހުންނަށް އަމުރުކުރެއްވުމަށް ފަހު އޭރުގެ ޕީޖީ ހުސެއިން ޝަމީމް ދެއްކެވި ވާހަކައަށް އިޝާރަތްކުރައްވާ ތޯރިގު ވިދާޅުވި އެވެ.
"އިރާދަކުރެއްވިއްޔާ އަޅުގަނޑަށް ލިބޭ ހަތަރު އަހަރު ދުވަހު ދަރަނިން ސަލާމަތްކޮށް، ކޮންމެވެސް ހިސާބަކަށް، ކޮންމެވެސް ވަރަކަށް [ފުޓްބޯޅަ] މައްޗަށް ޖެއްސޭނެ."
މިއަދުން ފެށިގެން އެ މަސައްކަތަށް އޭނާގެ ވިސްނުން ދޫކޮށްލައްވަން ޖެހޭނެ އެވެ. ކުރީގެ ތަޖުރިބާއަކީ އެކަމަށް އޮތް ރަނގަޅު ފިލާވަޅެކެވެ.
ތޯރިގު އެންމެ ބޭނުންވި 'ލަނޑު' ޖަހައިފި، އެއީ އެފްއޭއެމްގެ އާ ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ