އިންޑިޔާގައި ބްރިޖެއް ވެއްޓި 15 އަށްވުރެ ގިނަ މީހުން މަރުވެއްޖެ

އިންޑިއާގެ ގުޖުރާތު ސްޓޭޓުގައި ބްރިޖެއް ވެއްޓި 15 އަށްވުރެ ގިނަ މީހުން މަރުވެ، އިތުރު ހަތަރު މީހުން ގެއްލިފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.
ބުދަ ދުވަހު ހިނގި މި ހާދިސާއާއި ގުޅިގެން ގުޖުރާތު ސްޓޭޓުގެ ސަރުކާރުގެ މަސްއޫލުވެރިން ވިދާޅުވީ، ބްރިޖު ހަލާކުވީ ކީއްވެކަން އަދި ކަނޑައެޅިފައި ނުވާ ކަމަށާއި، މައްސަލައިގެ ތަހުގީގުތައް ކުރިއަށްދާ ކަމަށެވެ.
މި ހާދިސާގައި ސަލާމަތްވި މީހުންގެ ތެރެއިން، އަނވަރުބާއީ ނަމަކަށް ކިޔާ މީހަކު ބީބީސީއަށް ދިން ބަސްދީގަތުމެއްގައި ބުނީ، އޭނާ އާއި އިތުރު ދެމީހަކު ވޭނެއްގައި އެ ބްރިޖުމަތިން ދަތުރުކުރަމުންދިޔައިރު ވަރަށް ބާރު އަޑެއް އިވުނު ކަމަށެވެ.
އެއާއެކު ފަހަތަށް ބަލައިލިއިރު، އޭނާގެ ފަހަތުން ބްރިޖުގެ ބައެއް މަހިސާގަރް ކޯރަށް ވެއްޓިފައިވާ ތަން ފެނުނު ކަމަށާ، ބްރިޖުން ދަތުރުކުރި ބައެއް އުޅަނދުތައްވެސް ކޯރަށް ވެއްޓުނު ކަމަށެވެ.
"ވަރަށް ބާރުގަދަ ގޮވުމެއްގެ އަޑު އިވުނީ، އަހަރުމެންގެ ފަހަތުން ބްރިޖުގެ ބައެއް ވެއްޓުނީ. އަހަރުމެން ތިބި ވޭން ވެސް ފަހަތަށް ދާން ފެށުމުން އަވަހަށް ފުންމާލީ،" އޭނާ ކިޔައިދިނެވެ.
މީގެ އިތުރުން، މި ހާދިސާގައި ދުއްވި ކާރު ކޯރަށް ވެއްޓި، އާއިލާގެ ހަ މީހުން މަރުވެ، ސަލާމަތްވި ހަމައެކަނި މީހާ ކަމުގައިވާ ސޯނާލްބެން ޕަދިޔާރު އިންޑިއަން އެކްސްޕްރެސް ނޫހަށް މައުލޫމާތު ދެމުން ބުނެފައިވަނީ، ކާރު ކޯރަށް ވެއްޓުނުއިރު އޭނާ އިނީ ފަހަތުގައި ކަމަށެވެ. މި ހާދިސާއަށްފަހު، އޭނާގެ ދަރިފުޅު ސަލާމަތްކޮށްދިނުމަށް އެދި ވަރަށް ބޮޑަށް ރޮއި އާދޭސްކޮށް ހަޅޭ ލަވަމުން ދިޔަ މަންޒަރު ފެންނަ ވީޑިއޯއެއްވެސް މީސް މީޑިޔާގައި ވަނީ ދައުރުވެފައެވެ. 
އިއްޔެ ވެއްޓުނު މި ބްރިޖަކީ ގާތްގަނޑަކަށް 40 އަހަރުވެފައިވާ ބްރިޖެކެވެ. އެއީ ވަޑޯދަރާ ޑިސްޓްރިކްޓް ސެންޓްރަލް ގުޖުރާތާ ގުޅުވައިދޭ މަގެކެވެ. މި މަގުގައި އާންމުކޮށް ގިނަ އަދަދެއްގެ އުޅަނދުފަހަރު ދަތުރުކުރެއެވެ.
ބްރިޖު ހަލާކުވުމާ ގުޅިގެން ސިޔާސީ ހޫނު ބަހުސެއް ވަނީ ފެށިފައެވެ. އެގޮތުން، ސަރަހައްދުގެ ރައްޔިތުން ބުނީ، ބްރިޖުގެ ހާލަތު ދެރަވެފައިވާ ކަމުގެ ޝަކުވާ އެތައް ފަހަރެއްގެ މަތިން ކޮށްފައިވާނެ ކަމަށެވެ. އެގޮތުން، ސަރަހައްދުގައި ދިރިއުޅޭ ރަވީބާއީ ބުނީ، ބަރު އުޅަނދުތައް ދުއްވާއިރު ބްރިޖު ހެލޭ ކަމަށެވެ. އެކަމުގެ ޝަކުވާކުރި ނަމަވެސް އެއްވެސް ފިޔަވަޅެއް ނާޅާ ކަމަށް އޭނާ ބުންޏެވެ. 
ނަމަވެސް ސަރުކާރުގެ އިދާރާތަކުން އެކަން ދޮގުކޮށް، ބްރިޖު މަރާމާތުކޮށް އިންސްޕެކްޓް ކުރާކަމަށް ވަނީ ބުނެފައެވެ. 
2022 ވަނަ އަހަރު ގުޖުރާތުގެ މޮރބީ ރަށުގައި ހުރި 137 އަހަރުވީ ސަސްޕެންޝަން ބްރިޖެއް ކޯރަށް ވެއްޓި 135 މީހުން މަރުވިއެވެ. މަގުބޫލު ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި އޮތް އެ ބްރިޖު ވެއްޓުނީ މަރާމާތުކުރުމަށްފަހު، ހުޅުވާލިތާ ދުވަސްކޮޅެއް ނުވަނީސްވެޣ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ