ރައީސް ޔާމީން މިނިވަން ކުރުމަށާއި 'އިންޑިއާ އައުޓް' ކުރުމަށް ޑިމޮކްރެޓުން ބައިވެރިވާނެ: އަލީ އާޒިމް

ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ނަގައި، އެ ފައިސާ މަނީ ލޯންޑާކުރިކަމުގެ ކުށް ސާބިތުވެ 11 އަހަރަށް ޖަލަށް ލާފައިވާ ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރަން ޕީޕީއެމުން ކުރާ މަސައްކަތުގައާއި އިންޑިއާއާ ދެކޮޅަށް އިދިކޮޅުން ކުރިއަށް ގެންދާ 'އިންޑިއާ އައުޓް' ކެމްޕެއިންގައި 'ދަ ޑިމޮކްރެޓްސް' އިން ބައިވެރިވާނެ ކަމަށް އެ ޕާޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާ، މެދު ހެންވޭރު ދާއިރާގެ މަޖިލިސް މެންބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ނިމުމަކަށް ގެނައުމަށް، އިދިކޮޅު ޕީޕީއެމް ކޯލިޝަނާއެކު ދަ ޑިމޮކްރެޓްސް އިން ކުރިއަށް ގެންދާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން މިއަދުގެ ބައްދަލުވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އަލީ އާޒިމް ވިދާޅުވީ، ރައީސް ސޯލިހުގެ ސަރުކާރު ނިމުމަކަށް ގެންނަން ދޭން ޖެހުނު ކޮންމެ އެހީތެރިކަމެއް ދޭން ތައްޔާރަށް އޮތް ކަމަށެވެ.
އެގޮތުން ރައީސް ޔާމީން މިނިވަންކުރަން ކުރާ މަސައްކަތުގައި ބައިވެރިވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އަލީ އާޒިމް ވިދާޅުވީ، ރަނގަޅު އިންސާފުވެރި ޝަރީއަތެއް ރައީސް ޔާމީނަށް ހޯދައިދޭންޖެހޭ ކަމަށާއި އެކަމަށްޓަކައި ކުރަން ޖެހުނު ކޮންމެ ކަމެއް ކުރާނެ ކަމަށެވެ.
އަލީ އާޒިމަކީ އެމްޑީޕީ މެންބަރެއްގެ ގޮތުގައި ހުންނެވި އިރު، ރައީސް ޔާމީން ހައްޔަރުކޮށް ޖަލަށްލާންޖެހޭ ކަމަށް އެންމެ ބާރަށް ގޮވަމުންދިޔަ މަޖިލިސް މެންބަރުންގެ ތެރޭގައި ހިމެނޭ އެއް މެމްބަރެވެ. މީގެ އަހަރެއްހާ ދުވަސް ކުރިން އޭނާ ވިދާޅުވެފައި ވަނީ ރައީސް ޔާމީނަކީ ދޫކޮށްލާފައި ބަހައްޓައިގެންވާނެ ބޭފުޅެއް ނޫން ކަމަށެވެ.
އިންޑިއާ އައުޓް ކެމްޕެއިންގައި ބައިވެރިވުމާ ގުޅޭ ގޮތުން ކުރި ސުވާލަށް ޖަވާބު ދެއްވަމުން އަލީ އާޒިމް ވިދާޅުވީ، ސަރުކާރު ބަދަލުކުރަން ކުރަންޖެހޭ ހުރިހާ ކަމެއްކުރާނެ ކަމަށާއި ދޫ ދޭންޖެހޭ ކަންކަމުގައި ދޫ ދޭނެ ކަމަށެވެ.
"އެއީ ނުވާނެ ކަމެއް ނޫން، ދެ ފަރާތުންވެސް ދޫ ދޭންޖެހޭ ކަންކަން އެބަހުރި، އެހެންކަމުން އެކަންތައްތަކަށް ދޫ ދީގެ ކުރިއަށްދާނީ،" އަލީ އާޒިމް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ